ހާލު ދެރަވި މަސްވެރިޔަކު މަރުވެއްޖެ

ހދ. ކުޅުދުއްފުށި ބަނދަރު ސަރަހައްދު: މަހަށް ނުކުމެ އުޅުނު މީހަކު ވަނީ މަރުވެފައި --- ފޮޓޯ: ކުޅުދުއްފުށި.ކޮމް

ހާލު ދެރަވެގެން ކުޅުއްދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ މަސްވެރިޔަކު މަރުވެއްޖެ އެވެ.

މަހަށް ނުކުމެ އެޅެނިކޮށް ހާލު ދެރަވެގެން ގެންދިޔަ މީހަކު މަރުވެފައިވާ ކަން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުއްލަތީފު ހަސަން "ސަން"އަށް ކަށަވަރުކޮށްދިނެ އެވެ.

"ކުޑަ ދަރިފުޅާއެކު ވަދާ ނުކުމެ އުޅެނިކޮށް ހާލު ގޯސްވީ. ހަވީރުގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެނެވުނީ" އަބްދުއްލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަރުވެފައިވަނީ ގާތްގަނޑަކަށް އުމުރުން 60 އަހަރުގެ މީހެއް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބަހެއް ނުލިބޭތީ، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ކުޅުއްދުފުއްޓަށް ނިސްބަތްވާ ފިރިހެނެކެވެ.

ކުޅުއްދުފުށިން މީހަކު މަރުވި އިރު، ކޮވިޑް ކޭސްއަކާ ގުޅިގެން އެރަށް މިވަގުތު އޮތީ އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށް، މޮނީޓަރިން ހާލަތުގައެވެ. އެ މިހާގެ މަރަކީ ކޮވިޑް މަރެއް ކަމެއް އަދި ނޫން ކަމެއްވެސް ސާފެއް ނޫނެވެ.

މިހާތަނަށް ކުޅުދުއްފުށިން ނެގި 133 ސާމަޕަލްވެސް ވަނީ ނެގަޓިވްވެފައެވެ.

comment ކޮމެންޓް