މަލީހު ދެއްކެވީ އަސާސެއް ނެތް ވާހަކައެއް ކަމަށް ކޮމިޓީއިން ނިންމައިފި

މާޗް 22، 2021: ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކި ވާހަކައަކާ ގުޅިގެން ބައެއް ކަންކަން ސާފު ކުރުމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާއި ބެހޭ ކޮމިޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަޒީރުންނަށް ބިރު ދައްކާ ކަމަށް ބުނެ ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ދެއްކެވީ އަސާސެއް ނެތް ވާހަކައެއް ކަމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއިން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލހުން މަލީހުގެ އިތުބާރު ނެތް ކަމަށް ނިންމައި ވަކި ކުރި ދުވަހު ތަޅުމުގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ މަޖިލީހުގެ މެމްބަރުން ވަޒީރުންނަށް ބިރުދައްކާ ކަމަށެވެ. އެގޮތުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ބިރުދައްކައި އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރި ކަމަށްމަލީހު ވިދާޅުވި އެވެ.

މަލީހުން އެހެން ވިދާޅުވުމުން އެމައްސަލަ ބަލަން އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް އެންގެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެމައްސަލަ ބަލައި މިއަދު ނިންމާފައިވަނީ މަލީހު ތަޅުމުގައި އެދެއްކެވި ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ.

"ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަނީ. ބިރުދައްކާ ކަމަށާއި އަދި އިސްތިއުފާ ދެއްވަން މަޖުބޫރު ކުރި ކަމަށް. އެހެންނަމަވެސް މި ކޮމިޓީއަށް ހާޒިރު ކުރުވި ކުރުމުން މިކަމާ ގުޅޭގޮތުން އަޅުގަނޑުމެންގެ މެމްބަރުން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދެއްވާފައި ނުވާތީ މިއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކައެއް ކަމަށް ނުފެންނާތީ އެގޮތަށް ނިންމަނީ." ކޮމިޓީގެ މުގައްރިރު ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު މެމްބަރުންގެ ހުށަހެޅުން އިއްވަވަމުން ވިދާޅުވި އެވެ.

އެ ހުށަހެޅުން ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަކުނޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.

ކޮމިޓީއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީގައި މައްސަލަ ކުރިއަށް ގެންދިޔައިރު މަލީހު ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ސުވާލުތަކެއް ކުރިމަތި ކުރުވި ނަމަވެސް އެ ސުވާލުތަކަށް އޭނާ ޖަވާބެއް ނުދެއްވަ އެވެ. އޭނާ ދެއްކެވީ މުޅިންވެސް ގާނޫނީ ވާހަކަ އެވެ.

comment ކޮމެންޓް