"ރަށްވެހި ފަތިސް" ބެލީމަ މަޝްރޫއުތަކުގެ އަޕްޑޭޓު ސާފުވާނެ: އަސްލަމް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ/ މަޖިލިސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީ އިން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕޭނު ބައްދަލުވުންތައް ބަލާނަމަ ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ސާފުވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގަތީ ތ. ތިމަރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށޭނެ އަދި ނިންމޭނެ ތާރީހަކާ ގުޅޭގޮތުން މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ.

އިތުރު ސުވާލުގެ ފުރުސަތުގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ އައްޑޫ ސިޓީގެ ނަރުދަމާގެ މަސައްކަތާއި، އިންޑިއާގެ އެހީގައި ކުރަން ނިންމާފައިވާ ބިން ހިއްކުމާއި މަގުހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހާއި ނިމޭނެ ތާރީހެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އަސްލަމް ވިދާޅުވީ މަރަދޫ، މަރަދޫފޭދޫގެ މަގުތައް ރީސާފޭސް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އައްޑޫގެ މަގުތައް ހެދުމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށާއި ބިން ހިއްކުމުގެ މަޝްރޫއަށް ހަތަރު ކުންފުންޏެއް ޕްރީކޮލިފައިކޮށްފައިވާ ކަމަށާއި މަސައްކަތް އޮތީ ޓެންޑަރިން ސްޓޭޖުގައި ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ރަށްވެހި ފަތިސް އަޅުގަނޑުމެން ބެލީމަ، މި ދުވަސްވަރު ވަރަށް ރަނގަޅަށް ސާފުވާނޭ ރަށްރަށުގެ ޕްރޮޖެކްޓުތަކުގެ ސްޓޭޓަސް ހުރިގޮތް. ދާދި ފަހުން އަޅުގަނޑުމެން އައްޑޫ ސިޓީގެ އިއްޒަތްތެރި މެމްބަރު ތި ކުރެއްވި ހުރިހާ ސުވާލެއްގެ ޖަވާބެއް ވާނީ އަރުވާފަ. އަޅުގަނޑަށް ޔަގީން އިއްޒަތްތެރި މެމްބަރު ބައްލަވާފަކަން އޮންނާނީ،" އަސްލަމް ވިދާޅުވި އެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިނިސްޓަރުގެ އެ ވާހަކައަށް ތާއީދުކުރައްވައިފަ އެވެ.

"އިއްޒަތްތެރި މެމްބަރުން ނޫސް، ޚަބަރު މިކަންކަން ކަނުލާ އަޑުއެހުން ވަރަށް ބޭނުންތެރިކަން އިއްޒަތްތެރި ވަޒީރުވެސް ފާހަގަ ކުރައްވައިފި. އަޅުގަނޑަށް ވެސް ފެންނަނީ އެގޮތަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

މެމްބަރު ޝަރީފް އަށްފަހު، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވަނީ ހިތަދޫގެ ގިރާ ސަރަހައްދާއި ބޯހިޔާވަހިކަމުގެ މަޝްރޫއުއާ ގުޅޭގޮތުން ސުވާލުކުރައްވައިފަ އެވެ.

މެމްބަރުގެ ސުވާލާ ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ ގިރާ ސަރަހައްދުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ރަށްވެހި ފަތިސް ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެދެއްވާފައިވާ ކަމަށެވެ.

"ހިތަދޫގެ ގިރާ ސަރަހައްދާ ބެހޭގޮތުން އަނެއްކާވެސް އަޅުގަނޑު ރެފަރެންސް އެއް ހަދަން ޖެހެނީ ރަށްވެހި ފަތިހަށް. ރައީސް ވިދާޅުވެފަ ވާނޭ އެކަން ކުރަން ނިންމަވާފައިވާ ގޮތް. އެއީ އެކަން ކުރަން ނިންމަފައިވާ ގޮތް. އެއީ އައްޑޫގެ ބިން ހިއްކުމާ އެކީގަ އެ މަޝްރޫއު ކުރިއަށް ދާއިރު ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކައަށްފަހު މެމްބަރު ޝަރީފް ވަނީ ނިޒާމީ މައްސަލައެއް ނަންގައިވައިފަ އެވެ. ޝަރީފް ވިދާޅުވީ ގާނޫނުއަސާސީއާއި މަޖިލިސް ގަވާއިދު ބުނަނީ މަޖިލިސްގައި ކުރެވޭ ސުވަލުތަކަށް ޖަވާބުދެއްވަން ޖެހޭނެ ކަމަށާއި، މެމްބަރު ކުރެއްވި ސުވާލަށް ޖަވާބުނުލިބޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ ސުވާލު ކުރުމުން ރަށްވެހި ފަތިސް ބަލާށޭ މިނިސްޓަރަށް ވިދާޅުނުވެވޭނެ ކަމަށެވެ. އަދި މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރާއިރު ޖަވާބު ހޯދަން ޖެހޭނީ ރަށްވެހި ފަތިސް ބަލައިގެން ނޫން ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ރަށްވެހި ފަތިސް އަށް ހަވާލާދިން ނަމަވެސް މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދީފައިވާނެ ކަމަށެވެ.

އަސްލަމްގެ ވާހަކަ އެހިސާބަށް ދިއުމުން ރިޔާސަތުން ވަނީ ހުއްޓުވައިފަ އެވެ. އަދި ޝަރީފްގެ ނިޒާމީ ނުކުތާ ބަލައިނުގަންނަ ކަމަށާއި، ވަޒީރު ޖަވާބުދެއްވަން ޖެހޭނީ ނިޒާމީ ނުކުތާއެއްގެ ގޮތުގައި ރިޔާސަތުން ބަލައިގަންނަ ނުކުތާތަކަށް ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް