އުނގޫފާރު ކުލަސްޓާ: ހުޅުދުއްފާރުން ޕޮޒިޓިވް ކޭސްއެއް ފެނި ރަށް މޮނިޓަރިންއަށް

ރ. ހުޅުދުއްފާރު --

ރ. ހުޅުދުއްފާރުން އުނގޫފާރަށް ދަތުރުކުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ އެރަށަށް އަރާފޭބުން މަނާކޮށްފި އެވެ.

އުނގޫފާރުން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އެދުވަހު އެރަށް މޮނިޓަރިންގ އަށް ލުމަށް ފަހު މިމަހުގެ ދެވަނަ ދުވަހުގެ ފަހުން އެރަށަށް ދަތުރުކުރި އެންމެން ކަރަންޓީނުވާން ވަނީ އަންގާފަ އެވެ.

ހެލްތު އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ބުނީ މިމަހުގެ ހަތަރުވަނަ ދުވަހު ހުޅުދުއްފާރުން އުނގޫފާރަށް ދަތުރުކުރި ފަރާތެއް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓެރޭސިންގްގެ މަސައްކަތަށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް އެޗްއީއޯސީއިން ބުންޏެވެ.

އުނގޫފާރު ކްލަސްޓާއާ ގުޅުންހުރި ގިނަ ކޭސްތަކެއް މެދުރާއްޖެތެރޭގެ ރަށްރަށުން ދަނީ ފެންނަމުންނެވެ. އެ ކްލަސްޓާއާ ގުޅިގެން އުނގޫފާރުގެ އިތުރުން ރ.މަޑުއްވަރީ، ރ. ހުޅުދުއްފާރު، ޅ.ނައިފަރުން އަދި ކ.ދިއްފުށިން ޕޮޒިޓިވް ކޭސްތައް ފެނި އެރަށްރަށަށް އަރާފޭބުން ވަނީ މަނާކޮށްފަ އެވެ.

އުނގޫފާރަކީ އެ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށަށް ވެފައި މެދުރާއްޖޭތެރޭގެ ގިނަ ރަށްރަށުން ބޭސްފަރުވާއަށް ކޮންމެ ދުވަހަކުވެސް އެރަށަށް ދަތުރު ކުރެ އެވެ.

comment ކޮމެންޓް