ކުށްމަދުކުރަން ފުލުހުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އިލްތިމާސް

މިއަދުގެ ރަސްމިއްޔާތުގައި ނައިބުރައީސް ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ޕޮލިސް

ކުށް މަދުކުރުމަށް ފުލުހުން ކުރާ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފި އެވެ.

އާ ގާނޫނުގެ ދަށުން ފުލުހުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ފުލުހުންނަކީ ރެއާއި ދުވާލު ރައްޔިތުންގެ ހިމާޔަތުގައި، ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ގައުމުގައިހުރި މައްސަލަތަކަކީ ވަކި އާއިލާއަކަށް، ވަކިބަޔަކަށް ނިސްބަތްވާ މައްސަލަތަކެއް ނޫން ކަމަށާއި ގައުމުގއި ހުރި ހުރިހާ މައްސަލަތަކަކީ، އެ މައްސަލަތައް ހުރުމުން، ގައުމުގެ ހުރިހާ ރައްޔިތުންނަށް، އޭގެ ހިތާމަ އާއި ދަތި ކުރިމަތިވާ ކަންތައްތައް ކަމަށެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށްވެސް ގޮވާލަން އޮތީ، ވަކިން ހާއްސަކޮށް، ފުލުހުންގެ ހިދުމަތް ލާމަރުކަޒުކޮށް، އެ މަސައްކަތް ރަށު ކައުންސިލުތަކާއި، ޖަމްއިއްޔާތަކާއި އަދި ރައްޔިތުންނާ ގުޅިގެން ކުރަމުންދާއިރު، ކުށް ކުރުން ހުއްޓުވުމަށްޓަކައި، ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުން ކުރައްވާ މަސައްކަތުގައި، އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީ، އަމާން ވެށްޓެއް ގާއިމުކުރުމަކީ އެއީ އެންމެންގެ މަސްއޫލިއްޔަތެއްކަން ދަނެގެން، އެ އަމާޒަށް ވާސިލުވުމަށްޓަކައި ދިވެހި އެންމެހައި ރައްޔިތުން މަސައްކަތް ކުރުން،" ނައިބު ރައީސް ވިދާޅުވިއެވެ.

މިކަން ކުރެވިއްޖެނަމަ މިއަދު ބޮޑެތިވަމުން އަންނަ އެކުދިންނަކީ މާދަމާ ގައުމު ހިންގުމަށްޓަކައި ތަރުބިއްޔަތު ކުރެވިފައިވާ، ދިރިއުޅުމަކަށް ތައްޔާރުކުރެވިފައިވާ ބަޔަކަށް ވެގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ފުލުހުން ކުރި ހުވާެ މަތީ ދެމިތިބެ، ހުވަ އާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

comment ކޮމެންޓް