ވެންޓިލޭޓަރުތަކުގެ މައްސަލަ މުރާޖައާ ކުރަން އަނެއްކާވެސް ޕީޖީއިން ނިންމައިފި

ޖުލައި 14، 2020: ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ކުރުމަށް ބޭނުންވާ ވެންޓިލޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަ މުރާޖައާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮޮމިޝަން (އޭސީސީ) އިން ޕީޖީއަށް ފޮނުވި އެވެ. ނަމަވެސް، ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީއިން ވަނީ ދައުވާ ނުކުރަން ނިންމައިފަ އެވެ. އެ ނިންމުން ރިވިއުކުރި ނަމަވެސް މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމަށް ބަދަލުނުގެންނަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.

އެކަމާ ހެދި ޕީޖީ އޮފީހަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދައުވާ ނުުކުރަން ނިންމި ނިންމުމާ ހެދި އޭސީސީއާއި އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން، އެ މައްސަލައިގައި ޕީޖީ އޮފީހުން ނިންމި ނިންމުން އަލުން ބަލައި، އެކަމުގައި އިތުރަށް ބަލަން ޖެހޭ ކަންކަން އިތުރަށް ހުރިތޯ ބަލަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މައްސަލަ މުރާޖައާ ކުރާއިރު، ފުލުހުންނާ ގުޅިގެން ހޯދާފައިވާ ހެކިތައްވެސް ވަކިން ގެނެސް، އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމެއް އޮތްނަމަ އެކަމެއް ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގު ކުރުމަށް އޭސީސީއަށް އިރުޝާދު ދިނުމަށްވެސް ގަސްދު ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކުރިން ދިން އިރުޝާދުގައިވާ ކަންކަން ތަހުގީގު ކުރުމުގައި އޭސީސީއަށް އެހީވުމަށް ފުލުހުންނަށް އިރުޝާދު ދިނުމަށްވެސް ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

ޖިނާއީ މައްސަލައެއްގައި ދައުވާ ކުރާ އިރު ލިބިފައި ހުރި ހެއްކާއި އާންމު މަސްލަހަތަށް ބަލަން ޖެހޭ ކަމަށް ޕީޖީގެ ބަޔާނުގައިވެ އެވެ. ވެންޓިލޭޓަރުތަކުގެ މައްސަލައަކީ ޝައްކެއް ނެތް ގޮތުގައި އާންމު މަސްލަހަތާ ގުޅޭ ކަމަކަށް ވިޔަސް، އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ހުރިކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށް ޕީޖީއިން ބުންޏެވެ.

"މިހާރު އަމަލުކުރަމުންދާ ގާނޫނީ ނިޒާމުގައި ހިޔާލީ ވާހަކައެއް ނުދެއްކޭނެ އެވެ. ދައުވާގެ ކޮންމެ އިބާރާތެއް ހެއްކާއެކު ސާބިތުކޮށްދޭން ޖެހެ އެވެ. އެކަމުގައި މި އޮފީހުން ބަރޯސާ ވަނީ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ހޯދާފައިވާ ހެކިތަކަށެވެ،" ޕީޖީގެ ބަޔާނުގައިވެ އެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން އެންޓި ކޮރަޕްޝަންގެ ކޮމިޝަނުގެ މަސައްކަތަކީ ތަހުގީގުކޮށް ހެކިތައް ހޯދާފައި ދައުވާ ކުރަން ފޮނުވުންކަން ޕީޖީ އޮފީހުން ފާހަގަކުރި އެވެ. އަދި ދައުވާ ކުރުމާއި ނުކުރުމަކީ ގާނޫނުއަސާސީއިން ޕީޖީ އޮފީހަށް ލިބިދީފައިވާ ބާރެއްކަން ފާހަގަކުރި އެވެ.

ވެންޓިލޭޓަރު ކޮރަޕްޝަން ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފެއިލްވެއްޖެ ކަމަށާއި އޭނާ އެ މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނާކަށް ނޭދޭ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.

comment ކޮމެންޓް