އިންސާނީ ހައްގުތަކުގެ ނަމުގައި ސްރީލަންކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އދ. އަށް ނުދޭނެ

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ސްރީލަންކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ނުދޭނެކަމަށް ވިދާޅުވެ ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ އިންސާނީ ހައްގުތަކުގެ ނަމުގައި އދ. ގެ ގުނަވަންތައް ބޭނުންކޮށްގެން އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާކަމަށް ވަނީ ތުހުމަތު ކުރައްވާފައެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް (ޔޫއެންއެޗްއާރްސީ) އިން ސްރީލަންކާގެ އިންސާނީ ހައްގުތަކުގެ ނަމުގައި މިދިޔަ ހަފްތާގައި ފާސްކުރި ގަރާރާބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ރައީސް ގޮތަބަޔަ ވިދާޅުވީ ސްރީލަންކާއަކީ ފުރިހަމަ ސިޔާދަތު ލިބިގެންވާ މުސްތަގިއްލު ގައުމެއް ކަމަށާ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތުގެ މައްޗަށް އދ. އަށް ބާރުނުފޯރުވޭނެ ކަމުގައެވެ.

2009 ގައި ނިމުމަކަށްއައި ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ އެންމެފަހު ދުވަސްތަކުގައި ސްރީލަންކާ ސިފައިން ތަމަޅަ ޓައިގަރުން ބަލިކުރުމަށް ދިން ވަރުގަދަ ހަމަލާތަކުގައި ތަމަޅަ އާންމުންގެ އެތަށްބަޔަކު މަރުވި ކަމަށްބުނާ މައްސަލާގައި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައިވެސް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބޮޑެތި ފިއްތުންތަކެއް ސްރީލަންކާއަށް އަމާޒުވިއެވެ. ނަމަވެސް އެމައްސަލަ ބަލައި އެކައުންސިލަށް ޖަވާބުދާރީ ވުމަށް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުންވަނީ ދެކޮޅު ހަދާފައެވެ.

އެއަށްފަހު ސްރީލަންކާގައި ވެރިކަންކުރެއްވި މައިތުރިޕަލަ ސިރިސޭނާގެ ވެރިކަމުގައި އެމައްސަލައިގެ ފިއްތުންތައް ކޮންމެވެސް ވަރަކަށް ސްރީލަންކާއަށް ކުރިމަތިވުމުން އެފިއްތުންތަކަށް ބޯލަނބައި އެކަމަށް އެއްބާރުލުން ދެއްވިއެވެ. ނަމަވެސް އެ ފިއްތުންތަކަށް ބޯލަނބައިގެން ސްރީލަންކާގެ ޖެނެރަލުންނާ ދެކޮޅަށް ފިޔަވަޅުއަޅަންޖެހޭ ހިސާބަށް ކަންތައްތައް ދިޔުމުން ގައުމުގެ އެތެރެއިން ކުރިމަތިވި ފިއްތުންތަކާއެކު ސިރިސޭނާއަށް އެކަން ކުރިޔަށް ގެންދެވޭގޮތެއް ނުވިއެވެ. ސިރިސޭނާގެ ސަރުކާރަކީ ހުޅަނގުގެ ސަޕޯޓް އޮތް އަދި ހުޅަނގަށް ބޯލަނބާ ސަރުކާރަކަށް ވުމާއެކު ފަހުން އދ. މެދުވެރިކޮށް އޭނާގެ ސަރުކާރަށް އެކަމުގައި މާބޮޑު ފިއްތުންތަކެއް ކުރިމައްޗެއް ނުވެއެވެ.

އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލް

2019 ވަނައަހަރު މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސަގެ ސްރީލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު އދ. ން އަނެއްކާވެސް މިވަނީ ސްރީލަންކާގެ އިންސާނީ ހައްގުތަކާބެހޭ މައްސަލަ އަލުން ނަގާފައެވެ. މިއާއެކު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިދިޔަ ހަފްތާގައިވަނީ ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ސްރީލަންކާ ސިފައިން ލާއިންސާނީ ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެމައްސަލަ ބަލައި ތަހްގީގްކޮށް އަދަބު ދޭންޖެހޭ ފަރާތްތަކަށް އަދަބު ދިނުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ.

"ޕްރޮމޯޓިންގް ރީކޮންސިލިއޭޝަން، އެކައުންޓަބިލިޓީ އެންޑް ހިއުމަން ރައިޓްސް އިން ސްރީލަންކާ" ގެ ނަމުގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިމަހުގެ 23 ވަނަ ދުވަހު މިގަރާރު ފާސްކޮށްފައިވަނީ އެ ކައުންސިލްގައި ހިމެނޭ 47 ގައުމުގެ ތެރޭން 22 ގައުމަކުން ވޯޓުދީގެންނެވެ. ވޯޓުދިން 22 ގައުމުގެ ތެރޭގައި އިނގިރޭސިވިލާތާއި ކެނެޑާ އަދި ޖަރުމަނު ހިމެނެއެވެ. ވޯޓު ދިނުމަށް ދެކޮޅު ހެދި 11 ގައުމުގެ ތެރޭގައި ޕާކިސްތާން، ޗައިނާ އަދި ރަޝިޔާ ހިމެނެއެވެ. ވޯޓުގައި ބައިވެރިނުވާ 14 ގައުމު (ވަކިކޮޅަކަށް ވޯޓު ނުދޭ) ގެ ތެރޭގައި އިންޑިޔާ، ނޭޕާލް، ޖަޕާން އަދި އިންޑޮނޭޝިޔާ ހިމެނެއެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ސްރީލަންކާއާ ދެކޮޅަށް މިގަރާރު ފާސްކުރުމަށް މަގުފަހިވެގެން ދިޔައީ ސްރީލަންކާގެ އިންސާނީ ހައްގުތަކުގެ ނަމުގައި 2015 ވަނަ އަހަރު އދ.ން ފާސްކުރި ގަރާރު އެގައުމުގެ އޭރުގެ ރައީސް މައިތުރިޕަލަ ސިރިސޭނާގެ ސަރުކާރުން ބަލައިގަތުމުގެ ސަބަބުންނާއި އެކަމަށް އެއްބާރުލުން ދިނުމުގެ ސަބަބުން ކަމަށް ރައީސް ގޮތަބަޔަ ދެކެވަޑައިގަންނަވައެވެ. ސިރިސޭނާގެ ސަރުކާރުން އެކަން ބަލައިގަނެ އެއްބާރުލުން ދިނުމަކީ އަމިއްލަ ގައުމުގެ ދާޚިލި ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކަށް ވަނުމުގެ ފުރުސަތު ދިނުމަށް ހިންގި ޚިޔާނާތުގެ އަމަލެއްކަމަށް ގޮތަބަޔަ ވަނީ ސިފަކުރައްވާފައެވެ.

ސްރީލަންކާގެ ދެކުނުގެ މާތަރަ ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ގޮތަބަޔާ ފާހަގަ ކުރެއްވި ގޮތުގައި އިންސާނީ ހައްގުތަކުގެ ނަމުގައި އދ. ގެ މުއައްސަސާތައް މެދުވެރިކޮށް މިފަދަ ފިއްތުންތައް އޭނާގެ ސަރުކާރަށް ކުރިމަތިވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކުން އޭޝިއާ ޕެސިފިކް އާއި އިންޑިއާ ކަނޑުގައި ހިންގާ އެގައުމުތަކުގެ ސިޔާސީ މަސްލަހަތުތަކާ ގުޅިފައިވާ ކަންކަމުގައި ސްރީލަންކާ ބައިވެރިނުވާތީއާއި އެ ބާރުތަކުގެ މަސްލަހަތަށްވުރެ ސްރީލަންކާއިން އެގައުމުގެ އަމިއްލަ މަސްލަހަތާއި ތަރައްގީއަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭތީއެވެ.

އެހެންކަމުން މިއީ އިންސާނީ ހައްގުތަކުގެ ނަމުގައި އަންނަ ފިއްތުންތަކެއް ކަމަށްވިޔަސް މިއީ ސިޔާސީ މަގްސަދުތަކެއްގައި ސްރީލަންކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ތަރައްގީއަށް ހުރަސްއެޅުމުގެ ރޭވުމުގެ ދަށުން އަންނަ ފިއްތުންތަކެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ވަކި ގައުމެއް އަދި ގައުމުތަކެއްގެ ނަން ގޮތަބަޔާ ވިދާޅެއް ނުވެއެވެ.

އިންސާނީ ހައްގުތަކުގެ ނަމުގައި ބައިނަލްއަގްވާމީ މަހްފަލްތަކުގައި ވަކާލާތުކުރާ އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކަކީ ސިޔާސީ ބޭނުންތަކާއި އެގައުމުތަކުގެ އަމިއްލަ މަސްލަހަތުތަކަށް އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ގައުމުތަކެކެވެ. އެގައުމުތައް ނުރުހޭ ނުވަތަ އެގައުމުތަކުގެ މަސްލަހަތުތަކަށް އިސްކަންނުދޭ ސަރުކާރުތައް އޮންނަ ގައުމުތަކަށް އިންސާނީ ހައްގުތަކުގެ ނަމުގައި ބޮޑެތި ފިއްތުންތައް ކުރިމަތިކޮށް އެގައުމު ރުހޭ ސަރުކާރުތައް އޮންނަ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ މައްސަލައާ އަޅާނުލާ ގައުމުތަކެއްގެ ގޮތުގައި ސިފަކުރެވޭ ގައުމުތަކެކެވެ.

އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ބޮޑެތި ޖަރީމާތަކަށް ލޯމަރާލައިގެން އޮންނަ އެމެރިކާ ދާދިފަހުންވަނީ އިސްރާއީލުގެ ޖަރީމާތަކުގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ބަލަންފެށުމުން އެކޯޓާ ދެކޮޅަށް އަޑުއުފުލައި އިސްރާއީލުގެ ދިފާއުގައި ވާހަކަ ދައްކައި އެމައްސަލަ ބެލުން ހުއްޓާލުމަށް މަސައްކަތްކޮށްފައެވެ. މީގެއިތުރުން އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހްގީގްކުރާ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރާއި ފަނޑިޔާރުންނާ ދެކޮޅަށްވެސް އެމެރިކާވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެބޭފުޅުން އެމެރިކާއަށް ވަނުންވެސް މަނާކޮށްފައެވެ. މިއީ އިންސާނީ ހައްގުތަށް ސިޔާސީ ހަތިޔާރަކަށް ހަދާކަމުގެ ފުރިހަމަ މިސާލެކެވެ.

މިމަހުގެ 23 ވަނަ ދުވަހު އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ފާސްކުރި ސްރީލަންކާގެ އިންސާނީ ހައްގުތަކާބެހޭ ގަރާރުގައި ސްރީލަންކާގެ ސިފައިން އެގައުމުގެ ދާޚިލީ ހަނގުރާއިގެ ފަހު ދުވަސްތަކުގައި ތަމަޅަ އާންމުންނާ ދެކޮޅަށް ހިންގިކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ ހެކި ހޯދައި އެމައްސަލަ ތަހްގީގްކޮށް ކުށްވެރިވާ ފަރާތްތައް ކަނޑައެޅުމުގެ ބާރު އެކައުންސިލަށް ދީފައިވެއެވެ. ނަމަވެސް މިކަން ކުރެވޭނީ ސްރީލަންކާ ސަރުކާރުން އެކަމަށް އެއްބާރުލުން ދީގެންނެވެ. އެއްބާރުލުން ނުދޭނަމަ ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެއެވެ.

މިފަދަ ކަންކަމުގައި އދ. އަށް ގައުމަކާ ދެކޮޅަށް ފިޔަވަޅު އެޅޭނީ ސަލާމަތީ މަޖިލިހާ ހިސާބަށް މައްސަލަގެންގޮސް އެމަޖިލީހުން ފިޔަވަޅު އެޅުމަށް ފާސްކޮށްގެންނެވެ. އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލް ގައިވެސް މިމައްސަލައާ ދެކޮޅަށް ވޯޓު ދިން ޗައިނާއަކީ ސަލާމަތީ މަޖިލީހުގެ ނިންމުންތައް ވީޓޯކުރުމުގެ ބާރު ލިބިދޭ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެމެރިކާއިން ޗައިނާއާ ދެކޮޅަށް އޭޝިއާ ޕެސިފިކް އާއި އިންޑިއާ ކަނޑުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށް ސްރީލަންކާ ވަނީ ފާޅުގައި ދެކޮޅު ހަދާފައެވެ.

އެހެންކަމުން އިންސާނީ ހައްގުތަކުގެ ނަމުގައި އދ. ގެ ގުނަވަންތައް މެދުވެރިކޮށް ސްރީލަންކާއަށް ކުރިމަތިވަމުން މިދަނީ އެމެރިކާއާ ގުޅިގެން ޗައިނާއާ ދެކޮޅަށް ހަރަކާތްތެރިވުމަށް ދެކޮޅު ހަދާ މައްސަލައިގެ ފިއްތުންތައް ކަމަށް ސްރީލަންކާގެ ލީޑަރުން ދެކެވަޑައިގަންނަވައެވެ.

comment ކޮމެންޓް