އަންދަލުސްގެ ޕްރިންސް 25

އަންދުލުސް ޕްރިންސް

"ދެންމެ ތި ބުނި އެއްޗަކުން ޝައުގު ވެރިވެއްޖެ. އަންދަލުސް ކިހިނެއްވީއޭ؟ އެތަނަށް ދިޔައިންތަ؟އެމީހުންގެ ދިރިއުޅުމާއި ބެހޭގޮތުން ވަރަށް ބޮޑަށް އޮޅުން ފިލާފައިހެން ހީވޭ.."

"އަޅުގަނޑު ވިޔަފާރި ދަތުރުތަކުގައި ވަރަށް ގިނައިން އަންދަލުސްއަށް ގޮސް އުޅެން. އެތަނުގެ ރަސްގެފާނުގެ އަނިޔާވެރިކަމުން ރައްޔިތުން ބިކަ ހާލުގައި ދިރިއުޅެނީ. ވެރިކަމާއި ދެކޮޅަށް ނުކުތް މީހެއް ވެއްޖެއްޔާ ހިފާ ގަތުލުކޮށްލާ." އަބޫ ލުކް ލުކް ދެންނެވިއެވެ.

"އަންދަލުސްއަށް ދެން ދަތުރެއް އަޅާނީ ކިހާތާކު؟ " މޫސާބިން ނުސައިރު އެއްސެވިއެވެ.

"މިއަންނަ މަހު. އެރަށަށް ވަޑައިގަންނަވަން ބޭނުންފުޅު ތޯ؟ " އަބޫ ލުކްލުކް ސުވާލުކުރިއެވެ.

"އަހަރެންގެ ލަޝްކަރުން ބައެއް އެތަނަށް ފޮނުވަން ބޭނުން. އެމީހުން ގެންދެވިދާނެތަ؟ އެކަމަކު އަދި އިހަށް މި ޚަބަރު ސިއްރުކޮށްދޭންވާނެ. އެތާގެ ވެރިންނާއި އިތުރު މައްސަލަތަކެއް ޖެހެން އަދި ބޭނުމެއްނޫން. " މޫސާ ވިދާޅުވިއެވެ.

"އަޅުގަނޑު މަނިކުފާނުގެ އަމުރުފުޅަށް ބަލަބަލާ ހުންނާނަން..." އަބޫލުކްލުކް އޭނަ އެކަމަށް ތައްޔާރަށް ހުރިކަން އަންގާދިނެވެ.

މި ބައްދަލުވުމާއިމެދު ހުރިހާ ގަބީލާތަކުގެ ވެރިން ހިތްހަމަޖެހުނެވެ. އެމީހުން މޫސާއަށް ބައިއަތު ހިފާ ވެރިއެއްގެ ގޮތުގައި ބަލައިގަތެވެ.އެމީހުުން އެތަނުން ދިޔުމުގެ ކުރިން މޫސާ އެންމެނަށް ޝުކުރު އަދާކުރިއެވެ.

"އަޅުގަނޑުމެން މަނިކުފާނުގެ އަމުރުފުޅަށް ތަބާވާނަން އަދި ކިޔަމަންތެރިވާނަން...."

މޫސާ ބިން ނުސައިރު ނުފޫޒާއި ބާރުގެ ބޭނުން ކުރެއްވުމުގެ ބަދަލުގައި ހުރިހާ ގަބީލާތަކެއްގެ ސަރުދާރުންނާއި ވާހަކަދައްކަވާ ލޯތްބާއި އަޅާލުން ދެއްވުމުގެ ނަތީޖާ ފޮންޏެވެ. އަރބި ފައުޖުތަކެކޭ އެއްފަދައިން އޭނަވަނީ ބަރުބަރުން ތަމްރީނުކުރައްވާ އެމީހުންގެ އަޚުލާގު ރަގަޅުކުރައްވަން މަސައްކަތްކުރައްވާފައެވެ. އެންމެންގެ ހިތްތަކުގައި އެ މަނިކުފާނަށް ޚާއްސަ ގަދަރެއް އޮތުމުގެ ސަބަބަކީ އެއީއެވެ.

ބޮޑު ތަނަވަސް ކޮޓަރިއެކެވެ. ބޯ ދޫލަ އަޅާ ބާލީސްތައް ޖަހާފައިވާއިރު ބިތުގައި ބައްތިތައް ހަރުކޮށްލާފައިވިއެވެ. އުސް ފަންގިފިލާއެކެވެ. އެ ހިތްފަސޭހަ ކޮޓަރީގައި މޫސާ ބިން ނުސައިރު ޗާޓެއް ރޫޅާލައްވައިގެން އިންނެވީ ވިސްނުމެއްގައެވެ. ގިނައިރެއް ނުވަނީސް ފާރަވެރިޔަކު ދޮރުކޮޅު މައްޗަށް ހުއްޓި ސަލާމް ގޮވައިލިއެވެ. ކޮންމެވެސް ބަޔަކު ބައްދަލުކުރަން އައިސްފައި ތިބިކަމަށް ބުނެލިއެވެ. އެވަގުތަކު މުޝީރުންވެސް އެތަނަށް ވަނެވެ.

"ވަރަށް ދުރު ގައުމަކުން އައި ވަފުދެއް މަނިކުފާނުގެ ފައިންޕުޅު ދުށުމަށް ބޭނުންވޭ...."

" އީސާއީ އަކު އަހަންނާއި ބައްދަލުކުރަން ބޭނުންވަނީ ކީއްވެތަ؟ " މޫސާ އޭނަގެ މުޝީރު ގާތު އެއްސެވިއެވެ. އަދި ޗާޓު ފަތް ޖައްސަވާފައި ފޮށިގަނޑަކަށް ލެއްވިއެވެ.

"ޝާހީ ޚާންދާނު މީހެއްތަ ނޫނީ އާއްމުންގެ މީހެއްތަ؟ " އޭނަ ސުވާލުކުރެއްވިއެވެ.

"މާތްﷲ ގަންދީ ބުނަން. އަޅުގަނޑަކަށްވެސް ނޭގޭ...." މުޝީރު ދެންނެވިއެވެ."ހަދިޔާވެސް ހިފައިގެން އައީ......"

"ޔަގީންކުރަންވާނެއްނު. އަހަރެމެންގެ އެކުވެރިއެއްތޯ ނޫނީ ދުޝްމަނެއްތޯ؟ " މޫސާ ވިދާޅުވިއެވެ." އަހަރެމެންނަށް ރިޝްވަތު ހިފައިގެން އައީކަމުގައިވެސް ވެދާނެ...."

"އެކަމަކު އެހާ ދުރުން ބައްދަލުކުރަން އައި ވަފުދެއް ފޮނުވައިލުން ރަގަޅުކަމަކަށް ނުވާނެ..." މުޝީރު ދެންނެވިއެވެ.

"އެންމެ ރަގަޅު. އެމީހުން އެތެރެއަށް ވައްދާ...." މޫސާ ބިން ނުސައިރު ވިދާޅުވިއެވެ. ކައުންޓް ޖޫލިއަން އެތަނަށް ވަނީ ޝާހީ އިއްޒަތުގައެވެ. އޭނަ ލައިގެން ހުރި ޔުނިފޯމުން އޭނަގެ މަގާމު އަންގާދެއެވެ. މޫސާ ބިން ނުސައިރުއާއި އަރިހުގައި ތިބި މުޝީރުން ތެދުވެންނެވިއެވެ. މޫސާ ބިން ނުސައިރު ފުޅާ ހިނިތުންވުމަކާއެކު ޖޫލިއަން އާއި ބައަލްގީރު ކުރައްވާފައި އޭނަ ގޮނޑީގައި ބޭންދިއެވެ.

ޖޫލިއަންގެ ތަރުޖަމާނު ވާހަކަދެއްކިއެވެ.

"އަޅުގަނޑުމެން މިއައީ އަމްނު އަމާންކަމާއެކު އެކުވެރިކަމުގެ އަތް ދިއްކޮށްލުމުގެ ނިޔަތުގައި. އަޅުގަނޑަކީ ސަބްތާގެ ވެރިޔާ ކައުންޓް ޖޫލިއަން............"

"އަޅުގަނޑުމެންގެ ދުޝްމަނަކު އަޔަސް އެކުވެރިކަމާއެކު އެމީހަކަށް މަރުހަބާ ކިޔަން. ހިތުގައި ނުބައި ހީލަތްތެރިކަމެއް ނިފާގުކަމެއް ނެތްނަމަ އެކުވެރިއެއްގެ ގޮތުގައި ބަލައިގަންނަން މިތިބީ.." މޫސާ ވިދާޅުވިއެވެ.

އެވަގުތު ދެ ޚަބުޝީ ޣުލާމުން ކޮނޑުމަތީގައި އެއް ސައިޒެއްގެ ދެފޮށި އަރުވައިގެން ތިބެ ކޮޓަރި ތެރޭ ބަހައްޓާފައި ގުދުވެ އަދަބު އަދާކުރިއެވެ.

"ކައުންޓް ޖޫލިއަން. އެމީހުންނަށް އަންގަވާ އެގޮތަށް ސަޖިދަނުކުރާށޭ....." މޫސާ ހިތްހަމަނުޖެހިވަޑައިގެންނެވިލެއް ބޮޑުކަމުން ނިތްކުރިއަށް ރޫ އަރުވާލެއްވިއެވެ.

"އަމީރު. މިއީ ޣުލާމުން. ޝާހީ ޚާންދާނުގެ ބޭފުޅުނެއްނޫން. އެމީހުން ނުހުއްޓުވާ......" ޖޫލިއަން ބުނެލިއެވެ.

"އަޅުގަނޑުމެން އެންމެނަކީ އަޅުން.އެންމެ ފަރާތެއްގެ ބާރުދަށުގައި ހަމައެކަނި އެފަރާތުންގެ އަޅުން. އަޅުގަނޑުމެން ޚުޝޫއަތްތެރިކަމާއެކު ސަޖިދަ ޖަހަން ޖެހެނީ. ސަޖިދަކުރުމަކީ އަޅުކަމެއް. މާތްﷲ ފިޔަވާ އެހެން ފަރާތަކަށް ސަޖިދައެއް ނުޖެހޭނެ......................." މޫސާ ބިން ނުސައިރު ޝަހާދަތުގެ ދެކަލިމަ އުޑާއި ދިމާލަށް އުފުލައިލިއެވެ." އެފަރާތަކީ ﷲ ސުބުހާނަހޫ ވަތައާލާ.އެ ދަރުބާރުގައި އަދަބު އަދާކުރަން ޖެހޭ. މިވަގުތުވެސް މިތިބެވުނީ އެފަދަ ގެއެއްގައި. އަހަރެމެން މުސްލިމުން ނަމާދުކުރަނިކޮށް ޖޫލިއަން ނުދެކެންތަ؟ "މޫސާ އެއްސެވިއެވެ.

"އަޅުގަނޑު އެ މަންޒަރު ދެކުނުން. އެމީރީ އެފްރިކާ. އަޅުގަނޑު ކުއެޓާ ހަގުރާމައިގާ އެ ފައުޖުގެ އެކަކު ފަހަތުގައި އެންމެން ސަފު ހަދާލައިގެން އަޅުކަމުގައި ތިއްބާ ދެކުނިން. އެއީ ފުރިހަމަ މަންޒަރެއް."

"ހާކިމް އާދައިގެ މީހުން އެންމެން ހަމަހަމަ. ދީނުގައި މާތް މީހުންނަކަށް އަޅުންނަށްވުރެ މަތީ އިމްތިޔާޒެއް ނޯވޭ. ﷲ ގެ ހަޟުރަތުގައި ތަގުވާވެރިން އެންމެ މާތް މީހުންނަކީ. އެފަރާތަށް އަޅުކަން ކޮށް އިބާދާގައި ދެމިތިބޭ މުއުމިން އަޅުތަކުން. މުސްލިމުން އެހެން އިންސާނުންނަށް ސަޖިދަޖެހުމަކީ ހަރާމްކަމެއް. އޫރުގެ މަހާއި މުޅަތަކެތި ރާ ފަދަ ތަކެތި ހަރާމްކުރެއްވި. ހަމަ އެފަދައިން ޔަތީމުންގެ މުދާ ކެއުމަކީ ފާފައެއް. އަހަރެމެންނަށް އަންގަވާފައިވަނީ ފާހިޝް ކަންތައްތަކާއި ޖުވާކުޅުން ރިބާ ފަދަ ކަންތައްތަކުން ދުރުވާން. އަދި ކުށެއްނެތް ފުރާނައެއް ހައްގަކާއި ނުލައި ގަތުލުނުކުރަން. މިއީ މުޅިންވެސް ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއަށް ބާވައިލެއްވި ގުރުއާންގައި ވާ ހުކުމްތައް......." މޫސަ ވިދާޅުވިއެވެ.

"މަނިކުފާނުގެ އޯގާތެރިކަން މިސާލަކަށް ފުދޭ..." ކައުންޓު ޖޫލިއަން ދެންނެވިއެވެ.

"އަލްހަމްދުލިﷲ. އެހެންވިއްޔާ މިތަނަށް ވަޑައިގަތުމުގެ ނިޔަތް ރަގަޅުވާނެކަމަށް މި ބަލަނީ.." މޫސާ ހިނިފުޅު ވަޑުވާލެއްވިއެވެ.

"އާދެ ސާހިބާ. އަޅުގަނޑުމެން މިއައީ ހަމައެކަނި ސުލްހަވާން. ރުޅިވެރިކަމާއި ނަފްރަތު އުފައްދާކަށް ނޫން..."

"އަލްހަމްދުލިﷲ. އިސްލާމްދީން ދަސްކޮށްދިނީ ސުލްހައާއި އަމާންކަމާއެކު ދިރިިއުޅުން. އަހަރެމެންވެސް އަނިޔާވެރިކަމާއި ރުޅިވެރިކަމާއި ދެކޮޅު..............." މޫސަ ވިދާޅުވިއެވެ.

"އިސްލާމްދީނުގެ ޚަލީފާއިންގެ އަދުލުވެރިކަމާއި އިންސާފުވެރިކަމުގެ ވާހަކަ އަންދަލޫސިޔާގައިވެސް ދެކެވޭ. އެހެންވެ އަޅުގަނޑުމެން މަނިކުފާނުގެ ފައިންޕުޅު ދެކެން މިއައީ..." ކައުންޓް ޖޫލިއަން އިސްޖަހައިގެން އިނދެފައި ދެންނެވިއެވެ.

"ވީއިރު ތިއީ އަންދަލުުސްގެ ރަސްގެފާނުގެ މުޝީރެއް ތޯ؟ " މޫސަ އެއްސެވިއެވެ.

"ނޫން. އަޅުގަނޑުމެން މިއައީ އަމިއްލައަށް. އޭނައަކަށް އަޅުގަނޑުމެން އައިކަމެއް ނޭގޭނެ... ރަސްގެފާނު ލުދްރީކް............" ޖޫލިއަން އެއްޗެކޭ ބުނަން އުޅުނެވެ.

"ރަސްގެފާނު ލުދްރީކް؟ އަޅުގަނޑު ތިނަން އަހާފައިވޭ. އެކަމަކު ރަސްގެފާނަށް ނޭގި މިތަނަށް ވަޑައިގަތީ ކީއްވެތޯ؟ "

"އެއީ ދިގު ވާހަކައެއް. އެ ވާހަކަ ދަންނަވާދޭނަން. އޭގެ ކުރިން އަޅުގަނޑު މަނިކުފާނަށް ސަބްތާއިން ގެނައި ހަދިޔާ އެބަހުރި.އުންދުލިސީ ނަސްލުގެ ޖަންގަލީގެ ވަރުގަދަ އަހެއްވެސް ގެނައިން.ޝާހީ އަސްތަބަލުގެ ރަސްގެފާނު ކޮންމެ މައިދާނެއްގައި ހިތްވަރުކުރި އަހެއް.." ކައުންޓް ޖޫލިއަން ފޮށީގެ މަތިގަނޑު ހުޅުވާލައިފިއެވެ. ލޯ ތަރަތަރަޖަހައިގެންދާހާ ގިނަ ރަނާއި ރިހި އަދި ޖަވާހިރުތަކުން ފުރިފައިވާ ފޮށިތަކެވެ. އޭގެ އަލި އެކި ދިމާލަށް އަރައިގެން ދިޔައެވެ.

"މިއީ ވަރަށް އަގުހުރި ޖަވާހިރުތަކެއް. މުޅިންވެސް މަނިކުފާނަށް ގެނައި ހަދިޔ މާތް ސާހިބާ..."

ކައުންޓް ޖޫލިއަންގެ ވާހަކައިން މޫސާބިން ނުސައިރުގެ މޫނުފުޅު ރަތްވިއެވެ. ކޯފާގެ އަސަރުތައް ހިނގައިލުމާއެކު ވަގުތުން އެ ހަދިޔާއަށް އިންކާރުކުރެއްވިއެވެ.

"އަޅުގަނޑު މި ހަދިޔާ ގަބޫލެއްނުކުރާނަން. ޚަލީފާ ވަލީދު ބިން އަބުދުލްމާލިކު ބަރާބަރަށް ބައިތުލްމާލުން މުސާރަދޭ. އެ މަނިކުފާނަށް މި ކަންތަކުގެ ޚަބަރު ލިބިވަޑައިގަންނަވާއިރަށް އަޅުގަނޑު ވަޒީފާއިން ވަކިކުރައްވާ ޖަލަށް ލާނެ..."

"ބިރުފުޅުގަންނާނެ ކަމެއްނެތް. އަޅުގަނޑު މި ވާހަކަ ސިއްރުކޮށްދޭނަން." ކައުންޓު ޖޫލިއަން އެދިލެއްވިއެވެ.

"ނޫން. ތިހަ ހަދިޔާތައް ގެންދަވާ. އަޅުގަނޑު ބޭނުމެއްނޫން. ފަހަރެއްގައި އަންދަލުސްގެ ރަސްގެފާނަށް ތިޔަ ހަދިޔާތައް އަރުވައިފިއްޔާ އޭނަ އުފާވާނެއްނު...."

"ހަދިޔާތައް އަނބުރާ ގެންދިޔުމަކީ އަޅުގަނޑުމެންގެ ސަގާފަތުގައި އޮންނަ ގޮތެއްނޫން. މަނިކުފާނު މި ގެންދަވާ....." ކައުންޓް ޖޫލިއަން އާދޭސްކުރަން ފެށިއެވެ.

"އެންމެ ރަގަޅު. ތިވަރަށް އެދެންޏާ ތި ގަބޫލުކޮށްފިން...." މޫސާ އެންމެފަހުން ވިދާޅުވިއެވެ.

"މަނިކުފާނަށް ޝުކުުރުވެރިވަން. އަޅުގަނޑަށް ލިބުނު ޝަރަފެއް.." ކައުންޓު ޖޫލިއަންގެ މޫނުމަތީގައި އުފާވެރިކަން ހިނގާލައިފިއެވެ.

"އަޅުގަނޑަށް ދިން އެއްޗަކަށްވީމަ ބޭނުންގޮތަކަށް ބެހުމުގެ ހައްގުވެސް އޮންނާނެތާ."މޫސާ ބިން ނުސައިރު ރަނުގެ ފޮތިތައް ނަންގަވާފައި ބައްލަވާލެއްވިއެވެ. އިންސާނުންގެ ހިތަކީ ދަހިވެތި އެއްޗެކެވެ. ބައިވަރެއްލިބުނަސް ހިތެއް ނުފުރޭނެއެވެ.

"ލައްބަ ސާހިބާ. މި އަގުހުރި ޚަޒާނާއަކީ މަނިކުފާނުގެ މިލްކެއް......"

މޫސާ ބިން ނުސައިރު އިރުކޮޅެއްވާންދެން ހިމޭނުން ހުންނެވީ ފިކުރެއްގެ ތެރެއަށް ގެއްލި ވަޑައިގެންފައެވެ.

"މި އެއްޗެހި ޚަޒާނާއަށް ލާނީ. އަދި ބޭނުންޖެހިފައިވާ މީހުންނަށް ބަހާލާނީ..." މޫސާގެ އެ ޖުމްލައިން ޖޫލިއަން އަށް ލިބުނު ހައިރާންކަމއެކު އަނގަ ހުޅުވުނެވެ. މިއީ ކޮންފަދަ އަދުލުވެރި ދީލަތި ވެރިއެއް ހެއްޔެވެ؟

"ހަޔާތުގައި ފުރަތަމަ ފަހަރަށް ތިހާ ދީލަތި ވެރިއަކާ މި ދިމާވީ..." ކައުންޓް ޖޫލިއަންގެ އަޑު ކުރެހުނެވެ.

"އަޅުގަނޑުމެންނަށް އުގަންނަވާ ދެއްވީ ރަސޫލުސައްލަﷲ އަލައިހި ވަސައްލަމް. އެއީ މި ދުނިޔެއަށް ރަހުމަތަކަށް ފޮނުއްވި މާތް ސާހިބާ. އަޅުގަނޑުމެންނަށް ވުރެ އެކަލޭގެފާނު ހުރިހާ ގޮތަކުން އެންމެ ފުރިހަމަ. އަޅުގަނޑުމެންނަށް އުޅޭނެ މަގު ދެއްކެވީ އެކަލޭގެފާނު. އެއީ ދީލަތި އޯގާތެރި އެންމެ އަދުލުވެރި ސާހިބާ. އަޅުގަނޑުމެން ވެރިކަން ކުރަނީ އެކަލޭގެފާނުގެ އިރުޝާދުގެ މަތިން..." މޫސާ ބިން ނުސައިރު އޮޅުން ފިލުވާދެއްވިއެވެ

"މަނިކުފާނަކީ ރަސްގެފާނު ލުދްރީކްގެ ދިމާ އިދިކޮޅު. އެއީ އަނިޔާވެރި ޖައްބާރެއް....." ކައުންޓް ޖޫލިއަން ބުމަ ގޮށްޖައްސަވާލެއްވިއެވެ.

