މެގްނޯލިއާ 33

"މިހާރުން ފެށިގެން ތިމާގެ ހިތާއި ނަފުސް ތައްޔާރުކޮށް ހެޔޮ އަމަލުތައް ގިނަކޮށް ނަހީކުރެއްވި ކަންތައްތަކުން ދުރުވެ ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ. "

***

ރެއިނާ ކައިޔާން އޮތް ޕްރައިވެޓް ކޮޓަރިއަށް ވަނެވެ. ކޮޓަރިއެކޭ ބުންޏަސް ސުއިޓެއްހާ އަރާމު ތަނެކެވެ. ކައިޔާންއަށް ރެއިނާ ފެނުމާއެކު ވަގުތުން ހީހީ އިނދެފައިވެސް އަނގަ ޗޭކޮށްލީ ހުތް އެއްޗެއް ކެވުނު ފަދައަކުންނެވެ. އެހާ ވަރަށް ހެވިފައި ވާހަކަ އެދައްކަނީ ކާކާބާވައޭ ހިތަށް އަރާފައި ރެއިނާގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގަލަން އުޅުނަސް އޭނަ ވަގުތުން ﷲ މަތިން ހަދާންކޮށް އެ ކޫސަނި ޚިޔާލު ނެރެލައިފިއެވެ.

"މި ވަހަށް ކެތްކުރެވޭތަ؟އަދި އަހަރެންގެ ސޫރަ ފެނުމުން ފޫއްސެއްނުވޭތަ" ކައިޔާން އެހިއެވެ.

"ފޫހިވާނީ ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ބަލާ މީހުން.." ރެއިނާ ސަޖަލްއަށް ބަހުގެ ހަމަލާއެއް ދިނެވެ.

"ގިނަމީހުންނަށް ތިޔަބުނާ ރީތި ސޯލްއެއް ނުފެންނާނެއްނު. ރތި އެއްޗެއްސަށް ލޯބިކުރުމަކީ އިންސާނީ ތަބީއަތުގައި ލައްވާފައިވާކަމެއް. އެހެންވީމަ ކޮންމެ މީހަކުވެސް ލޯބިކުރާނެ އެކަމަށް. މީހަކާއި އިންނައިރުވެސް ހަމަ އެރީތިކަމާއި އަޅައިގަންނަ ގޮތެއް ހުރި ތޯވެސް ބަލާނެ. މަދު މީހަކު މުއްސަދިވާންވެގެން ފައިދާ ގަނޑެއްނަގަން ރީތި ސިފައެއް ކީއްކުރަން މުސްކުޅި އަޖޫޒަކާއިވެސް އިދެފާނެ. އެއީ އެހެން ސްޓޯރީއެއް. އަހަރެންގެ ސިފައަކަށް ބަލާނެކަމެއްނެތް. އަތުގައި ފައިސާ ހުރިއްޔާ އަދިވެސް ބޭނުން ކޮންމެ އަންހެންކުއްޖަކު ގަނެލެވިދާނެ. ފައިސާއަކީ ހުރިހާ އެއްޗެއް. ހުރިހާ ބާރެއް. މިތަނުން ދާންވީނު. ކަންފަތް ހަލާކުނުކޮށް...." ކައިޔާން ރެއިނާ ދެރަވާފަދަ ބަހެއް ނުބުނަންޏާ ގައި ހިރުވަނީކަން ނޭގެއެވެ.

"ސޮރީ ބާރަށް ވާހަކަ ދެއްކުނީމަ..."

"ކިތަންމެ މަޑުން ދެއްކިޔަސް ތިހިރަ ދެއްވާފައިވަނީ ކަންފަތު ތޫރިވެސް ފަޅާލާފަދަ ތޫނު އަޑެއް. ޑޫ މީ އެ ފޭވާ. އިތުރު އެންމެ އެއްޗެއްވެސް ނުބުނެ މިތަނުން ދޭ........" ކައިޔާން ދޮރާއި ދިމާލަށް އިޝާރަތްކޮށްލިއެވެ.

ރެއިނާ ލަދުން މަރުވާވަރުވިއެވެ.

ކައިޔާން ދެކެ ފޫހިވާވަރަށްވެސް އޭނަ އެބަ ދެރަކުރެއެވެ. އެކަމަކު ހިތަކީ އަޖައިބެއްފަދަ އެއްޗެކެވެ. އެވަރަށް ދެރަކޮށް ރޮއްވާއިރުވެސް އޭނަގެ ހިތުގައި ކައިޔާންގެ މައްޗަށް ފޫހިކަމެއް ރުޅިވެރިކަމެއް ހިނގައިނުލިއެވެ. ހިތް ބާރު އެޅީ ކައިޔާން ބުނިގޮތަށް ހެދުމަށެވެ. ޖަދަލުކުރުމުގެ މާނައެއް ނެތްތާއެވެ. ކައިޔާން އޭނަދެކެ އެހާ ފޫހިވަނީ ކީއްވެކަމެއްވެސް ނޭގެއެވެ. ނޫނެކެވެ. ސަބަބަކީ އޭނަގެ ސަބަބުން ސަޖަލްއާއި ދުރުވުމެވެ.

***

ގަޒަލް މިލާންއަށް މެސެޖްކުރިއެވެ. ކާފަގެ ވަސިއްޔަތާއި ބެހޭގޮތުން މިލާންދެކެނީ ކިހިނެއްތޯ ސުވާލުކުރިއެވެ. މިލާން ޖަވާބެއް ނުދިނުމުން ގަޒަލް ދެރަވިއެވެ.

"އެ ފިރިހެނާ ވާހަކަ ނުދެއްކީމަ މި ވިސްނެނީ ކީއްވެތަ؟ އަހަރެން ބޮޑުކަމަކަށް އެކްސްޕެކްޓް ކުރާނެކަމެއް ނެތް. އޭނަ އަހަރެން ދެކެ ލައިކް ވިކަމަށް ހީކުރުމަކީ މޮޔަކަމެއް. ޑިސްއޭބްލްޑް ގާލްއަކަށް ފޯލްވާނީ މޮޔައެއް...." ގަޒަލް ގޮނޑި ދުއްވަމުންގޮސް މެދުގޯތްޗަށް ނުކުތެވެ.

"އައި ހޭޓް ޔޫ............" ގަޒަލް މެސެޖެއް ލިޔުމަށްފަހު ފޯނު ދުރަށް އެއްލާލައިފިއެވެ.

***

އާއިލާއަށް ދިމާވެފައިވާ ބިރުވެރިކަމުން ސަލާމަތްކޮށްދިނުމުގެ ގޮތުން ސުފިޔާންވެސް ސަބީނާވެސް އިސްތިޚާރާކުރިއެވެ. އަމިއްލަ ގެ ދޫކޮށް އެހެން ތަނަކަށް ބަދަލުވުމާއި ބެހޭގޮތުން ﷲ ސުބުހާނަހޫ ވަތައާލާގެ ފަރާތުން އެކަމާއިމެދު ގޮތެއް ނިންމަން ނަމާދުކުރީއެވެ. އިސްތިޚާރާ ކުރި ދުވަސްކޮޅު އައި ވަރުގަދަ ހެއިލްސްޓޯމާއެކު އެގޭގެ ފުރާޅަށް ބޮޑެތި ގެއްލުންތައް ވިއެވެ. އެއީ "ޕޮޒިޓިވް"ކޮށް އިސްތިޚާރާގެ ޖަވާބު ލިބުނީކަމުގައި ދެކުނެވެ. ސުފިޔާން ވަގުތުން އެހެން ގެއެއް ގަނެގެން ބަދަލުވުމުގެ މަސައްކަތް ކުރަމުންދިޔައީ އަވަދިނެތިއެވެ. އިއާންއާއި ހާޒިލްގެ ދެކޮޅުހެދުމާއި ގޮތްދޫނުކުރުމަށް ބެލުމެއްނެތި އެހާ ރީތިކޮށް ހަދާފައި ހުރި ގެ ދޫކޮށް އެހެން ގެއެއް ގަތްއިރު އަމިއްލަ ގޭގެ ހަދާންތަކާއި ވަކިވާން ޖެހުމުން ލޮލުން ކަރުނަ އޮހުނު ވަގުތުތަކެއްވެސް ދިޔައެވެ. ނަމަވެސް ދުނިޔެއަކީ ދާއިމީ ގޮވެތްޗެއް ނޫނެވެ. ހާލަތާއި އެކު ބޮޑެތި ބަދަލުތަކެއް ގެނައުމާއިމެދު ހާސްވެ ފިކުރުބޮޑުވާން ޖެހުމުގެ ބަދަލުގައި ދަރިންނާއިމެދު ވިސްނާލަން އެބަޖެހެއެވެ. އަދި އެމީހުން ޖިންނިންގެ ގޯނާތައް ގަބޫލުނުކުރިޔަސް ކުދިންނަށްޓަކާ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ.

ސުފިޔާން އޭރު މަސައްކަތް ކުރަމުން ދިޔައީ އާއިލާއާއި ވާހަކަ ދައްކައިގެން ރާއްޖެއިން ރާގީއެއް ގެނައުމަށެވެ.

އާ ގޭގެ ސްވިމިން ޕޫލް ކައިރީ މެންދުރު ކެއުމަށް އިންސާފުކުރަން އެންމެން ތިބެފައި ސުފިޔާން އުފާވެރި ޚަބަރެއް ދިނެވެ.

"މާދަން ރާގީ އެއް އެބަ އާދޭ....."

"އަލްހަމްދުލިﷲ......"

"އެކަމަކު އޭނައަކީ މިލާންގެ އެކުވެރިއެކޯ. އެންމެ ކުރިން އެގޭގައި ހުރި ސިހުރު ނައްތާލާފަޔޯ އެހެން ކަމަކާއި އުޅެވޭނީ...އޭނަގެ ނަމަކީ އައްމާދު..........................."

އެ ނަމުގެ އަޑު އަހާފައި ރެއިނާ ކޮށިއަރާ ގޮތްވިއެވެ.

"އާ ޔޫ އޯކޭ؟ ދަންނަ މީހަކީތަ؟ " ސަބީނާ ރެއިނާގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލިއެވެ.

