ރޭޕް ކޭސް: ޕޮލިސް ސްޓޭޝަން ކައިރީ ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައިގައި ތުހުމަތުވާ މީހުން ހައްޔަރުކުރަން ގޮވާލައި، ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރުކޮށްފި އެވެ.

މާޗު މަހުގެ ތިން ވަނަ ދުވަހު، އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ 11 ވަނަ ދުވަހު އެވެ.

އެ ހާދިސާގައި ރޭޕްގެ ޝިކާރައަކަށްވީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ ވަނީ ހާދިސާ ހިނގި ގޮތް، އާއިލާ އަށާއި ޖެންޑާ މިނިސްޓްރީއަށް ކިޔައިދީފަ އެވެ. އަދި އެކުއްޖާ ވަނީ މާލެ ގެނެސްފަ އެވެ.

އެ މައްސަލަ އާ ގުޅިގެން އެ ކުއްޖާ ނިސްބަތްވާ ރަށުގައި އިއްޔެ ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އިހުތިޖާޖު ކޮށްފައި ވަނީ މައްސަލާގައި ތުހުމަތުވާ ޓީޗަރު އަދި ވެސް ހައްޔަރު ކޮށްފައި ނުވާތީ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ އެ ރަށުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނުންނެވެ.

އެރަށުގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދީ، ފުލުހުންނަށް ހަމަލާދީފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކުއްޖާ ރޭޕް ކުރިކަމުގެ ތުހުމަތުވާ އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ މައްސަލަ ހުށަހެޅުނު ނަމަވެސް އެ މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.

އެ ކުއްޖާގެ އާއިލާގެ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި މި މަހުގެ ތިން ވަނަ ދުވަހު އެ ކުއްޖާ ސްކޫލުގެ ކަމަކު ސްކޫލަށް ގޮސް ހުއްޓާ، ޓީޗަރަކު އޭނާ ގޮވައިގެން ސްކޫލު ކައިރީގައި ހުރި ގެސްޓް ހައުސްއަކަށް ގެންދިޔައީ އެވެ. އެކަން ހިނގީ ހަވީރުގެ ވަގުތެއްގަ އެވެ.

އެ ގެސްޓްހައުސްއަށް ގެންދިޔަ އިރު އެތަނުގައި އިތުރު ތިން މީހުން ތިބި ކަމަށާއި އެ މީހުން ތިބީ މާސްކު އަޅައި މޫނު ފޮރުވައިގެން ކަމަށް އޭނާ ކިޔައިދިނެވެ. އެހެންކަމުން، އެއީ ކޮން ބައެއްކަން ކުއްޖާއަށް ނޭނގޭ ކަމަށް އޭނާ ކިޔައިދިނެވެ.

ޖެންޑާ މިނިސްޓްރީ އިން ވެސް ބުނެފައި ވަނީ މެދުރާއްޖެތެރޭގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 10 ވަނަ ދުވަހު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ގެންގޮސް، އެ މައްސަލާގައި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް