އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައިކޯޓަށް ނުބެލޭނެ ކަމަށް ކުރި ހުކުމް އިސްތިއުނާފު ކުރަނީ

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެން ނުވާކަމަށް އެ ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެން ނުވާކަމަށް މިދިޔަ އާދީއްތަ ދުވަހު ހައިކޯޓުން ހުކުމް ކުރީ އަމިއްލަ ފަރާތަކުން އެމްޑަބްލިއުއެސްސީގެ އޮޑިޓް ރިޕޯޓެއް ހޯދަން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅި މައްސަލައިގައި ކޮމިޝަނަރު ނިންމެވި ގޮތް އެމްޑަބްލިއުއެސްސީއިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވެ އެވެ.

އެހެން ނަމަވެސް، ހައިކޯޓުން ކުރި ހުކުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރީ ގާނޫނުގައި އޮތް އިބާރާތެވެ. އެއީ "އިންފޮމޭޝަން ކޮމިޝަނަރުގެ" ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ގާނޫނުގައި ލިޔެވުމުންނެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ މުއައްސަސާއަކަށް ނުވާތީ އޭނާ ނިންމަވާ މައްސަލަތައް އިސްތިއުނާފު ކުރުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެން ނުވާ ކަމަށް ހުކުމުގައިވެ އެވެ.

އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް މިއަދު ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހުކުމަކީ އިސްތިއުނާފު ކުރުމުގެ ހައްގު ގެއްލޭ ގޮތަށް ކޮށްފައިވާ ހުކުމެކެވެ.

އެ ހުކުމް މިހާރު އޮތް ގޮތަށް އޮތުމުގެ ނަތީޖާއަކަށްވާނީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އެންމެ ފަހުގެ ނިންމުމަށް ވެގެން ދިޔުމެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލްއާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

comment ކޮމެންޓް