ގްރީންއާއި ޔޫވީއަށް ރަނގަޅު ފެށުމެއް

ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއާއި ސަސް ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން އީގަލްސް މޮޅުވީ 1-2 އިން --- ފޮޓޯ: އެފްއޭއެމް

ދެމަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން އަނބުރާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އިއްޔެ ފެށުނު އިރު ކުޅުނު ފުރަތަމަ މެޗުތަކުގައި މި ސީޒަނުގެ ޗެރިޓީ ޝީލްޑް ކާމިޔާބު ކުރި އީގަލްސް އަދި ގްރީންސްޓްރީޓްސް މޮޅުވެއްޖެ އެވެ.

ކޮވިޑްގެ ކޭސްތައް ކުއްލިއަކަށް ގިނަވާން ފެށުމާ އެކު 52 ދުވަހުގެ މެދުކެނޑުމަކަށްފަހު އިއްޔެ ހަވީރު ގައުމީ ސްޓޭޑިއަމުގައި ކުޅުނު މެޗުން މި ސީޒަނުގައި އަލަަށް ވާދަކުރަން ފެށި ސަސްގެ އަތުން އީގަލްސް މޮޅުވީ، 1-2 ގެ ނަތީޖާއަކުންނެވެ. ރޭ ކުޅުނު ލީގުގެ 36 ވަނަ މެޗުން ޔޫވީގެ މައްޗަށް ގްރީނުން ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.

އެޗްޕީއޭގެ އައު ގައިޑްލައިންތަކާ އެއްގޮތަށް ލީގުގެ ކުޅުން ފަށާފައިވާ އިރު، އިއްޔެ ކުޅެފައިވަނީ ލީގު މެދުކަނޑާލި ދުވަހަށް ކުރިން ތާވަލުކޮށްފައި ހުރި މެޗުތަކެވެ. މެދުކެނޑިފައި އޮތް ދަނޑިވަޅުގައި ގިނަ ޓްރާންސްފާތަކަކާ އެކު ޓީމުތައް ވަރުގަދަކޮށްފައިވާ އިރު، އިއްޔެގެ މެޗަށް އީގަލްސް އިން ވަނީ އެ ޓީމުން ގެނައި ކުޅުންތެރިން ތެރެއިން ތިން ކުޅުންތެރިއަކަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. އެއީ ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިން އާއި ލެބަނަންގެ ކީޕަރު މުހައްމަދު ތޯހާ އަދި ގްރީން ސްޓްރީޓްސް އިން ކުރިން ފެނުނު އެލްސައީދު އެވެ.

ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއާއި ސަސް ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން އީގަލްސް މޮޅުވީ 1-2 އިން --- ފޮޓޯ: އެފްއޭއެމް

މީގެ އިތުރުން ސަސް އިން ވަނީ ނެދަލެންޑްސްގެ ކްލަބްތަކަށް ކުޅުނު މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ މިޑްފީލްޑަރު މުހައްމަދު އަޖްނާނީ އާއި މާޒިޔާ އިން ލޯން އެއްބަސްވުމެއްގެ ދަށުން ގެނައި އަބްދުﷲ ޖުނައިދު (ޖެންނޭ) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

އިއްޔެގެ މެޗު ފަށައިން އީގަލްސްއިން ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ކުރީކޮޅެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އީގަލްސްއަށް ލީޑު ނަގައިދިނީ ވްލަޑިސްލާވް ކޮރްމިޝިނެވެ. އޭގެ ތިން މިނެޓު ފަހުން ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ބޯޅައަކުން ވްލަޑިސްލާވް ވަނީ އީގަލްސްއަށް ލީޑު ފުޅާކޮށްދީފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ސަސްއިން ޖެހި ގޯލު އެ ޓީމަށް މެޗު ނިމެން ދަނިކޮށް ކާމިޔާބުކޮށްދިނީ ޝްކޮޑްރަން މަހޯލީއެވެ.

ދިވެހި ޕްރިމިއާ ލީގުގައި ގްރީންސްޓްރީޓްސްއާއި ޔޫވީ ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 1-2 އިން --- ފޮޓޯ: އެފްއޭއެމް

ފުރަތަމަ ބުރުގައި ވެސް އެއްވެސް މޮޅެއް ނުލިބި ނިންމާލި ޔޫވީ އަތުން ގްރީންސްޓްރީޓްސް ރޭ މޮޅުވެ، އެ ޓީމު ވަނީ ގަދަ ހަތަރަކަށް ޖެހިލައިފަ އެވެ. އެ މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗުގެ 60 ވަނަ މިނަޓުގައި ކާމިޔާބުކޮށްދިނީ ހަސަން ނަޒީމް (ޗޯޓު) އެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އަށް ނުވަ މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ނުވަ މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. އީގަލްސް ފަސް ވަނައިގައި އޮތީ ނުވަ މެޗުން 11 ޕޮއިންޓާ އެކު އެވެ

comment ކޮމެންޓް