މި އަހަރު އައްޑޫއަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނެތް

މިނިސްޓަރު މުހައްމަދު އަސްލަމް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

މި އަހަރު އައްޑޫ ސިޓީގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ނުދާނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގަތުމުން އައްޑޫގައި މި އަހަރު ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ދާނެތޯ ސުވާލުކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އެވެ.

"ނޫން މި އަހަރު ތެރޭގައި ނުފެށޭނެ އެއްވެސް ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް އަންނަ އަހަރު ޕީއެސްއައިޕީގެ ދަށުން އައްޑޫގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ފަށާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ ތެރެއިން މިހާރު މި ދަނީ ރަށްރަށަށް ބޭނުންވާ މިންވަރުތައް ކަނޑައަޅަމުން. އަންނަ އަހަރު ފެށޭތަނުން ހަމަ އެ މަސައްކަތް ކުރިއަށް ފަށާނަަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެއީ ޕީއެސްއައިޕީ ޕްރޮގްރާމުގެ ދަށުން ހިންގާ ކަމަކަށް ވާތީ، އެ މަޝްރޫއު ކުރިއަށް ގެންދާނީ ދިވެހި ލޯކަލް ކޮންޓްރެކްޓަރުންނަށް ޓާގެޓް ކޮށްގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީ "ސްޓިމިއުލޭޓް" ކުރުމަށް ކަމަށެވެ.

އެހެންކަމުން އޭގެ ތެރެއިން ބޯހިޔާވަހިކަން އަންނާނެ ކަމަށާއި އައްޑޫ އަކީ އާބާދީ ބޮޑު އިގްތިސޯދެއް އޮތް ތަނަކަށް ވާއިރު ހައުސިން ރިއަލް އެސްޓޭޓް ޑެވެލޮޕަރުންނަށް އެކަމުގެ ޕޮޓެންޝަލް ހުރިކަން ފެންނާނެކަން ޔަގީންކުރާ ކަމަށެވެ.

ހަމައެއާއެކު އައްޑޫގައި ރިއަލް އެސްޓޭޓަށް ސިޓީ ކައުންސިލުން ބާރުއެޅުމަށް ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.

comment ކޮމެންޓް