"ކޮންމެވެސް ވަރަކަށް....." ރެއިނާ ބުނެލީ ކަންބޮޑުވެފައިވާފަދަ ހީލުމަކާއެކުގައެވެ.

"އައްމާދުގެ ދަރިފުޅު ޖިބްރީލް...........އޭނަ ވައްތަރީޔޯ ރެއިނާމެންގެ ކުއްޖަކާ..." ގަޒަލް އިތުރަށް ބުނެދިނެވެ.

ގަޒަލް އެގޮތަށް އޭނަގެ ވާހަކަ ބޭޒާރުކޮށްލަފާނެކަމުގެ ސިހުން އޭނަގެ އަތަށް ހަރަކާތެއް ގެނުވިއެވެ. ނުވިސްނާ އިންދާ ބަނޑުގައި ވިކައިގަތުމުން ތޫނު ހަޅޭކަކާއެކު ގަޒަލް އެނބުރުނެވެ.

"ރެއިން. ވަޓް ވޯޒް ދެޓް ފޯރ. މިއަދު ނުހުއްޓުވަބަލަ. އެތައް އަހަރެއްވެއްޖެ މި ފެމިލީ ކުއްޖެއްގެ ގޮތުގައި ރެއިން އުޅޭތާ. ދޭ ޑިޒާވް ޓު ނޯ. ކިހާ ދުވަހަކަށް މިކާ އަނދިރީގައި ބަހައްޓާނީ؟ އެންމެންވެގެން ރެއިންގެ ދަރިފުޅު ހޯދަން ހެލްޕްވާނީ އެނގުނީމައެއްނު....." ގަޒަލް ވަކި އަޒުމެއްގައި އިންފަދައެވެ.

"ޖީޖީ........" ރެއިނާ ކަންބޮޑުވުމާއެކު އަމިއްލަ މޫނުގައި އަތް ޖައްސާލެވުނެވެ.

"ހަރާމް ދަރިއެއް ނަމަތާ އެވަރުން ފޮރުވާނީ..."

"ކީކޭ ޖީޖީ ތިކިޔަނީ؟ އަންމާދުގެ ދަރިފުޅުގެ މަންމައަކީ ރެއިނާތަ؟ " ސަބީނާ ކެއުން ހުއްޓާލާފައި ރެއިނާގެ މޫނަށް ބަލައިލީ ހައިރާންކަމުން ފުރިފައެވެ.

"އާނ މަންމާ.އެކަމަކު އެ ދަރިފުޅުގެ ބައްޕައަކީ އައްމަދުއެއްނޫން. އެމީހުން މިކާ އެޑޮޕްޓްކުރީ......"

"ރެއިން.......މިއީ ކޮން ވާހަކައެއް މިއިވެނީ؟ ރެއިނާ މިގެއަށް އައިއިރު އުމުރުން ކިތައް އަހަރު؟ އެފަހުން ލިބުނު ދަރިއެއްތަ؟ އެކުއްޖާ އެއްލައިލީ ކީއްވެ؟ " އެތައް ސުވާލުތަކެއް ސަބީނާގެ ފަރާތުން އަމާޒުވީއިރު އެހެން މީހުން ހިމޭނުން ތިއްބަސް ގަޒަލްގެ އެ ޚަބަރުން އަސަރުތަކެއް ކޮށް ހައިރާން ކުރުވިކަން ޔަގީނެވެ. ހާޒިލް ހަށަން ބަދެލައިގެން ލޯ ހިމަކޮށްލައިގެން އިނީ ރެއިނާގެ މާޒީއިން ސަފުހާއަކަށް ޝައުގުވެރިވެއެވެ.

ގަޒަލް ރެއިނާގެ ހަޔާތުގެ ސަފުހާ ޔަމަނުން ފަށާފައި ކެނެޑާއާއި ހަމަޔަށް ގެނައިއިރު ރެއިނާ ލަދުންގޮސް މަރުވާވަރުވިއެވެ. ގަޒަލް ކައިޔާންގެ ނަން ކިޔައިފިއްޔާ އޭނަގެ ހިތް ހުއްޓިދާނެއެވެ. ނަސީބަކުން މިކާހްގެ ބައްޕަގެ ނަން އޭނަ ނުކިޔާ "ގެސް"ކޮށްލަން ދޫކޮށްލީއެވެ. މަންމަމެން ވިސްނާލާފައި ކައިޔާން މެދުއިރުމައްޗަށް ކުރި ދަތުރު ހަދާންކޮށްފިއްޔާ އެ ބޭވަފާތެރި ފިރިޔަކީ އަދި ބައްޕައަކީ ކައިޔާންކަން ވިސްނައިގަނެވިދާނެއެވެ. އެންމެންގެ ހަމްދަރުދީ އޮހިގަތްވަރުން ރެއިނާގެ އަނދުނުން ފަވާފައި ހުރި ދެލޮލުގައި ކަރުނައިގެ މުތީތައް ވިދައިގަތެވެ. ސަބީނާ ތެދުވެގެން އައިގޮތަށް ފަހަތުން ކޮނޑުގައި އަތް އަޅުވާ ބައްދާލިގޮތަށް އިރުކޮޅެއްވާންދެން ހުއްޓެވެ.

"މައި ޕުއަ ޗައިލްޑް. ހާދަ ވަރަކަށް ސަފާކޮށްފައި ތިހިރީ. އެހާ ބޮޑު ހާދިސާއެއް ދިމާވިއިރު ތިކޮށްލި ހިތްވަރަކާއިމެދު ހަމަ ހައިރާންވެ އަންތަރީސްވެއްޖެ. ކޮންމެ ކޮންމެ ކުއްޖަކަށް ކެތެއްނުވާނެ. އަމިއްލައަށް ދަންޖެހިގެން މަރުވާނެ މީހުންވެސް މަދެއްނުވާނެ. އެހާ އިނޮސެންޓް އިރު ދަރިއަކު ލިބި އެދަރިފުޅު ގެއްލި ބައްޕަ ދަރިފުޅު ބަލައިނުގަތުމަކީ ހިތާމަހުރިކަމެއް. ފިރިހެނުންނަށްވެސް ހުރި ލަދެއް. ދަރިފުޅުމެންގެ ދުޢާއާއި މަސައްކަތާއެކު އެންމެފަހުން މިކާ ފެންނާކަށްނު މިއުޅެނީ. ދަ ވޯލްޑް އިޒް ސްމޯލް...އެންމެފަހުން ރާގީއަކަށް މިގެއަށް އަންނަ ޒުވާނާވެސް މިވީ މި ފެމިލީ ދަންނަ ކުއްޖަކަށްނު.....އަންމާދުގެ ވައިފް ނިޔާވީމަ މިހާރު އޭނަވެސް އެކަނިވެރިވާނެއްނު............" ސަބީނާގެ ވާހަކަތަކުން ރެއިނާއާއި އައްމާދު ގުޅުވަން ވިސްނިކަން އެނގި ގަޒަލްއަށް ބޯ ހޫރާލެވުނެވެ.

"މަންމާ. ނޫން. ރެއިން ލޯބިވާ އެހެން މީހަކު ހުރޭ..." ގަޒަލް އަވަސްއަވަހަށް ބުނެލިއެވެ.

ރެއިނާ ލޯ ބޮޑުކޮށްލިއެވެ. ހިތާހިތުން ކުދި ކިޔައިގަތަސް ސުފިޔާންއަށް ގަދަރުކުރާތީ އެކަމާއި ބެހޭގޮތުން އެއްޗެކޭ ކިޔާކަށް ނުކެރުނެވެ.

"ލޯބިވާކަމަށް ދައުވާ ކުރުމަކީ އަދި ހަގީގީ ލޯތްބެއްނޫން. މިޒަމާނުގައި ތިބުނާފަދަ ލޯތްބެއްވަނީ ކާކުތަ؟ މަންމަމެންގެ ޒަމާނުގައި ސާފުތާހިރު ލޯބިވެ އެކީގައި ދިރިއުޅެ ވަކިވެގެން ދިޔަކަމުގައި ވިޔަސް އިންސްޓަގްރާމް ތަންތާ ލޯބި އިއުލާންކޮށް މޮޔަވެ މަރުދަން ޖެހިފައިވެސް ވަކިވާން ހިތަށް އެރުމާއެކު އެނިމުނީ. ރެއިން މޮޔަކަމެއް ނުކުރައްޗޭ. އައްމާދުފަދަ ސޯލިހު ޒުވާނަކު ހުހަށް ހުރެއްޖެއްޔާ އަދި ރެއިނާގެ ދަރިފުޅުގެ ބައްޕަކަމުގައި އެކުއްޖާ ބަލައިގަނެފައި ހުރެއްޖެއްޔާ އިތުރު މީހަކަށް ފުރުސަތުދޭކަށް ނުފެނޭ...." ސަބީނާ ނަސޭހަތްތެރިވިއެވެ.

"މަންމާ. އައްމާދުގެ ފިއާންސޭ އެއް އަބަހުރި...."ގަޒަލް އަވަހަށް ބުނެލިއެވެ.

"ދެރަ..." ސަބީނާ ރެއިނާގެ ކޮލުގައި މަޑުމަޑުން ޖަހައިލިއެވެ." އައްމާދު މިގެއަށް ގެންނަން ދައުވަތުދޭއިރު މިކާވެސް ގެންނަން ބުނާނަން..ފޮޓޯއެއް ނެތްތަ؟ "

"މަންމަމެންނަށް ސަޕްރައިޒެއް ދޭނީ....." ގަޒަލް ލާނެތްގޮތަކަށް ހީގަތެވެ.

"މިވަރުގެ ސަޕްރައިޒެއް މީހަކަށް ނުދެވޭނެ. މަންމަ ހަމަ ޝޮކްޖެހުނީ...." ސަބީނާ ގޮނޑީގައި އިށީދެ ބޯ ދެފަރާތަށް ހޫރައިލަމުން ހިނިތުންވެލިއެވެ.

"މާމަ ކިޔާނެ ދަރިއެއް މި ލިބުނީނު..."

"އަސްލުވެސް......." ގަޒަލް އެއް ލޯ މަރައިލިއެވެ.

