އައްމަޓީގެ ބަންދަށް 10 ދުވަސް ޖަހައިފި

ސީލައިފްގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ -- ފޮޓޯ/ އިންޓަޕޯލް

ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި ކަމަށް ތުހުމަތުވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)ގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި މައްސަލައިގައި އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރުނު އައްމަޓީ، ރާއްޖެ ގެނެސް ހައްޔަރު ކުރީ މިއަދު އެވެ.

އޭނާ މިއަދު ރާއްޖެ ގެނައުމަށްފަހު ބަންދު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފަ އެވެ.

އޭނާ ހުރީ މިދިޔަ މަހުގެ މެދު ތެރޭއިން ފެށިގެން ލަންކާ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ލަންކާގައި ހައްޔަރުގަ އެވެ. އޭނާއާ ގުޅޭ ގޮތުން ލަންކާ ފުލުހުން ބަލަނީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް އިއުލާން ކުރި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް 280 މީހަކަށް ވިއްކާ އެ މީހުންގެ އަތުން 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި އެވެ. އެއީ ބުކިން ފީގެ ގޮތުގައި މީހެއްގެ އަތުން 50،000 ރުފިޔާ އެވެ. އެހެން ނަމަވެސް އެކި މައްސަލަތަކާ ހުރެ ޕްރޮޖެކްޓް ހުއްޓުނެވެ. އަދި ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ނުލިބި ހާލުގައި ޖެހުނެވެ.

އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ފައިސާ ދެއްކި ބައެއް މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާވެސް ކޮށްފަ އެވެ. އެ މައްސަލަ ހައްލު ކުރުމަށް އެ ފަރާތްތަކާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި ސަރުކާރުން ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، ބަދަލުގެ ގޮތުގައި 45 މިލިއަން ރުފިޔާ ދޭން ކަނޑައަޅައި އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް ވަނީ އެއްބަސްވެފަ އެވެ.

comment ކޮމެންޓް