އޭލެވެލް އިމްތިހާނުގައި ބައިވެރިވުން ފަސްކުރުމުގެ ފުރުސަތު ހުޅުވާލައިފި

ދަރިވަރުންތަކެއް އިމްތިހާނެއް ހަދަނީ--

މިއަހަރުގެ އޭޕްރީލް/މެއިގައި ބާއްވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ދަރިވަރުން ބޭނުންވާނަމަ ފޯމު އަނބުރާ ނެގުމަށްފަހު މިއަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެގޮތަށް ފޯމު އަނބުރާ ނަގާ ކުދިންނަށް ސްކޫލުގެ ނަމުގައި އަލުން ބައިވެރިވެވޭނެ ކަމަށެވެ.

އެހެން ނަމަވެސް ގަދަ 10އަކަށް ދަރިވަރުން ހޮވުމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް/މެއިގެ އިމްތިހާނުގެ ނަތީޖާއަަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ފޯމު އަނބުރާ ނެގޭނީ އައިއޭލެވެލްގެ މާއްދާތަކުން އެކަނި ކަމަށާއި އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އިމްތިހާނު މިހާރު ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ފޯމު އަނބުރާ ނަގަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ދަރިވަރަކު ކިޔަވާ ސްކޫލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް އަންގަންވާނެ އެވެ.

މިއަހަރުގެ އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނުތައް އަންނަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ފަށާނެ އެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ 2020 ވަނަ އަހަރުގެ މެއި/ޖޫން އޭލެވެލް އިމްތިހާނު ބާއްވައިފައެއް ނުވެއެވެ. އެ އިމްތިހާނު ކުރިއަށް ގެންދިޔައީ އޮކްޓޯބަރު/ނޮވެމްބަރުގަ އެވެ.

comment ކޮމެންޓް