ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރެވޭނީ ފައިސާ ވަތްތަނެއް ހޯދިގެން: ޕީޖީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިމް ޝަމީމް-- ސަން ފޮޓޯ/ ފަޔާޒު މުސާ

ވެންޓިލޭޓަރު މައްސަލައިގެ ފައިސާ ވަތްތަނެއް ހޯދައި އެ މައުލޫމާތު ގެނެސްފި ނަމަ އެ މައްސަލާގައި ދައުވާ ކުރައްވާނެ ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލްް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް މިއަދު ުވިދާޅުވީ ވެންޓިލޭޓަރު މައްސަލަ ދެ ފަހަރެއްގެ މަތިން ޕީޖީ އަށް ލިބުނުއިރުވެސް އެ މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

"މީގައި މި ދިމާވާ މައްސަލަ އަކީ، އަޅުގަނޑުމެންނަކަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުން ފުރަތަމަ ފޮނުއްވި އިރުވެސް ފަހުން ފޮނުއްވި އިރުވެސް މި ކަމުގައި ހިމެނޭ ކޮރަޕްޝަނުގެ ފައިސާ ލިބިގެން މިއުޅެނީ ކާކަށްތޯ ކޮން އެކައުންޓަކަށްތޯ ވަދެގެން މިއުޅެނީ ކިހިނެއްތޯ އަސްލު ވެގެން މިއުޅެނީ އެކަމެއް އަޅުގަނޑުމެންނަށް އަދިވެސް ހޯދާފައި ނެތް. ތަހުގީގަކަށް ހޯދިފައެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.

އެ މައްސަލަ އޭސީސީ އިން ދެވަނަ ފަހަރަށް ޕީޖީ އަށް ފޮނުވި އިރު ބޭންކު އެކައުންޓުތަކެއްގެ ތަފްސީލު ފޮނުވާފައި އެބަހުރި ކަމަށާއި އެއީ އޭގެ ކުރިން އެ މައްސަލަ ޕީޖީ އަށް ފޮނުވި އިރު ނުފޮނުވާ މައުލޫމާތެއް ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އެބޭފުޅުން ވިދާޅުވަނީ ކުރިންވެސް އެ މައުލޫމާތު ހުއްޓޭ، [ނަމަވެސް] އޭރު ނުފޮނުވިއްޔޭ. އެއީ އެ މައްސަލައާ ގުޅުންހުރި އެއްޗެހި ކަމަށް ނުފެންނާތީ އޭ،" ޝަމީމް ވިދާޅުވި އެވެ.

"ފަހުން [އެ މައުލޫމާތު] ފޮނުވި އިރުވެސް ބުނީ މި މައްސަލަ އާ ގުޅުން ހުރި އެއްޗެހި ކަމަށް ތަހުގީގަށް ފާހަގަ ނުވާތީ ތަހުގީގުގައި ބޭނުން ނުކުރަމޭޭ،"

ޝަމީމް ވިދާޅުވީ އެ ބޭންކު އެކައުންޓުތަކަށް ފައިސާ ވަދެފައިވާ ކަމަށާއި ނަމަވެސް އެއީ އެ މައްސަލައާ ގުޅުންހުރި ނުވަތަ ކޮރަޕްޝަނުގެ ފައިސާކަން ފާހަކަ ކުރެވިފައި ނުވާ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލަ ދިރާސާކުރި އިރު ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ފައިސާ ވަތް ތަނެއް އަދި ހޯދިފައެއް ނެތްކަމަށް ޕީޖީ މިއަދު ވިދާޅުވި އެވެ.

"އެ ފައިސާ ވަތްތަން ހޯދާފިއްޔާ އަދިވެސް އަޅުގަނޑުމެން ދައުވާ ކުރާނަން. މައްސަލަ އެކީ އަދި ނިމުނީ އެއް ނޫން،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭސީސީ އިން ޕީޖީ އަށް ފޮނުވި ސިޓީގައިވެސް ، އެ މައްސަލައިގެ ފައިސާ ވަތް ތަނެއް އަދި ނުހޯދޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ފައިސާ ހޯދުމުގެ މަސައްކަތް އަދިވެސް އޭސީސީ އިން ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އެ ފައިސާ ވަތް ތަނެއް ހޯއްދަވާފައި، އެ ފައިސާ ލިބުނު މީހެއް ހޯއްދަވާފައި ގެންނަވާފިއްޔާ އަޅުގަނޑުމެން ދައުވާ ކުރާާނަން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މީހެއްގެ މައްޗަށް ދައުވާ ކުރަންވާނީ ދައުވާ ކުރެވޭ ވަރަށް އޭނާގެ މައްޗަށް ހެކި ހުރެގެން ކަމަށެވެ. ދައުވާ ކުރެވޭ ވަރަށް ހެކި ހުރުމާ ސާބިތުވާ ވަރަށް ހެކި ހުރުން އެއީ ތަފާތު ކަމެއް ކަން ޕީޖީ ފާހަގަ ކުރެއްވި އެވެ.

ޕީޖީ ވިދާޅުވީ އަވަހަށް ތަހުގީގު ފެށުމަކީ އަދި ޑެލިޖެންޓުުކޮށް، ރަނގަޅަށް ބެލެންހުރި ހުރިހާ ދިމާލެއް ބެލުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ.

"ތަހުގީގު އަވަސް އަރުވާލައިގެން ކުރުމަކީވެސް ބައެއް ފަހަރު އެހާ ރަނގަޅު ކަމަކަށް ނުވޭ،"

ވެންޓިލޭޓަރު މައްސަލާގައި ޕީޖީ އިން ކުރިން ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.

އެ ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމި ކަމަށް ޕީޖީ ވިދާޅުވެފައިވާއިރު ވެންޓިލޭޓަރު ކޮރަޕްޝަން ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފެއިލްވެއްޖެ ކަމަށާއި އޭނާ އެ މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް