ނިދިގަނޑަކުން ހުރިހާ ކަމެއް ހައްލުވީތަ؟

ނިދިގަނޑަކުން ހުރިހާ ކަމެއް ހައްލުވީތަ؟

އަބަދުވެސް ދެކެވެނީ ނިދުމުގެ މުހިންމު ވާހަކައެވެ. ގަޑިން ގަޑިއަށް ނުނިދާނަމަ ދިމާވާ ސިއްހީ މައްސަލަތަކުގެ ވާހަކައެވެ. ދިރިއުޅުމުގެ ކާމިޔާބީގެ ސިއްރު ތަޅުދަނޑިއަކީ ވެސް ރަނގަޅު ނިދި ކަމުގަ އެވެ. ކޮންމެއަކަސް، މިހާރު ކޮންމެހެން ނިދި ގޯސްވީކީއެއް ނޫނެވެ. ނަމަވެސް މިއުޅެނީ މުޅީން ތަފާތު ނިދިގަނޑެއްގެ ވާހަކަ ދައްކާށެވެ. ތިމާގެ ހަޔާތަށް ދިމާވެފައިވާ ނުވަތަ ދިމާވަމުންދާ އެކި މައްސަލަތަކުން ރެކިގަތުމަށް ނިދާ ނިދިގަނޑުތަކުގެ ވާހަކަ އެވެ.

މިއީ ގިނަބައެއްގެ މެދުގައި ނިކަން އާންމު ކަމެކެވެ. އޮފީހުގައި މައްސަލައެއް ޖެހުނަސް، ނުވަތަ ދެމަފިރިންގެ މެދުގައި ވެސް މައްސަލައެއްޖެހި ދެމީހުން އެކަކު އަނެކަކު ދެކެ ހިތްހަމަނުޖެހި ރުޅިއައުމުން އެކަން ހައްލު ކުރުމުގެ ބަދަލުގައި ނިދާލަނީ އެވެ.

ފަހަރެއްގައި ނިދާލުމުން ސިކުނޑިއަށް ލުއެއް ލިބެނީ ކަންނޭނގެ އެވެ. ނޫނީ އެ މައްސަލަތައް ހަނދާންނެތެނީ އެވެ. އެކަމަކު ނިދާލުމުން އެ ޖެހުނު މައްސަލަ ހައްލުވޭ ބާވަ އެވެ.

ނިދުމަކީ އެއީ ވަގުތީ ލުއެއް!

ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑާ އަދި ސައިކޯލޮޖިސްޓް ނަދާ ޝަރީފް ވިދާޅުވި ގޮތުގައި މާ ބޮޑަށް ސްޓްރެސް ވުމުން ނުވަތަ އެނޫން ވެސް އެފަދަ ކަމެއް ދިމާވުމުން އެކަމެއް ހައްލުކުރަން އުޅުމުގެ ބަދަލުގައި ނިދާލުމަކީ ލިބޭނޭ ވަގުތީ ލުއެއް ކަމުގަ އެވެ.

"ގިނަ ފަހަރު މިހެން ހެދީމަ އެ އުދާސްތައް ބޭރެއް ނުކުރެވޭ. އޭގެ ސަބަބުން އިތުރު ނަފްސާނީ މައްސަލަތައް އެބަ ދިމާވޭ. ކޮންމެ މީހަކަށް ވެސް ސްޓްރެސްއާއި މިޒާތުގެ ކަންކަން ދިމާވެދާނެ. އެކަމަކު އެކަންކަމާ ޑީލް ކުރަން އެބަ އިނގެންޖެހޭ. އެ ވާހަކަ ނުދައްކާހާ ހިނދަކު އެ އުނދަގޫތައް ހަމަ ފޮރުވިފައި ވިޔަސް ހުންނާނެ،" ނަދާ ވިދާޅުވި އެވެ.

އަދި އެ މައްސަލައެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ނިދާލުމުން އެއީ ހައްލެއް ނޫންކަން ފާހަގަކުރައްވައި ނަދާ ވިދާޅުވީ އެ މައްސަލައަކަށް ހައްލެއް ނުހޯދައިފި ނަމަ ދެ ވަނަ ފަހަރަށް ވެސް އެ ހާލަތެއް ތަކުރާރުވުމަކީ ވެދާނެ ކަމެއް ކަމަށެވެ. އެއާ އެކު ކުރީގެ ފުނިޖެހިފައި ހުރި ޚިޔާލުތައް އަލުން އަނބުރައި އައުމަކީ ވެސް ވެދާނެ ކަމެކެވެ.

އެއްވެސް ކަމެއް އަބަދު ފިއްތައިން ނުހުރެވޭނެ، ބޭރުކުރޭ!

ދިރިއުޅުމުގައި ދިމާވާ އެކި މައްސަލަތަކުގައި އެއްބަޔަކު އަބަދުމެހެން ކުރާ ކަމަކީ އެމީހެއްގެ އިހުސާސްތަކާއި އުދާސްތައް އަނެކާ އަށް ނުވަތަ އަނެކުންނަށް ފަސްއަޅާ ފޮރުވުމެވެ. ފަހަރެއްގައި އެކަމެއްގެ ހޫނުގައި އިތުރަށް ހުޅުގަނޑު ބޮޑު ނުކުރަން ހަނު ހުރުމަކީ ނެތްކަމެއް ނޫނެވެ. އެހެންނަމަވެސް ކުޑަކޮށް މަސްރަހު ފިނިވުމުން ވިޔަސް ވާހަކަދައްކާ ހައްލު ހޯދުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ. އެ ނޫންނަމަ އޭގެ ސަބަބުން އެހެނިހެން ނުރަނގަޅު އަސަރު ކުރިމަތިވެ އެވެ.

"ވަރަށް އުނދަގޫވާނެ ކަމެއް އަބަދު އެކަހަލަ ވާހަކަތައް އެއްވެސް މީހަކާއި ހިއްސާނުކޮށް ފުނިޖައްސާފައި ބެހެއްޓުމަކީ. އޭގެ ސަބަބުން ނިދުމަށް ވެސް އަސަރުކުރާނެ. އެކަމާ ދޭތެރޭ ވިސްނި، މާޔޫސް ވެސް ވެދާނެ. އަދި ކެއުމާއި މަސައްކަތަށް ދެވޭ ސަމާލުކަން ވެސް ކުޑަވޭ."

އިތުބާރުކުރެވޭ އެހެން މީހަކާއި ހިއްސާކުރޭ، ޚިޔާލު ހޯދާ

ނަދާ ވިދާޅުވި ގޮތުގައި މިފަދަ ކަމެއް ދިމާވުމުން އެކަމެއް ހަނދާން ނައްތާލަން ނިދާލުމުގެ ބަދަލުގައި ތިމާގެ ގާތް އިތުބާރު ކުރެވޭ މީހަކާއި އެ ކަމެއް ހިއްސާކޮށް އެމީހެއްގެ ޚިޔާލު ހޯދާ މަޝްވަރާ ކުރުމަކީ ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.

"ނިދާލުމަކީ އެވަގުތެއްގައި ދިމާވާ މައްސަލައަކަށް ވަގުތީ ހައްލަކަށް ވެދާނެ. އެހެންނަމަވެސް ދިގު މުއްދަތަކަށް ބަލާއިރު، އަޅުގަނޑު ދަންނަވާނީ އެކަމަކަށް ހައްލެއް ހޯދުމަކީ ވަރަށް މުހިންމުކަމެއް. މިސާލަކަށް އޮފީހުގައި ދިމާވާ ކަމެއްނަމަ ތިމާގެ އާއިލާ ނުވަތަ ޕާޓްނަރާއި އެވާހަކައެއް ހިއްސާކުރެވިދާނެ. އޭރަށް އެކަމެއްގައި އިތުރު މީގެއްގެ ޚިޔާލު ވެސް ލިބި އަމަލުކުރަންވީ އެންމެ ރަނގަޅު ގޮތް ވެސް ފެނިދާނެ." ނަދާ ވިދާޅުވި އެވެ.

އެހެންކަމުން ދެން ފަހަރުވެސް ކިތަންމެ ކުޑަ ނުވަތަ ބޮޑު މައްސަލަގަނޑަކާއި ކުރިމަތިވިއަސް ހުރިހާ ކަމެއް ހުއްޓާލާފައި ފޯނު ނިއްވައިން ނިދަން އޮތުމުގެ ބަދަލުގައި އެކަމަކާއި ކުރިމަތިލައި ހައްލުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭށެވެ.

comment ކޮމެންޓް