މޫސާ ބިން ނުސައިރު އޭނަގެ ޚާދިމުން ގެންނަވާ އެ ފޮށިތައް ޚަޒާނާ ކުރަން އަމުރުކުރެއްވިއެވެ.

"މި ހަދިޔާތަކަށްޓަކާ ޝުކުރުވެރިވަން. އަޅުގަނޑު އަދި ޚަލީފަތުލް މުސްލިމީންގެ ނަމުގައި ޝުކުރުކުރަން. ދެން ވަޑައިގަތުމުގެ މަގުސަދަކީ ކޮބާ؟ "

"އަދި އިތުރު އެއް ހަދިޔާ އެބައޮތް. އެކަމަކު އެ ތުޚުފާއާއި ހަވާލުވާން މަނިކުފާނު އަމިއްލައަށް ވަޑައިގަންނަވަން ޖެހޭނީ. އަޅުގަނޑު އެކީ ވާނަން. އެ ރާސްތާގައި ހުރަހަކަަށް ކަނޑުވެސް އޮންނާނެ. އެކަމަކު އަޅުގަނޑުގެ ނާފަހަރުވެސް ދޭނަން......"

"ތިއީ ތެދަކަށް ވަންޏާ އުފާވެރިކަން ހުރި. ހަމައެކަނި ދެނެވޮޑިގެންވަނީ ހިތްތަކުގެ ވެެރި މާތްﷲ...."

" އެ ތުޚުފާގެ ނަމަކީ އަންދަލުސް." ޖޫލިއަން ޝައުގުވެރިވާފަދަ ގޮތަކަށް ވާހަކަދެއްކިއެވެ" އަންދަލުސް ފަތަހަކޮށް މުސްލިމުންގެ ފުތޫހާތުގެ ލިސްޓަށް އިތުރުކުރެއްވުމަކީ މަނިކުފާނުގެ މަސައްކަތެއް...."

"މުސްލިމުންގެ ވެރިކަމަށް ތިހާ ބޮޑު ޝައުގެއް ހުރީމަ ހިތުގައި ސުވާލު އުފެދޭ. އަނެއްކާ ލުދްރީކްއާއި ކޮން ދުޝްމިންކަމެއް ބާ އޮތީ؟ އަދި އެ ދައުލަތުގެ އިސްވެރިއެއްނު ތިއީ؟ ދައުލަތުގެ އެހާ ބޮޑު ވެރިއަކު ތިގޮތަށް ވާހަކަދެއްކެވީމަ ހައިރާންކަން ލިބިއްޖެ...."

"ހެހެހެ. މަނިކުފާނު އެކަމާއި ހައިރާންފުޅު ވެ ވަޑައިނުގަންނަވާ. މަނިކުފާނުގެ އަރިހުގައި ސްޕެއިން ފަތަހަކުރެވޭވަރުގެ ލަޝްކަރެއް އަބައޮތް ނޫންތޯ؟ "

"އެހާ ބޮޑު ވަރުގަދަ ލަޝްކަރެއް ނެތް.." މޫސާ އިތުރުފުޅު ހެއްދެވީ ދުޝްމިނުންނަށް ހަގީގަތް އޮޅުވާލުމުގެ ނިޔަތުގައެވެ.

ހަގީގަތުގައި އޭނަވަނީ ސްޕެއިނަށް ހަމަލާދޭން ރާވާ ސައްލާކޮށް ޗާޓުވެސް ބައްލަވާ ލައްވާފައެވެ. އަދި ޚަލީފާ ވަލީދު ބިން އަބުދުލް މުލްކް އަރިހުން ހަމަލާ ދެއްވުމުގެ އިޒުނައަށް އެދިވަޑައިގެންފައެވެ. އޭރު ޚަލީފާވަނީ މުހައްމަދު ބިން ގާސިމް ހިންދުސްތާން ފަތަހަކުރައްވަން ފޮނުއްވައިފިއެވެ. އަރަބިންނަށް ކަނޑުދަތުރުކޮށް ހަމަލާދިނުން ތަންކޮޅެއް އުދަގުލެވެ. މުސްލިމުންގެ އެހާ ގާބިލުކަމެއް ކަނޑު ހުރަސްކޮށް އެފްރިކާއިން އަންދަލުސްއަށް ދަތުރުކުރުމަކީ އުދަގޫ ދަތުރެކެވެ.

"އަންދަލުސް އަކީ ގުދުރަތީ ރީތ މަންޒަރުތަކުން ފުރިފައިވާ ހިތްފަސޭހަ މަންޒިލެއް. ނޭވާ ހިފަހައްޓާލާ މީހާ އާޝޯޚު ކުރުވާފަދަ ބަގީޗާތަކާއި ކޯރުތަކާއި ވާދީތަކާ މުއްސަދި ބިންތަކާ ޚަޒާނާއިން ފުރިފައި ވަނީ. އެތަނުން އެނބުރި މި ހަނަފަސް އެފްރިކާއަށް އަންނަން އެއްވެސް އިންސާނަކު ބޭނުމެއްނުވާނެ. އެތާ އަހުލުވެރިންނަކީ ހިތްހެޔޮ ބަޔެއް. އަދި އަންހެނުން އެހާ ރީތި. މަރުވުމަށްފަހު ޖަންނަތަށް ދާނެ ވާހަކަ އިވިފައި އޮންނާނީ. ކާކަށް ދެވޭނީ އަދި ކާކަށް ނުދެވޭނީ އެކަމެއް ނޭގޭ. އެކަމަކު އަންދަލުސްއަށް ދެވިއްޖެއްޔާ ހިތަށް އަރާނެ މިއީ ހެއްދެވި ފަރާތް ވައުދުކުރެއްވި ޖަންނަތޭ......."

ޖޫލިއަންގެ ވާހަކަ އަހަން އިންނެވި މޫސާ ބިން ނުސައިރު ފުން ޚިޔާލެއްގައި އިންނެވިއެވެ.

"އަމީރީ އެފްރިކާ. ކޮން ޚިޔާލެއްގައި ތޯ ތިއިންނެވީ؟ އަޅުގަނޑުގެ އިޚުތިޔާރުގައި އަންދަލުސް އޮތީ. ބޭނުންފުޅިއްޔާ އެތަނުގެ ދޮރާށިތައް ހުޅުވަދީފާނަން........."

އެހާވަރަށް އަންދަލުސްގެ ރީތިކަމާއި ޒީނަތްތެރިކަމުގެ ވާހަކަ ބަޔާންކޮށްދީ މޫސާ ބިން ނުސައިރުގެ ހިތްޕުޅު ތެރޭ ދަހިވެތިކަން އުފެދި ޝައުގުވެރިވާ ފަދަ ގޮތަކަށެވެ. މޫސާ ބިން ނުސައިރުއަކީ ދުރުވިސްނިވަޑައިގަންނަވާ ތަޖުރިބާކާރު މުޖާހިދެކެވެ. މުސްލިމުންގެ ފުތޫހާތުގެ ލިސްޓަށް ގިނަ ގައުމުތައް އިތުރުކުރެއްވުމަކީ އޭނަގެ ހުވަފެންފުޅެކެވެ. ހުރިހާ އެންމެންގޮސް މޫސައާއި ޖޫލިއަން އަދި ތަރުޖަމާނު އެކަނިވިއެވެ.

"ތިހުރިހާ ކަމަކާއިމެދު ވިސްނާފައި މިއައީ. އަދި އަޅުގަނޑަކީ ކޮއްކޮ ކަމުގައި ދެކެވަޑައިގެންނެވިކަމީ............" މޫސައާއި ޖޫލިއަން ދެމީހުންގެ އަތްތިލަ ގުޅުވައިލިއެވެ." އެއްވެސް މީހަކު އެމީހެއްގެ ކަނޑި ދުޝްމިނާއި ހަވާލެއް ނުކުރާނެ. އެކަމަކު ތިއީ މިހާރު އަހަރެންގެ ދުޝްމިނެއްނޫން. އެކުވެރިއެއް. އަޚެއް.........."

ނުނިމޭ

comment ކޮމެންޓް