ދަރަވަންދޫ، ތުޅާދޫ އަދި ކެންދޫ ދަނޑުގެ މަސައްކަތް ފަށަނީ

ބ. އަތޮޅު ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

‎މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓް ގައި މިއަދު އޮތް ސޮއި ކުރުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ. ސަބް ބޭސްގެ މަސައްކަތްތައް ހަވާލު ކުރި އާރުޑީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް އެފެއާޒް އަހުމަދު ޝުހާދު އެވެ.

‎މިއަދު ސޮއި ކުރި ތިން ރަށަކީ ބ. ދަރަވަންދޫ، ތުޅާދޫ އަދި ކެންދޫއެވެ.
‎ބ. ދަރަވަންދޫ އަދި ބ. ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ ކޮންމެ ދަނޑެއް 2.2 މިލިއަން ރުފިޔާއަށް އަދި ބ. ކެންދޫ ފުޓޫބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ 1.6 މިލިއަން ރުފިޔާއަށެވެ.

މިއަދު ސޮއި ކުރެވުނު ތިން ރަށުގެ ދަނޑުތައް ވެސް މަސައްކަތް ފަށާތާ 35 ދުވަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓް ހެދިފަރާތްތަކުން އެއްބަސްވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް