ދެ އަހަރުގެ ކުއްޖަކު ޕޮޒިޓިވްވެ، އަލިފުށި މޮނިޓަރިން ހާލަތަށް ގެނެސްފި

ރ. އަލިފުށި -- ފޮޓޯ: އަލިފުށި އޮންލައިން

ދެ އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ، ރ. އަލިފުށި މޮނިޓަރިން ހާލަތަށް ގެނެސްފި އެވެ.

އެރަށު ކައުންސިލް ރައީސް އަބްދުﷲ ރާޒީ މިރޭ "ސަން"އަށް ވިދާޅުވީ، ޕޮޒިޓިވެފައިވަނީ، މިމަހު 14 ވަނަ ދުވަހު ރ. އުނގޫފާރަށް ދިޔަ ކުއްޖެއް ކަމަށެވެ.

އުނގޫފާރުން ރޯގާގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެން މިމަހު 19އިން ފެށިގެން އެރަށް އޮތީ މޮނީޓަރިން ހާލަތުގައެވެ. އެ ކޭސްއާ ގުޅިގެން މިމަހު ދޭއްގެ ފަހުން އުނގޫފާރުން ފުރި މީހުން ކަރަންޓިންވާން އޮތީ އަންގާފައެވެ.

ރާޒީ ވިދާޅުވީ، ދެ އަހަރުގެ ކުއްޖާ މިމަހު 19 ވަނަ ދުވަހުން ފެށިގެން ހުރީ ކަރަންޓީނުގައި ކަމަށެވެ.

އަލިފުށި މޮނިޓަރިން ހާލަތައް ގެނައީ، އެ ކުއްޖާ ޕޮޒިޓިވްވުމާ ގުޅިގެން އަދިވެސް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލިފުށި މޮނިޓަރިން ހާލަތަށް ގެނައިރު، ފަސް މީހަކު ޕޮޒިޓިވްވެގެން ގދ. ތިނަދޫ ވެސް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.

މިހާތަނަށް ރާއްޖެއިން 23،200އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 20،529 މީހަކު ވަނީ ބަލިން ރަނގަޅުވެފަައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ. 2،635 އެވެ.

comment ކޮމެންޓް