އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވަން ބޭންކުން ނުގުޅާނެ

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ސިސްޓަމް މައްސަލައެއް ދިމާވެގެން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރަން އެދި ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މިހާރަކަށް އައިސް އެ ބޭންކުގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި ސިސްޓަމް މައްސަލައަކާ ގުޅިގެން އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އެދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަސްޓަމަރުންނަށް ގުޅަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ބޭންކުން މިއަދު ނެރުނު ސްޓޭޓުމެންޓުގައި ބުނީ އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ ކަމަށާއި އެކައުންޓްގައި މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ބޭންކުން އެއްވެސް ހާލަތެއްގައި ނޭދޭނެ ކަމަށެވެ.

މީގެ އިތުރުން ބޭންކުން މޮަބައިލް ނަންބަރު ބޭނުންކޮށްގެން ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށާއި މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް ބޭންކުން އިލްތިމާސްކުރެ އެވެ.

ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް ބީއެމްއެލް އިން އިލްތިމާސް ކުރެ އެވެ.

ބޭންކުން ކަމަށް ބުނެ ލިބޭ ކޯލްތަކާ ބެހޭ މައުލޫމާތު ބޭންކަށް ހުށަހެޅުމަށް ނުވަތަ ކާޑުގެ މައުލޫމާތު އެހެން ފަރާތަކަށް ހިއްސާކުރެވިފައިވާ ނަމަ ބޭންކުގެ ފޯން ނަންބަރު 3330200 އަށް ގުޅުމަށް ވެސް ބޭންކުން އިލްތިމާސް ކުރެ އެވެ.

comment ކޮމެންޓް