ފުލުހުންގެ އާ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި

މުޒާހަރާއެއް ކޮންޓްރޯލް ކުރަން ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.

ފުލުހުންގެ ގާނޫނު ތަސްދީގު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

ގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ ގާނޫނު ތަސްދީގު ކުރިތާ ތިން މަސް ފަހުން މިއަދު އެވެ.

އެ ގާނޫނުގައި ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތަކުގެ ގޮތުގައި ފުލުހުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.

މުޅި ރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ގާނޫނުން އިސްތިސްނާ ލިބިގެންވާ ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ވަނީ ކަނޑައަޅައިފަ އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން މިއަދު ފަށާފައިވާއިރު އާ ގާނޫނާއެކު ފުލުހުންގެ މުވައްސަސާ އިން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވުމުގެ އިތުރުން ފުލުހުންނަށް ލިބިދެވޭ ހިދުމަތްތައްވެސް އިތުރަށް ހަރުދަނާ ވާން ޖެހޭ ކަމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވަނީ ވިދާޅުވެފަ އެވެ.

އާ ގާނޫނު ބުނާ ގޮތުން ގާނޫނަށް އަަމަލު ކުރާއިރު ތިބި ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް އެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުން ބަލައި އެ މީހުން މަގާމުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.

comment ކޮމެންޓް