ރޭޕް މައްސަލާގައި ވަކި މީހެއްގެ މައްޗަށް ހެކި ނުލިބޭ: ފުލުހުން

14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ހޫނުވެ، އެ ހާދިސާ ހިނގި ރަށުގައި މުޒާހަރާ ކުރަނީ --

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ނަމަވެސް އެ މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި މާޗު މަހުގެ ތިން ވަނަ ދުވަހު، އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ހުށަހެޅުނު ކަމަށެވެ.

"މި މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވޭ،" ފުލުހުން މިއަދު ބުންޏެވެ.

އެ ހާދިސާގައި ރޭޕްގެ ޝިކާރައަކަށްވީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖެކެވެ. ހާދިސާ ހިނގި ގޮތް އެ ކުއްޖާ މިހާރު ވަނީ އާއިލާ އަށާއި ޖެންޑާ މިނިސްޓްރީއަށް ކިޔައިދީފަ އެވެ. މިހާރު އެ ކުއްޖާ ވަނީ މާލެއަށް ގެނެސްފަ އެވެ.

https://sun.mv/150442

އެ ކުއްޖާގެ އާއިލާގެ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި މި މަހުގެ ތިން ވަނަ ދުވަހު އެ ކުއްޖާ ސްކޫލުގެ ކަމަކު ސްކޫލަށް ގޮސް ހުއްޓާ، ޓީޗަރަކު އޭނާ ގޮވައިގެން ސްކޫލު ކައިރީގައި ހުރި ގެސްޓް ހައުސްއަކަށް ގެންދިޔައީ އެވެ. އެކަން ހިނގީ ހަވީރުގެ ވަގުތެއްގަ އެވެ.

އެ ގެސްޓްހައުސްއަށް ގެންދިޔަ އިރު އެތަނުގައި އިތުރު ތިން މީހުން ތިބި ކަމަށާއި އެ މީހުން ތިބީ މާސްކު އަޅައި މޫނު ފޮރުވައިގެން ކަމަށް އޭނާ ކިޔައިދިނެވެ. އެހެންކަމުން، އެއީ ކޮން ބައެއްކަން ކުއްޖާއަށް ނޭނގޭ ކަމަށް އޭނާ ކިޔައިދިނެވެ.

އެ މައްސަލަ އާ ގުޅިގެން އެ ކުއްޖާ ނިސްބަތްވާ ރަށުގައި އިއްޔެ ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އިހުތިޖާޖު ކޮށްފައި ވަނީ މައްސަލާގައި ތުހުމަތުވާ ޓީޗަރު އަދި ވެސް ހައްޔަރު ކޮށްފައި ނުވާތީ އެވެ.

ހާދިސާ ހިނގި ރަށުން މައުލޫމާތު ދިން އާންމުންގެ މީހަކު ބުނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ޓީޗަރު އަދި ވެސް ދޫކޮށްފައި ހުރުމުން ކަމަށެވެ. އޭނާ ދޫކޮށްފައި ހުރުމުން ހެކި ފޮރުވަން އެކި މީހުންނަށް ގުޅައިގެން މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތު ކުރި އެވެ. އަދި އޭނާ ދޫވެފައި ހުރުމަކީ ރަށުގެ އެހެން ކުޑަކުދިންނަށް ވެސް ހުރި ނުރައްކަލެއް ކަމަށް ބުންޏެވެ.

ޖެންޑާ މިނިސްޓްރީ އިން ވެސް ބުނެފައި ވަނީ މެދުރާއްޖެތެރޭގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 10 ވަނަ ދުވަހު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ގެންގޮސް، އެ މައްސަލާގައި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް