އިންޑިއާގެ އެހީގައި ފިޔަވަތި މަރާމާތުކޮށް ނިންމާލައިފި

ހުޅުމާލޭ ފިޔަވަތި މަރުކަޒުގެ މަރާމާތުގެ މަޝްރޫއު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓަމުން ގެންދާ ހުޅުމާލޭ ފިޔަވަތި މަރުކަޒުގެ މަރާމާތުގެ މަޝްރޫއު މިއަދު ނިންމާލައިފި އެވެ.

ފިޔަވަތި ޒަމާނީ ފެންވަރަށް މަރާމާތު ކުރުމުގެ މަޝްރޫއުއަށް 1.9 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އެއީ އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމަށް ހަރަދު ކުރަން އިންޑިއާއިން ދީފައިވާ 109 މިލިއަން ރުފިޔާގެ ތެރެއިންނެވެ.

އެ މަޝްރޫއުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ފިޔަވަތީގެ ވެލްކަމިން އޭރިއާ ތަރައްގީކުރުމާއި، އިމާރާތުގެ ސެކިއުރިޓީ ތަރައްގީކުރުމާއި، ތުއްތުކުދިން ކުޅޭ އޭރިއާއެއް ގާއިމްކުރުމަށް ފެންޑާއެއް ބިނާކުރުމާއި، ފާރުތަކުގައި ކުޑަކުދިންނާއި ގުޅޭ ކުލަތައް ލުމާއި، ކޮމްޕިއުޓާ ސިސްޓަމްތަކާއި ޕްލޭ ސްޓޭޝަންތައް ގާއިމްކުރެވިފައިވާ ކޮމަން ރޫމްތައް ހެދުމާއި، ބަގީޗާ ސަރަހައްދުގައި އިތުރު ބެންޗުތައް ބެހެއްޓުމާއި، ބަގީޗާގައި ގަސް އިންދުމާއި، އިމާރާތަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދިނުމާއި، ދުވަހުން ދުވަހުގެ ހިންގުން ހަރުދަނާކުރުން ހިމެނެއެވެ.

އެ މަޝްރޫއު ނިންމުމަށް މިއަދު ވޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، އިންޑިއަން ހައި ކޮމިޝަނަރު ސަންޖޭ ސުދީރުގެ އިތުރުން، ފޮރިން މިނިސްޓްރީ، ޖެންޑާ މިނިސްޓްރީ، ހައި ކޮމިޝަން އޮފް އިންޑިއާ، އަދި ފިޔަވަތީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން 30 މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވެ އެވެ. މިއީ އެއިން އެއް މަޝްރޫއެވެ. އެ މަޝްރޫއުތަކުގެ ތެރެއިން ތިން ބައިކުޅަ އެއްބައި މަޝްރޫއު މިހާރުކާމިޔާބު ކަމާއިއެކު ނިންމާލެވި، އިފްތިތާހުކޮށްފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވެ އެވެ.

comment ކޮމެންޓް