ރެއިނާ ނޭވާ ހިފަހައްޓައިލިއެވެ. ދެވަނަފަހަރަށްވެސް ވިކައިގަތެވެ. ގަޒަލް ހިނި އައެވެ. ރެއިނާ އަށް އޮންނާނީ ކޮން ޔަގީންކަމެއް ހެއްޔެވެ؟ ގަޒަލް ކައިޔާން ކިޔާ ބޮން މިތަނަށް ވައްޓާލައިފިއްޔާ މިގެ ރޫޅިދާނެއެވެ. އިތުރު ސަޕްރައިޒެއް ދޭކަށް ގަޒަލްގެ ހިތަކު ނެތެވެ. މިކާހް މަންމަމެން ކުރިމައްޗަށް އައުމުން ކައިޔާންގެ ސިފަތައް އެކުއްޖާގެ ފަރާތުން ފެނި ޝައްކުވެ ނޫނީ ޔަގީންނުވާންވީ އެއްވެސް ސަބަބެއްނެތެވެ.

***

ކައިޔާން ތެދުވެގެންގޮސް އިސްކޮޅު ސައިޒްގެ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ހަށިގަނޑުގެ ޒަޚަމްތައް މުޅިންހެން ހިކިފައި ހުއްޓަސް އަދިވެސް އެއް އަތް ނިކަން އައިބުވެފައި "ޒޯމްބީ"އެއްފަދައެވެ. އަންހެންކުދިން މޮޔަވި ކައިޔާން ދިޔަ ތަނެއްވެސް ނޭގެއެވެ. ލޯގަނޑުން އޭނައާއި ހަތަރުކަޅި ހަމަކުރީ ބީރައްޓެއްސެކެވެ. އެމޫނުމަތިން ދެކެ ފަރިތަ ސިފައަކަށް ފެނުނީ ލޮލެވެ. ލޮލުގެ ރީތި ކުލައަކަށް ބަދަލެއް ނައިކަމުގައި ވިޔަސް އެލޯ ފްރޭމްކޮށްލަދިން ބޯ ދިގު އެސްފިޔަތައް ވަކިވެ ރީތިކަން ގެއްލި އާދައިގެ އިންސާނަކަށް ވެއްޖެއެވެ. މަރުވުމުން ހަށިގަނޑު ހަލާކުވާފަދައިން އެންމެން ސަނާ ކިޔާ ހަށިގަނޑު ދުނިޔޭގައި ހުއްޓާ ހުތުރުވެ ކަށިގަނޑަކަށް ވެއްޖެއެވެ. އޭނަ ފެނުމުން އަންހެންކުދިން ދުވެ ފިލާނެއެވެ. އެންމެ ލޯބިވި ހަޔާތުގެ ބައިވެރިޔާވެސް އޭނަގެ ހުތުރު ސިފަ ފެނި ބިރުން ދުވެ ފިލީއެވެ.

"މަދުވަނީ ދަޅެއްއެކަނި؟ ޑެވިލްވެސް މިއަށްވުރެ ހެންޑްސަމްވާނެ. އެހެންވެ ދޯ ފުރާނައަކީ މުހިއްމު އެއްޗަކަށްވަނީ؟ ހަށިގަނޑަކީ ބޭކާރު އެއްޗެއް.........." ކައިޔާން ނަޒަރު ވަކިކުރަން އުދަގޫވެފައި ހުރިއިރު ރެއިނާ އޭނައަށް މަލާމާތްކޮށްފައި ހެމުންދާކަމުގެ އިހުސާސް ކުރެވުނެވެ.

ޔަގީނެވެ. ރެއިނާ ހިތާހިތުން މަލާމާތްކޮށް އުފާކުރާނެއެވެ. ހުރިހާވެސް ކަމަކީ ރެއިނާގެ ބަދު ދުޢާއެވެ.

ރެއިނާ އޭނަގެ ދިރިއުޅުން ބަރުބާދުކޮށްލައިފިއެވެ. "އުފާކުރާނެ ކަމެއްނެތް. އަހަންނަށްވެސް ކުރެވިދާނެ ކަންތައް އެބަހުރި." ކައިޔާން ގެ ލޮލަށް ކަރުނަ ޖަމާވާންފެށުމުން އޭނަ އެނދާ ދިމާލަށް ހިނގައިގަތެވެ.

މަންމަ ކޮޓަރިއަށް ވަންއިރު މިއަދު މޫނުމަތިން ތަފާތު ވިދުވަރެއް އެބަހުއްޓެވެ. ލެވެންޑާކުލައިގެ ސްކާފުން އިސްތަށިގަނޑު ނިވާކޮށްފައިވުމުން އެ ދޮންމޫނުން ނޫރާނީކަމެއް ވިދާ ބަބުޅައެވެ. މަންމަ ވަނީ އިސްލާމީ ރީތި ސަލާމުން ސަލާމްކޮށްލާފައެވެ. މަންމަ ކައިޔާންގެ މަގަތު އިށީނެވެ. ހާލު އޮޅުން ފިލުވިއެވެ. އާދައިގެ މަތިން ކައިޔާން އޮތީ އުފާވެރި މޫޑެއްގައެވެ.

"ނަސީބަކުން މަމީއަކާއި ވައްތަރެއްނޫން. ލޯގަނޑުން ބަލާލިއިރު ފެނުނީ ޒޮމްބީއެއް........."

"ހަނީ. އެހެންމީހުންގެ ލޮލުން ބަލަން ދަސްކޮށްބަލަ. މަންމައަށް ދަރިފުޅު ބާންސްތަކާއި އެކުވެސް ހަމަ ވަރަށް ރީތި. ވަރަށް ލޯބި. ލޯބިވާ މީހުންނަކަށް ރީތި ސިފަ މުހިއްމުވާނެތަ؟ މީހާގެ ހުރިހާވެސް އެއްޗަކީ އަޚުލާގާއި އެތެރެފުށުގެ ރީތިކަން. ކެރެކްޓާ. ކިތަންމެ ރީތި މީހެއްވެސް އުޅޭ ވައްތަރުން އެންމެން ފޫހިވެދާނެ. ވީމަ ދަރިފުޅުގެ ނަޒަރިއްޔާތު ބަދަލުކޮށް އަމިއްލަ ނަފުސަށް ލޯބިކުރަން ދަސްކުރޭ. ހަޔާތުގެ ކޮންމެ ކަމަކީ ﷲ ސުބުހާނަހޫ ވަތައާލާ ކުރިމަތިކުރުވާ އިމްތިހާނެއް. އެކަމުން އިބުރަތް ލިބިގަންނާނީ ވިސްނުންތެރިން. އަދި ކެތްތެރިވެ ﷲގެ މިންވަރުފުޅަށް ރުހިގެން ހުރުމުން ރަގަޅުގޮތްތައް މެދުވެރިކުރައްވާނެ. އެއްވެސް މީހަކު ތިމާގެ ދަރިއެއްގެ ފަޔަށް ކަށްޓެއް ހެރެންވެސް ނޭދޭނެ ދަރިފުޅާ އެކަމަކު އެފަދަ ކިތަންމެ ނުރައްކާތައް މެދުވެރި އެބަކުރައްވާ. ފުރާނަވެސް ގެއްލިގެން އެދަނީ. މައިންބަފައިންނަށްވެސް ދަރިން ރައްކާތެރިކުރެވޭނެ އެންމެ މައްޗަށް ކުރިޔަސް އެ އަޅުތަކުންނަށް އެއަށްވުރެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ފަރާތެއްވޭ. ދިމާވާ މިފަދަ ކަންތައް ތަކުގެ ހިކުމަތެއް އިންސާނުންގެ ބަލިކަށި ސިކުނޑިތަކަށް ވިސްނައެއް ނުގަނެވޭނެ. ނަމަވެސް މިއީ ހަމަ ދަރިފުޅަށް ރަގަޅަކަށް ދިމާވިކަމެއްކަމަށް ބަލަމާ. އޭގެ ބްރައިޓް ސައިޑް ނަގާނީ.ކައިއަށް މި ހާދިސާ ދިމާނުވިނަމަ ލޯބިވާ މީހުން ވަކި ނުކުރެވުނީސްކަން ނޭގޭ. އެވާހަކައެއް ނޫނޭ. ކައިއާއި ނުލާ ވާހަކަތަކެއް ދެއްކިއްޖެ. ވައިބާ ގްރޫޕްގައި ވަގުތުން އޮންނާނެ. އެކަމަކު މަންމަވެސް ކިޔާދޭނަން....." ސަބީނާގެ ވާހަކަތައް އަހަން އިންއިރު ކައިޔާން އެކަމާ ދެކޮޅެއް ނަހަދައެވެ. އެވާހަކަތައް އަހަން ހިމޭނުން އޮތްއިރު އެކި ޚިޔާލުތައް އޭނަގެ ސިކުނޑީގައި ދަތުރުކުރިއެވެ.

"ރެއިނާ މަންމަ ގާތު ރުގުޔާގެ ވާހަކަވެސް ބުނާނީ. މަންމަމެން އަދި އެވާހަކަތައް ގަބޫލުވެސް ކުރާނެ ގުޒް މަރައިލީ މެގްނޯލިއާ ގަހުގައި އުޅޭ ޖިންނި. ގަޒަލް ޕެރެލައިޒްކޮށް މިލާން ދުނިޔެއިން މޮޔަކޮށް އާއިލާތެރޭ މަރުވި އެންމެންވެސް ޖިންނީގެ ސަބަބުންކަމުގައި އެވީ. އަހަރެންގެ ފްލައިޓްވެސް ވައްޓައިލީ އެ ޖިންނި. ކާފަ ކުރިން އެވާހަކަތަކެއް ނުކިޔާ. ރެއިނާ ކާފަމެންގެ ބޮލަށް އެރިގެން ސިކުނޑި ދޮވެލީ. އެ މިލާންވެސް ޖިންނިންގެ ބޮލުގައި ހުރިހާކަމެއް އަޅުވާފައި ރެކިގަތީނު........"

"އަދި އެ ރުގުޔާ ކުރަން ގެންނަ އައްމާދުގެ ދަރިފުޅު މިކާއަކީ ރެއިނާގެ ދަރިފުޅުކަމުގައިވަނީ...." ސަބީނާގެ ޖުމްލައިން ކައިޔާންގެ ލޮލަށް ވެރިވި ސިހުމާއި ތެދުވެ އިށީދެވުނުގޮތް ސަބީނާއަށް ފާހަގަ ނުކުރެވުނީ އެވަގުތު އޭނަ ތެދުވެގެންގޮސް ފްރިޖް ހުޅުވާލައިގެން ހުރީމައެވެ.


"އަދިވެސް ފްރޮސްޓީ ދޫކޮށެއްނުލެވޭ ދޯ. މި ޖީމިން ފްރޮސްޓީއަކީވެސް މިލާންމެންގެ ފެކްޓްރީއިން އުފައްދާ އެއްޗެއް....." ސަބީނާ އެކަތި ހިފައިގެން އައިސް އިށީނެވެ. "މަންމަވެސް މިކަހަލަ ޑެއިރީ އެއްޗެހި ނުކާން ހުއްޓަސް އެބަ ކެވޭ....."

"ސޯ ކޮންއިރަކު އޭނަ އަންނަނީ "ކައިޔާންގެ ހިތުގެ ތެޅުން ނިކަން ބާރެވެ.

"މިއަންނަ ވީކްގައި..."

ކައިޔާންގެ ހިތް އޭގެ މަގާމުދޫކޮށްފައި ނުކުމެދާނެހެން ހީވި ވަގުތުކޮޅެކެވެ. ބަޔާން ނުކުރެވޭފަދަ ގޮތަކަށް ހިތް އެދުންވެރިވީ އެދުވަސް އަވަހަށް އައުމަށެވެ. މިކާހް ދެކޭހިތުން ބޭގަރާރުވެ ލޮލުގައި ކަރުނަ ހިނގައިލިއެވެ. މިކާހް އައުމަށްފަހު އޭނައަށް އެކުއްޖާގެ ހަގީގަތް ސިއްރުކޮށްގެން ހުރެވިދާނެކަމާއިމެދު ޝައްކު އުފެދުނެވެ. އައްމާދުގެ ގާތުގައި އޭނަގެ ދަރިއަކު ހުންނަން ގާނޫނީ އަދި ދީނީ ގޮތުންވެސް ހައްގެއް ނެތެވެ. އޭނައާއި ރެއިނާގެ ކައިވެނި ކުރެވި ހަލާލު ގުޅުމެއްގައި ލިބުނު ދަރިއަކަށް ވީ ހިނދުވެސް ޟަމީރު އޭނައަށް މަލާމާތްކުރިއެވެ. އެދަރިފުޅާއިމެދު ބުނެވުނު އިހާނެތި ބަސްތައް ހިތަށް ތަދުކުރުވިއެވެ. އައްމާދުގެ ނަސީބާއިމެދު ހިތުގައި ހަސަދައިގެ އޮއިވަރެއް ދަތުރުކުރިއެވެ. އައްމާދު އަމިއްލައަށް ދަރިއެއް ނުހޯދާ އެހެން މީހުންގެ ދަރިން ގެންގުޅެންވީ ސަބަބެއް ނޭގެއެވެ.

އާ ގެއިން އޭނައަށް ހަމަޖެހިފައިވާ ކޮޓަރިއަށް ވަދެފައި ހުސްކަމެއް އިހުސާސް ކުރެވުނެވެ. ސަޖަލްއާއެކު ދިރިއުޅުނު ގެއަށްވުރެ އެންމެ ތަންކޮޅެއްވެސް ޝާހީކަން ކުޑައެއް ނޫނެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ މުއްސަދިކަމުގެ ކުލައެވެ. ފައިދަށުގައިވާ ދޫލައާއި ބިއްލޫރި ދޮރުތަކުގައި ދަމާފައިވާ ޑިޒަައިން ދޮރުފޮތިތަކާއި އުސްފަންގިފިލާ އަދި ޗާންދަލިއާތަކާއި އަގުބޮޑު ފަރުނީޗަރުތަކާއި ތަނަވަސްކަމުންވެސް އިންސާނެއްގެ ހިތް އާޝޯޚުކުރުވާނެއެވެ. އިންޓީރިއާ ޑިޒައިންއަށް ސާބަސްދޭވަރުވެއެވެ. ކައިޔާން ބިއްލޫރި ދޮރުފަތް ކަހާލާފައި ބެލްކަންޏަށް ނުކުތުމުން ފިނިފިނި ވައިރޯޅިއެއް މޫނުގައި ބީހިލިއެވެ.

"އަހަރެން ސަޖަލް މަތިން ހަދާން ނައްތާލާނަން. އަހަންނާއި ދުރަށް ދިޔަގޮތަށް...." ކައިޔާން ލޯ މަރައިލިއިރު ކަރުނަތިއްކެއް އެސްފިޔައިން ތިރިއަށް ދެމިގަތެވެ.

ކުއްލިއަކަށް އަނުދުން ފެވިފައިވާ ކަޅުކަން ގަދަ ބޮޑު ދެލޯ އޭނަގެ ލޮލުގެ ތެރެއިން ފެނިލިއެވެ.

"ރެއިނާ..........ކީއްވެ އަހަންނަށް މިހެން ހެދީ؟ "

***

ދުރުދުރަށް ދާންދެން ފެންނަން ހުރި ފެހިކަން ގަދަ ގަސްތަކުގެ ފަތްތަކުގެ މަތީ ކުދި ޖަވާހިރުތައް ފަދައިން ޝަބުނަމް ވިދާ ބަބުޅައެވެ. ފަޒާގައި ހިފާފައިވަނީ ދޫނިތަކުގެ ލަވަޖެހުމުގެ އަޑެވެ. ކުއްލިއަކަށް އައި ކޮޅިގަނޑު އެއްކޮށް ނެގި އުޑުމަތި ފީރޯޒެއް ފަދައިން ފެތުރިފައި އޮތެވެ. އަމާންކަމުގެ ދެވަނައެއްނެތް އެގޭގެ ގަސްތަކުގެ ތެރޭގައި ރެއިނާއާއި ގަޒަލް ވާހަކަ ދައްކައިލަން ތިއްބާ މިލާން އަންނަތަން ފެނުނެވެ. އެ ރީތި ހިގުމަށް އެސްފިޔަޖަހައިލަން ނޭގި ބަލަހައްޓައިގެން ގަޒަލް އިނެވެ.

"ޑޭމް މިލާން..." ގަޒަލް ލޯ ކުޑަކޮށްލިއެވެ.

"ހައި ގާލްސް...........ތިވަރަށް ނުބެލިޔަސް ވެދާނެ...."

"ކީއްކުރަން ތިއައީ؟ " ގަޒަލް އެހިއެވެ.

"އަހަރެންގެ ވައިފް ދެކެލަން އައިސްގެން ނުވަނީތަ؟ " މިލާން މަޖާވެލާފައި އެހިއެވެ.

"ގަރުނުގެ އެންމެ ބޮޑު ތެދު ތިހެދީ. ޑިސްއޭބްލްޑް ވައިފްއަކާއި ހެދި އުޅޭނީ ކާކު؟ " ގަޒަލްގެ ފިޔާތޮށިކުލަ އަރާ މޫނަށް ރަތްކަމެއް ވެރިވާން އުޅުނެވެ. މިލާންގެ ފެހިކުލަ އަރާ ދެލޯ މިއަދު ވަކިން ރީތިހެން ހީވިއެވެ. ލާފައި ހުރި ފެހި ކުލައާއި ގުޅެނީކަން ނޭގެއެވެ.

"މޮޔައެއް އުޅެދާނެ. ދެން ހަމަ ފްލޯލެސް ވާން ޖެހޭތަ؟ ޕާފެކްޓް މީހަކާއި ހެދި އުޅޭނީ ޕާފެކްޓްމީހެއްނު. ތެދަށް ބުނަންޏާ މިއައީ މަންމަ އިންވައިޓްކުރީމަ. މަންމަ މިކޮޅަށް އައިކަން އެނގެނީ މިގޮތަށް ދައުވަތެއް އައީމަ...." މިލާން ހީލިއިރު އެހާ އަޅައިގަތީ އެ ހިނިތުންވުމުގައި އެތައް އަސަރެއް އެކުލެވޭތީއެވެ. ގަޒަލްއާއި މިލާންގެ ހަތަރުކަޅި ހަމަވިއެވެ. އިރުކޮޅެއްވާންދެން މިލާންއަށް ބަލަން ހުރެވުނެވެ.

"ޔޫ ނޯ ވަޓް؟ އައި ޑޯންޓް ކެއާ......." ގަޒަލް އަނެއް ފަރާތަށް އެނބުރުނެވެ. "މިގެއަށް ކޮންމެހެން ނަޔަސް ވެދާނެ...................."

ކުއްލިއަކަށް މިލާން ގަޒަލްއާއި ގާތަށް ޖެހިފައި ކޮލުގައި ވިކައިލިއެވެ. ތަދުވާހާ ބާރަކަށެވެ. ތަދުވެގެން ހަޅޭއްލަވައިގަތީމަވެސް މަޑުކަމުން ހިފައިލާ ހިތްވީއޭ ކިޔާފައި ދެތިންފަހަރު ހިފައިފާ އަތް ދުރުކޮށްލިއިރު ކޯތާފަތަށް ކްރިމްސަން ކުލަ ވެރިވެ ގަޒަލްގެ ލޮލުން ފެން ފައިބައިގަތް ގޮތުން ތަދުވީވަރު ސާބިތުކޮށްދިނެވެ.

"އައި ސްވިއާ އައި ޑިޑްންޓް ޑޫ އިޓް އޮން ޕާޕޯސް......." މިލާން އެހެން ބުނެފައިވެސް ލާނެތް ގޮތަކަށް ހޭންފެށިއެވެ.

"ޔޫ ކްރޭޒީ ޖޯކަރ....... ޔޫ އާ އިންސޭން....." ގަޒަލް ހަޅޭއްލަވަައިގަންނަމުން ބުނެލިއެވެ. އަދި ގޮނޑި ދުއްވާލައިފިއެވެ.

ނުނިމޭ

comment ކޮމެންޓް