ޓީޗަރަކު އިސްވެ ހުރެ، ގްރޫޕަކުން ކުޑަކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ހޫނުވެއްޖެ

14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ހޫނުވެ، އެ ހާދިސާ ހިނގި ރަށުގައި މުޒާހަރާ ކުރަނީ --

މެދުރާއްޖެތެރޭގެ ރަށެއްގައި ހަތަރު މީހަކު ވެގެން ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި މަހުގެ ތިން ވަނަ ދުވަހު ހިނގި އެ ހާދިސާގައި ރޭޕްގެ ޝިކާރައަކަށްވީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖެކެވެ. ހާދިސާ ހިނގި ގޮތް އެ ކުއްޖާ މިހާރު ވަނީ އާއިލާއަށާއި، ޖެންޑާ މިނިސްޓްރީއަށް ކިޔައިދީފަ އެވެ. މިހާރު އެ ކުއްޖާ ވަނީ މާލެއަށް ގެނެސްފަ އެވެ.

އެ ކުއްޖާގެ އާއިލާގެ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި މި މަހުގެ ތިން ވަނަ ދުވަހު އެ ކުއްޖާ ސްކޫލުގެ ކަމަކު ސްކޫލަށް ގޮސް ހުއްޓާ، ޓީޗަރަކު އޭނާ ގޮވައިގެން ސްކޫލު ކައިރީގައި ހުރި ގެސްޓް ހައުސްއަކަށް ގެންދިޔައީ އެވެ. އެކަން ހިނގީ ހަވީރުގެ ވަގުތެއްގަ އެވެ.

އެ ގެސްޓްހައުސްއަށް ގެންދިޔަ އިރު އެތަނުގައި އިތުރު ތިން މީހުން ތިބި ކަމަށާއި އެ މީހުން ތިބީ މާސްކު އަޅައި މޫނު ފޮރުވައިގެން ކަމަށް އޭނާ ކިޔައިދިނެވެ. އެހެންކަމުން، އެއީ ކޮން ބައެއްކަން ކުއްޖާއަށް ނޭނގޭ ކަމަށް އޭނާ ކިޔައިދިނެވެ.

"ޓީޗަރު އޭނަ ގެންދަނީ ސްކޫލު ކައިރީގައި ހުންނާނެ ގެސްޓްހައުސްއެއް. އެ ގެސްޓްހައުސްއަށް ގެންދަނީ. އެ ގެސްޓްހައުސްއަށް ގެންދިޔަ އިރު އެތަނުގައި ތިބި އިތުރު ތިން މީހުން. ކުއްޖާއަކަށް ބުނެދޭކަށް ނޭނގެ އެއީ ކޮން ބައެއް ކަމެއް. އެކަމަކު ޔަގީނުން އެބަ އެނގޭ ގެންދިޔައީ ކާކުކަން،" އެ މީހާ ކިޔައިދިނެވެ.

ގެސްޓްހައުސްއަށް ގެންދިޔުމަށްފަހު ކުއްޖާއަށް ޖޫސް ތައްޓެއް ދިން ކަމަށާއި، ބެލެވޭ ގޮތުގައި އެއީ ކޮންމެވެސް އެއްޗެއް އަޅާފައި ހުރި ޖޫސް ތައްޓެއް ކަމަށްވެސް އާއިލާގެ އެ މީހާ ބުންޏެވެ. އަދި އެ ހަތަރު މީހުން ވެގެން ކުއްޖާ ރޭޕް ކުރީ ކަމަށް ބުންޏެވެ.

"އެ ހަތަރު މީހުން ވެގެން އެކަން ކުރީ. ޓީޗަރަކީ ކާކުކަން ޔަގީނުން އެނގޭ،"

އެ މީހާ ބުނި ގޮތުގައި ކުއްޖާއަށް ހުރީ ވަރަށް ބޮޑަށް އިންޒާރުދީ ބިރު ދައްކައިފަ އެވެ. އެގޮތުން މަރާލާނެ ކަމަށްވެސް ބުނި ކަމަށްވެ އެވެ.

14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ހޫނުވެ، އެ ހާދިސާ ހިނގި ރަށުގައި މުޒާހަރާ ކުރަނީ --

އެ މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު އަދިވެސް ހުރީ ދޫކޮށްލައިފަ އެވެ. އެކަމާ ހެދި މިއަދު އެ ހާދިސާ ހިނގި ރަށުގައި އާންމުން ވަނީ އެ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަން ގޮވާލައި ޕޮލިސް ސްޓޭޝަން ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ.

އެ މުޒާހަރާ ހޫނުވެ ހަމަނުޖެހުން ހިނގައި ފުލުހުން ބައެއް މީހުންގެ ގަޔަށް ޕެޕާ ސްޕްރޭވެސް ޖެހި އެވެ.

ހާދިސާ ހިނގި ރަށުން މައުލޫމާތު ދިން އާންމުންގެ މީހަކު ބުނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު އަދިވެސް ދޫކޮށްފައި ހުރުން ކަމަށެވެ. އޭނާ ދޫކޮށްފައި ހުރުމުން ހެކި ފޮރުވަން އެކި މީހުންނަށް ގުޅައިގެން މަސައްކަތް ކުރާ ކަމަށްވެސް ތުހުމަތު ކުރި އެވެ. އަދި އޭނާ ދޫވެފައި ހުރުމަކީ ރަށުގެ އެހެން ކުޑަކުދިންނަށްވެސް ހުރި ނުރައްކަލެއް ކަމަށް ބުންޏެވެ.

އަދިވެސް، އެ ރަށުގައި ގިނަ އަދަދެއްގެ އާންމުން ދަނީ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ފޮލިސް ސްޓޭޝަނަށްވެސް ގެއްލުން ދީފަ އެވެ. ފުލުހުން ބުނީ އެ މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރެވޭތޯ ބަލަމުންދާ ކަމަށެވެ.

"މުޅި ރަށް ކަހަލަ ގޮތަކަށް މިތާ މި އޮތީ ކުދި ބޮޑު އެންމެން،" ހާދިސާ ހިނގި ރަށުން މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

ރޭޕް ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން، ފުލުހުން ބުނެފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަަލައެއް މި މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

ޖެންޑާ މިނިސްޓްރީއިންވެސް ބުނެފައި ވަނީ މެދުރާއްޖެތެރޭގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 10 ވަނަ ދުވަހު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ގެންގޮސް، އެ މައްސަލައިގައި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް