ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފި

ހޮޅުދޫ ފެން ހިންދާ ނިޒާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --

ނ. ހޮޅުދޫ ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެ މަސައްކަތް ރަސްމީކޮށް ނިންމައި، އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން މިއަދު ވަނީ އެ ރަށު ކައުންސިލާ ރަސްމީކޮށް އެ ނިޒާމް ހަވާލުކުރައްވާފައެވެ.

ނިޒާމް ހަވާލުކޮށްދެއްވާފައިވަނީ މިއަދު ނ. ހޮޅުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ނ. ހޮޅުދޫ ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މައިގަނޑު މަގްސަދަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނާއި އުދަ އެރުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދީ، އެފަދަ ކާރިސާތަކުން ރަށަށް ލިބޭ ގެއްލުންތައް މަދުކުރުމެވެ.

ނ.ހޮޅުދޫ ފެން ހިންދާ ނިޒާމުގެ ފީސިބިލިޓީ ސްޓަޑީ އާއި އީއައިއޭ ހެދުމާއި ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރިއަން ޕވޓ ލޓޑ އާ ހަވާލުކޮށްގެންނެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިޔައް ގެންގޮސްފައިވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލޓޑ އާ ހަވާލުކޮށްގެންނެވެ.

ޖުމްލަ 7.33 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރު ޖުލައި ގައެވެ. އަދި އަމަލީ މަސައްކަތް ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު މަހު ގައެވެ.


ހޮޅުދޫ ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގައި އެއް ޕަންޕް ސްޓޭޝަން އާއި އައުޓްފޯލެއް ވަނީ ގާއިމްކޮށްފައެވެ.

comment ކޮމެންޓް