ނަސްލީ ތަފާތުކުރުންތަކާ ހުރެ އޮންރީ ސޯޝަލް މީޑިއާއާ ދުރަށް

ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ތިއޮރީ އޮންރީ ކޯޗެއްގެ ގޮތުގައި --- ފޮޓޯ// ލައިވްސްކޯ

ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ނަސްލީ ތަފާތުކުރުން ހައްދުފަހަނަ އަޅާފައިވާކަމަށް ބުނެ ކުރިން އާސެނަލާއި ބާސެލޯނާއަށް ކުޅުނު ތިއޮރީ އޮންރީ ސޯޝަލް މީޑިއާ ދުރަށް ދާން ނިންމައިފި އެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވަކި ވަކި ކުޅުންތެރިންތަކަކަށް އަމާޒުކޮށްގެން ނަސްލީ ތަފާތުކުރުން އާއްމުކަމަކަށް ވެފައިވާ އިރު، އެކަން ހުއްޓުވުމަށް ފީފާއާއި ކުލަބުތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ވެސް ވަނީ ކޮށްފަ އެވެ. އަދި ނަސްލީ ތަފާތުކުރުމާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން މެޗުތައް ފެށުމުގެ ކުރިން ހާއްސަ ސުކުތެއް ވެސް ބައެއް ލީގުތަކުގައި ގެންނަ އިރު، ދުވަހަކަށް ވުރެން ދުވަހެއް ކުޅުންތެރިންނަށް އެކަމުގެ އުނދަގޫ ބޮޑުވަމުން އަންނަ ކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.

އާސެނަލާއި ބާސެލޯނާގެ ލެޖެންޑަރީ ކުޅުންތެރިޔާ، އޮންރީ ބުނީ ކުޅުންތެރިންނަށް މިހާރު އެންމެ ބޮޑަށް ނަސްލީ ތަފާތުކުރުންތައް އަމާޒުވަނީ ސޯޝަލް މީޑިއާގައި ކަމަށާއި، އެފަދަ ޕްލެޓްފޯމްތަކުން އެކަށީގެންވާ ފިޔަވަޅުތައް އަޅާތަން ނުފެންނަ ކަމަށެވެ. އޭނާ ބުނީ، އެފަދަ މަންޒަރުތައް ބަލަން ކެތްކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި ސޯޝަލް މީޑިއާއާ ދުރަށް ދިޔުން މިވަގުތަށް އައުލާކަން ބޮޑު ކަމަށެވެ.

"މިއަދުން ފެށިގެން ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމަކާ ދުރަށް ދާން ނިންމައިފިން. މިފަދަ ޕްލެޓްފޯމުތަކުގައި ބާރު ހުރި ފަރާތްތަކުން އެކަން ހުއްޓުވުމަށް އެންމެ އެކަށޭނެ މަސައްކަތެއްކުރާތަން ނުފެނޭ. ކޮޕީ ރައިޓްސްއަށް ދޭ ސަމާލުކަން މިކަމަށް ވެސް ދޭން ޖެހޭ،" އޮންރީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އޭނާ ރޭ ބުނެފައިވެ އެވެ.

"މިކަމަށް ހައްލެއް ލިބެންދެން އަހަރެން ސޯޝަލް މީޑިއާއިން ދުރަށް ދާން މި ނިންމީ. އެެއްވެސް ހުރަހަކާ ނުލައި ބޭނުން މީހަކު ފޭކް އެކައުންޓުތައް ހަދައިގެން ހަންގާ ކުރަމުންދާ އިރު، އެކަމަށް ފިޔަވަޅު ނޭޅޭހާ ހިނދަކު އަލުން އަނބުރާ އަހަރެން މީޑިއާއިން ނުފެންނާނެ."

comment ކޮމެންޓް