ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިނިން: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް19 އަށް ޕޮޒިޓިވްވެގެން ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ކުރުމަށް ބޭނުންވާ ވެންޓިލޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގެ ތަހުގީގަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީީސީ)އިން ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައެވެ. އަދި ލިބުނު އާ މައުލޫމާތުތަކާއެކުވެސް އުންސުރު ހަމަނުވާކަމަށް ބުނެ އެ މައްސަލައިގައި ދައުވާ ނުކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ދެވަނަ ފަހަރަށްވެސް ނިންމާފައެވެ.

އެކަމާ ގުޅިގެން ސަރުކާރުގެ ހިންގާ މައި ޕާޓީ، އެމްޑިޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ސަރުކާރަށާއި ޕީޖީއަށް ބަހުގެ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައި ރައީސް އޮފީހުން މިރޭ ވަނީ ކުއްލި ނޫސް ބަޔާނެއް ނެރެފައެވެ.

އެ ނޫސް ބަޔާނުގައި ބުނީ، ހެލްތް މިނިސްޓްރީން ކުރި ކޮވިޑް ހަރަދުތަކުގެ އޮޑިޓް ރިޕޯޓުގައި ބައެއް ކަންކަން ފާހަގަކޮށްފައިވާތީވެ، އެކަމުގައި ކޮރަޕްޝަނުގެ އަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް އަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ ކަމާ ބެހޭ އިދާރާތައް ގުޅިގެން ތަހުގީގެއް ކުރުމަށް އެންގި ކަމަށެވެ.

އެގޮތުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް އަންގާފައިވާ ކަމަށް ސަރުކާރުގެ ނޫސްބަޔާނުގައި ބުންޏެވެ.

"ތަހުގީގަށް ބޭނުންވި އެންމެހައި މައުލޫމާތުތަކާއި ފުރިހަމަ އެއްބާރުލުން އެ ކޮމިޝަނަށް ސަރުކާރުން ވަނީ ދީފައި،" ރައީސް އޮފީހުގެ ނޫސް ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން އެ ތަހުގީގު ހިނގަމުންދިޔަ އިރު، ވީހާވެސް އިންސާފުވެރިކަމާއިއެކު މައްސަލަ ތަހްގީގުކުރުމަށް ފުރުސަތުދިނުމުގެ ގޮތުން އެ މައްސަލައިގައި ތުހުމަތުކުރެވުނު ސަރުކާރުގެ އެންމެހާ މުވައްޒަފުން ތަހްގީގު ނިމެންދެން މަސައްކަތުން އެކަހެރި ކުރި ކަމަށް ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ، ދައުލަތުން އުފުލާ ދައުވާތަކުގެ ކަންކަމުގައި ޕީޖީ އާއި ބަންޑާރަ ނައިބަށް މުސްތަގިއްލުކަން ގާނޫނުއަސާސީން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒަތީ ތައައްސުބެއް ނެތި މިނިވަންކަމާއި އަދުލުވެރިކަމާއެކު ދައުވާތައް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މިފަދަ އުސޫލުތައް ނަގަހައްޓައި، އެންމެހައި މީސްތަކުންގެ ހައްގުތައް ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލާޒިމް ކުރާ ކަމެކެވެ،" ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ، ދައުލަތާއި ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި އެ ހައްގުތައް ކަށަވަރުކުރުމުގައި ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކަމަށެވެ.

https://sun.mv

comment ކޮމެންޓް