14 އަހަރުގެ ކުއްޖާ "ރޭޕް" ސީރިއަސް މައްސަލައެއްގެ ގޮތުގައި މިދަނީ ތަހުގީގު ކުރަމުން: ފުލުހުން

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެން އާދަމް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތުވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މިމަހު މަހުގެ ފުރަތަމަ ހަފްތާގައި ހިންގި އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިމަހު 11 ވަނަ ދުވަހު އެވެ. އޭގެ ދެ ހަފްތާފަހުން މިރޭ ފުލުހުން ވަނީ އެކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެފަ އެވެ.

މާ ގިނަ އާ ވާހަކަތަކެއް ނެތް ދެ ސަފްހާގެ އެ ބަޔާނުގައި ފުލުހުން ބުނީ، "އެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި" ބަލައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އެގެނިސްޓް ޗިލްޑްރަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ.

ފުލުހުން ބަޔާނުގައި ބުނީ، އެ މައްސަލަ ހުށަހަޅުމާ އެކު ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އެ ކުއްޖާ އެ ރަށު ސިއްހީ މަރުކަޒަށް ދައްކާފައިވާ ކަމަށެވެ. އޭގެ އިތުރުން ކުއުްޖާ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލްގެ ސްޕެޝަލިސްޓް ޑޮކްޓަރަކަށްވެސް ދެއްކި ކަމަށް ފުލުހުން ބުންޏެވެ.

"މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު އެސަސްމަންޓް ހެދުމަށް ޓަކައި ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ސައިކަޔަޓްރިސްޓަަކަށް ދައްކައި އެސެސްމެންޓް ހެދުމުގެ މަސައްކަތް މި ސާވިސް އިން މިގެންދަނީ ކުރަމުން،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އެކަމާ ގުޅިގެން އެ މުއައްސަސާއަށް މީހުން ހިއްސާ ކުރަމުންދާ މައުލޫމާތުތަކާއި މީސްމީޑީއާ ދެކެވެމުންދާ ވަހަކަތަކުގައި ވެސް ބަލަން ޖެހޭ ކަންކަން ބަލައި، ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން، މައްސަލައާ ގުޅިގެން ހެއްކާއި ގަރީނާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ކުއްޖާގެ އާއިލާއަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތައް ދުވަހުން ދުވަހަށް ހިއްސާ ކުރަމުންގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ބަޔާނުގައި ހާމަ އެއް ނުކުރެ އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާތީވެ، އެކަމާ ގުޅިގެން އެރަށުގައި ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ. އެ މުޒާހަރާތަކުގެ ތެރެއިން އެރަށު ފުލުހުންގެ މަރުކަޒަށް ވެސް ވަނީ ގެއްލުން ދީފަ އެވެ. ގެއްލުން ދިން މައްސަލާގައި ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.

comment ކޮމެންޓް