ރައްޔިތުންގެ މަޖިލީހަކީ "ފުލުސް ކޯޓު" ކަމަށް މެންބަރަކު ސިފަކުރައްވައިފި

އޭޕްރިލް 15، 2019: ރައްޖިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މައްސަލައެއްގައި ކޮރަޕްޝަން އޮތްތޯ ނޫނީ ނެތްތޯ ކަނޑައަޅައި ޝަރީއަތް ކުރާ ތަނަކީ ރައްޔިތުންގެ މަޖިލީސް ކަމަށް ވެގެން ނުވާނެ ކަމަށާއި "މިއަދު ފެންނަ މަންޒަރަކީ ފުލުސް ކޯޓު އަލުން އިޔާދަވާ މަންޒަރު ކަމަށް" ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފު ސިފަކުރައްވައިފި އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ސަރުކާރުން ގެންނަން އުޅުނު 75 ވެންޓިލޭޓަރު ނުގެނެވި، އެކަމުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލާގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލާގައި މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން މަރަދޫ މެންބަރު ޝަރީފު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ބޭނުންކުރާ "އަސާބުރިއަކަށް" ރައްޔިތުންގެ މަޖިލީސް ވެގެން ނުވާނެ ކަމަށެވެ.

ފުލުސް ކޯޓަކީ ކުރީގެ ރައީސް އިބްރާހީމް ނާސިރާއި އަދި ފަހުން ރައީސް މައުމޫންގެ ސަރުކާރުގައި ފުލުސް އޮފީހުގައި ވަކި ކޯޓެއް ހަދައިގެން މީހުންނަށް ކަންކަމުގައި ހުކުމް ކުރުމަށް ބޭނުން ކުރި ކޯޓެކެވެ.

މިއަދުގެ ޖަލްސާގައި ފުލުސް ކޯޓު އަލުން އިޔާދަވާ ކަމަށާއި އެކަމަށް "މީދެ ބަރު ވެސް ހެކިދޭ، މޭޒު ވެސް ހެކިދޭ" ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު އެ މޭރުމުން ދެއްކި ވާހަކަ އާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ "ހައިބަތަށާއި އިއްޒަތަށާއި ގަދަރަށް" އުނިކަން ލިބޭ ގޮތަށް ވާހަކަ ނުދެއްކެވުމަށެވެ.

އެއާ ވިދިގެން ޝަރީފު ވިދާޅުވީ އޭނާ ވެސް ގަބޫލު ކުރައްވާ ގޮތުގައި ސަރުކާރާއި ދައުލަތް ޒިންމާދާރު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް "މިތަނަކީ ފުލުސް ކޯޓް ކަމަށް ވެގެން ނުވާނެ" ކަމަށާއި "އެބަރު ހެކި ދިނޭ ކިޔާފައި މިތަނުގައި ޝަރީއަތްކޮށް ހުކުމް ކުރާ ތަނަކަށް މިތަން ވެގެން ނުވާނެ" ކަމަށެވެ.

ވެންޓިލޭޓަރުގެ މައްސަލައަކީ ބަޔަކު އިހުމާލުން ވިއަސް އަދި ފަރުވާ ކުޑަކަމުން ވިއަސް ދައުލަތުން 31 މިލިއަން ރުފިޔާ ގެއްލިފައިވާ މައްސަލައެއް ކަމަށް ޝަރީފު ވެސް ވިދާޅުވި އެވެ. އަދި އެއީ ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 220 ވަނަ މާއްދާ އިން މަތިކޮށްފައިވާ ޕްރޮސެކިއުޓާ ޖެނެރަލަކު މައްސަލައެއް ނިންމާ ގޮތަކުން އަދި ކޯޓެއްގެ ފަނޑިޔާރަކު މައްސަލައެއް ނިންމާ ގޮތަކީ "ސިޔާސީ ވެރިއަކު ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ޓަކައި ބޭނުންވާ ކޮންމެ ފަހަރަކު" އެ ބޭފުޅެއްގެ އަބުރު ކަތިލައި އެ މީހަކު މަގާމުން ވަކި ކުރާ އުސޫލު އޮންނަ ނަމަ ރާއްޖޭގައި މިނިވަން މުއައްސަސާތައް ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ހަތްދިހަ ފަސް ވެންޓިލޭޓަރުގެ މައްސަލާގައި ވަކި މީހެއްގެ މައްޗަށް ދައުވާ ކުރެވޭ ވަރުގެ "އުންސަރު" ނޫނީ ހެކި ނެތް ކަމަށް ބުނެ ޕްރެސެކިއުޓާ ޖެނެރަލް ވަނީ އެ މައްސަލަ ދެ ފަހަރަށް އަނބުރާ ފޮނުވާލައިފަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެ މައްސަލާގައި މިއަދު ބަހުސު ކުރަނިކޮށް ޕީޖީ ހުސައިން ޝަމީމު އަނެއްކާ ވެސް ނިންމެވީ އެ މައްސަލާގައި ދައުވާ ކުރުމަށެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާ ކުރެވޭ ވަރަށް އުންސަރު ނެތް ކަމަށް ޕީޖީ ކުރިން ވިދާޅުވި ނަމަވެސް އެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިންކާރު ކުރެ އެވެ. އެ ކޮމިޝަނުން ބުނަނީ އެ ފަރާތުން ހުށަހެޅި މައްސަލާގައި ދައުވާ ކުރެވޭ ވަރުގެ ހެކި ހުންނާނެ ކަމަށެވެ.

comment ކޮމެންޓް