ކެމްޕޭނަށް ހަމަހަމަ ފުރުސަތު ތަނަވަސް ކޮށްދިނުމަށް އެމްޑީއޭ އިން ގޮވާލައިފި

މާޗް 25، 2021: އެމްޑީއޭގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތުދީ، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ކެމްޕޭން ކުރެވޭނެ މާހައުލު ތަނަވަސްކޮށްދިނުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ގޮވާލައިފި އެވެ.

އެމްޑީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ، ޕެންޑެމިކްއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކައުންސިލް އިންތިހާބަށް ޕާޓީގެ ފަރާތުން ކުރަން ޖެހޭ މަސައްކަތްތައް ކުރަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެެހެން ނަމަވެސް މި އިންތިހާބު ބާއްވަނީ ނަމަ، ހާއްސަ ހާލަތްތަކެއް ފަހިކޮށްދީގެންވިޔަސް، އިންތިހާބު ބާއްވާނެ އަމާން މާހައުލެއް ގާއިމުކޮށްދޭން ޖެހޭ ކަމަށް މެމްބަރު އާމިރު ވިދާޅުވި އެވެ.

ހަމައެއާ އެކު ސިޔާސީ ޕާޓީތަކަށް ދިމާވާ މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަކީ އިލެކްޝަންސް ކޮމިޝަންގެ ވާޖިބެއްކަން ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް، މިހާ ހިސާބަށް އައިއިރުގައި ވެސް އަޅުގަނޑުމެންނަށް އިލެކްޝަންސް ކޮމިޝަނުން ހަމައެކަނި އެ މަސައްކަތް ކުރުމަށް ބުނުން ފިޔަވައި އިތުރު ކަމެއް ކުރެވިފައިވާ ތަނެއް ނުފެނޭ،" އާމިރު ވިދާޅުވި އެވެ.

މާޗް 25، 2021: އެމްޑީއޭގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކައުންސިލް އިންތިހާބު ފަށަން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އާމިރު ވިދާޅުވީ މި އޮތް ދުވަސްކޮޅުގެ ތެރޭގައި ވެސް ކެމްޕޭން ކުރަން ފުރުސަތު ދީފި ނަމަ، ވަރަށް ގިނަ ކަންކަން ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީން ދ. އަތޮޅުގެ 42 ގޮނޑިއަށް ވާނީ ވާދަކޮށްފައި. މުޅި އަތޮޅުގެ އަތޮޅު ކައުންސިލް ކަމަށް ވެސް ކުރިމަތިލާފައި ވާނީ. ﷲ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މި ގޮނޑިތައް ނެގޭނެ ކަމުގެ. އެހެން ނަމަވެސް މި ކާމިޔާބީ ތަނަވަސް ކުރުމަށްޓަކައި ކެމްޕޭނުގައި ކުރަން ޖެހޭ މަސައްކަތްތަކަށް މި އޮތީ ދަތިވެފައި. މިހާރު ވެސް އެ ފުރުސަތު ދީފި ނަމަ، މިއޮތް ވަގުތުކޮޅު ތެރޭގައި ވެސް ކެމްޕޭން ކުރަން ކުރެވޭނެ ބައިވަރު ކަންތައްތައް އެބަހުރި،" އާމިރު ވިދާޅުވި އެވެ.

މީގެ އިތުރުން ކެމްޕޭން ކުރުމުގެ ފުރުސަތު ހަމަހަމަކަމާ އެކު ފަހިކޮށްދިނުމަށް ވެސް އާމިރު ވަނީ ގޮވާލައްވާފަ އެވެ. އެގޮތުން މިހާރުވެސް ކައުންސިލްތަކުގައި ތިއްބަވާ ފަރާތްތަކުން ކެމްޕޭން ކުރަން ގަވާއިދާ ހިލާފަށް ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށާއި، އެ ވަސީލަތްތަކަކީ ހުރިހާ ކެންޑިޑޭޓުންނަށް ލިބިފައިވާ ވަސީލަތްތަކެއް ނޫން ކަމަށް ފާހަގަކުރެއްވި އެވެ.

"ކައުންސިލަރުކަމުގައި މިހާރު ތިއްބަވާ ބޭފުޅުންނަށް ވެސް އެ ބޭފުޅުންގެ ތަސައްވަރު ކެމްޕޭންގައި ބޭނުންކުރުމަކީ ގާނޫނީ ފުށުއެރުން އޮތް ކަމެއް ނޫން. އެހެން ނަމަވެސް ދުނިޔޭގައި އަމަލުކުރަންދާ ބެސްޓް ޕްރެކްޓިސްއާ އަޅާބަލާއިރު، އިންތިގާލީ މަރުހަލާގައި ނުކުރެވޭނެ ވަރަށް ގިނަ ކަންތައްތައް އެބަ ކުރަމުންދޭ. އެއީ ވާދަވެރި ކެންޑިޑޭޓުންނަށް އޮތް ފުރުސަތެއް ނޫން،" އާމިރު ވިދާޅުވި އެވެ.

ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމާއެކު އެޗްޕީއޭގެ މިންގަނޑުތަކުގެ ތެރެއިން ހާއްސަ ހާލަތެއް ހޯދައިދީގެން، ކެމްޕޭން ކުރަން ތަނަވަސް ކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް އާމިރު ވިދާޅުވި އެވެ.

comment ކޮމެންޓް