ހުރާ އިން އިތުރު 24 މީހަކު ޕޮޒިޓިވް ވެއްޖެ

ކ. ހުރާ --- ފޮޓޯ: ބުކިންގ.ކޮމް

ކ. ހުރާއިން އިތުރު 24 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 28 އަށް އަރައިފި އެވެ.

ހުރާ ކައުންސިލްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިއަދު ޕޮޒިޓިވްވި 24 މީހުންގެ ތެރޭގައި 65 އަހަރުން މަތީގެ ހަތަރު މީހަކާއި 18 އަހަރުން ދަށުގެ ހަތަރު ކުދިން ވެސް ހިމެނޭ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެރަށުގެ ގިނަ ގެތަކެއް މިވަގުތު ކަރަންޓީނުކޮށްފައިވާ ކަމަށާއި އަދިވެސް ގިނަ އަދަދެއްގެ ސާމްޕަލްތަކެއްގެ ނަތީޖާ ނުލިބޭ ކަމަށެވެ. އަދި މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހަދައި، މިރޭ 65 މީހެއްގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހުރާ މޮނީޓަރިން ހާލަތަށް ގެންދިޔައީ އެރަށުން ބަލިވެގެން މާލެއަށް ގެންދިޔަ އުމުރުން ދުވަސްވީ މީހަކު ވައިރަހަށް ޕޮޒިޓިވްވެގެންނެވެ.

އޮފިޝަލް ވިދާޅުވީ އެ މީހާއަށް ބަލި ޖެހުނު ގޮތެއް ނޭނގޭ ކަމަށެވެ. އެރަށަކީ މޮނިޓަރިން އަށް ލުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އައިސް ގޮސް ހަދާ ރަށެއް ކަން އޮފިޝަލް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ކައިރި އެހެން ރަށްތަކަށް ވެސް ނުރައްކާ ބޮޑު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހުރާގެ އިތުރުން ދިއްފުށިން ވެސް މިއަދު ވަނީ އިތުރު ކޭސްތަކެއް ފެނިފަ އެވެ. އެގޮތުން އެރަށުން މިއަދު ދިއްފުށިން ތިން ޕޮޒިޓިވް ކޭސް އެއް ފެނިފައިވެ އެވެ. އެއީ ސްކޫލުގައި ކިޔަވާ ތިން ކުދިން ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

ދިއްފުށިން ފެނިފައި ވަނީ އުނގޫފާރު ކްލަސްޓާގެ ކޭސްތަކެކެވެ.

comment ކޮމެންޓް