ވޮލީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ހުޅުވާލައިފި

އޮގަސްޓް، 13، 2019: ރާއްޖެއާއި ލަންކާއާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީބޯޅަ މެޗްގެ ތެރެއިން: މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ އިތުރުން އދ. ގެ ޒުވާނުންގެ މަންދޫބު ޖަޔާތުމާ ވެސް ވަޑައިގެންނެވި -- ފޮޓޯ/ ރައީސް އޮފީސް

ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ވޮލީގެ ހިންގުން އަލުން ހަމައަކަށް އެޅުވުމަށްޓަކައި، އަންނަ މަހު އެއް ވަނަ ދުވަހު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވޮލީގެ މައްސަލަ ހޫނުވެ 2019 ވަނަ އަހަރު ވޮލީ އެސޯސިއޭޝަނުގެ ގިނަ މަސައްކަތްތަކެއް ހުއްޓިފައިވަނިކޮށް، ރާއްޖޭގެ ވޮލީއާ ގުޅޭ ކަންކަމަށް ހައްލެއް ލިބުނީ މި މަހު 16 ވަނަ ދުވަހު އެވެ. މިދިޔަ ބުދަ ދުވަހު އެ އެސޯސިއޭޝަނުން އެކްސްޓްރާ އޯޑިއަނަރީ ކޮންގްރެސްއެއް ބާއްވާފައިވާ އިރު، އެންމެ ފަހުގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް ވަނީ އިންތިހާބު ފަސްކުރުމަށް އެދިފަ އެވެ. އެކަމަކު ކުލަބުތަކުން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމާފައެވެ.

އެއާ އެކު އިއްޔެ ވީއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވީއޭއެމުގެ ކުރިއަށް އޮތް ދައުރަށް އިންތިޚާބުކުރެވޭ ހިންގާ ކޮމިޓީ މެމްބަރުންނާއި އިންތިޚާބު ކުރެވޭ ކޮމިޝަން މެންބަރުން ހޮވުމައްޓަކައި ބާއްވާ ޖެނެރަލް އިލެކްޓޯރަލް އެސެމްބްލީ އޭޕްރީލް މަހުގެ އެކެއްވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގައި ބޭއްވުމަށްހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ އެސެމްބްލީ ބޭއްވުމަށް ހަމަޖެހިފައިވަނީ ވާޗުއަލްކޮށް ކަމަށާއި، އެހެންނަމަވެސް އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާ އެއްގޮތަށް ވޯޓުލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި، އެކަން ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި، އިލެކްޓޯރަލް ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށްވެސް ވަނީ ބުނެފައެވެ.

މިއާ އެކު ވީއޭއެމް އިންތިހާބުގައި އިންތިހާބުކުރާނީ ރައީސާއި ނައިބު ރައީސް އަދި ހަޒާންދާރުގެ އިތުރުން ތިން ކޮމިޝަނުންގެ މެމްބަރުންނެވެ. އެއީ ޓެކްނިކަލް އަދި ޑިވެލޮޕްމަންޓް ކޮމިޝަންގެ ތިން މެމްބަރުންނާއި ރޫލްސް ކޮމިޝަންގެ ތިން މެމްބަރުންގެ އިތުރުން ބީޗް ވޮލީ ކޮމިޝަންގެ ހަ މެމްބަރުންނެވެ.

ވީއޭއެމުގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލިއިރު، މީގެ ކުރިން އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ ކުރިން ވީއޭއެމްގެ ނައިބު ރައީސަކަށް މަސައްކަތްކުރެއްވި އިލްޔާސް ވަހީދު (އިއްލަ) އާއި އެންމެ ފަހުގެ އިންތިހާބީ ރައީސް ލަތީފްގެ ލީޑަޝިޕްގައި ހަޒާންދާރެއްގެ އިތުރުން ސީނިއާ ނައިބު ރައީސްގެ މަގާމު ފުރުއްވި މުޙައްމަދު ރަނޭޝް (ރަނޭ) އެވެ.

comment ކޮމެންޓް