އަހަރެމެން ވެސް ގާނޫނުއަސާސީ ދަންނަމޭތޯއެވެ!؟

މަލީހް އާއި ސަނީފް މަޖިލިސް ކޮމެޓީގައި --

މީގެ ދެތިން ދުވަހެއް ކުރީން ނޫސްތަކުން ފެނުނު ޚަބަރެއްގައި، ކުރީގެ މިނިސްޓަރު އޮފް ސައެންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރެވުނު ވާހަކަ އޮތެވެ. "ސަން އޮންލައިން" އިން އެ ޚަބަރު ކިޔައިލުމުން، އަޅުގަނޑު އެންމެ އަޅައިގަތް ތަންކޮޅަކީ މަލީޙާ މުޚާތަބު ކޮށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރުކަމުގެ ގޮނޑީގައި އިށީންނަ ޢަބްދުﷲ ސަނީފު ބުނި ވާހަކައެއް އޮތް ޕެރެގުރާފެވެ.

ގާނޫނުއަސާސީ އަކީ ހަމައެކަނި މަލީޙު ދަންނަ އެއްޗެއް ނޫން ކަމަށާއި، މަޖިލިހުގައި ތިބި މެންބަރުން ވެސް ގާނޫނުއަސާސީ ދަންނާނޭ ކަމަށާއި، މަލީޙް ވަޒީރުކަމުން ވަކި ކުރުމުގެ މައްސަލައިގައި ތަޅުމުގައި އޭނާ ދެއްކެވި ވާހަކަތަކުގެ މައްސަލަ އިމްތިޔާޒު ކޮމިޓީން ނުބެލޭނޭ ކަމަށް ގާނޫނުއަސާސީގައި ބުނެފައެއް ނޯންނާނެޔޭ، ސަނީފު ބުނި ކަމަށް ޚަބަރުގައި އޮތެވެ. ސަނީފު ދެކޭ ގޮތުގައި ގާނޫނުއަސާސީގައި އެކަމެއް ނުކުރެވޭނެޔޭ ބުނެފައި ނެތް ކޮންމެ ކަމެއް، މަޖިލިހަށާއި އެ މަޖިލިހުގެ ކޮމިޓީތަކަށް ކުރެވިދާނެއެވެ. އޭނާގެ މި ދެންނެވި ވާހަކައިން އެކަން ސާބިތު ވެއެވެ.

ޖުހާ އާއި ބަހްލޫލުލް މަޖްނޫނާއި ބީރްބަލް ވަޒީރުގެ މަންހަޖުން ސަނީފުގެ ވާހަކަޔަށް ޖަވާބު ދެނީވިއްޔާ، ސުވާލުތަކެއް ކުރަމާ ހިންގަވާށެވެ! ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހަށާއި އެ މަޖިލިހުގެ ކޮމިޓީތަކަށް މައުޒޫނު ހެދިގެން މީހުން ކައިވެނި ކޮށްނުދެވޭނޭ ވާހަކައެއް ލިޔެފައެއް ނޯވެއެވެ. މަޖިލިހާއި މަޖިލިހުގެ ކޮމިޓީތަކުގެ މެންބަރުންނަށް ރައްޔިތެއްގެ އަތްނބެއް ފިރިޔެއް ކަމު ގޮސްފި ހިނދެއްގައި މަޖިލިހުގެ އިމްތިޔާޒު ކޮމިޓީއަށް އެ ދެމަފިރީޔަކު ހާޒިރު ކޮށްގެން ވަރި ކުރުވައިގެން މެންބަރު ބޭނުން ގޮތަކަށް ބޭނުން މީހަކާ އިނުން މަނާ ކުރާ މާއްދާއެއް ވެސް ނޯވެއެވެ. މަޖިލިހާއި މަޖިލިހުގެ ކޮމިޓީތަކުގެ މެންބަރުން ބޭނުން ވެއްޖެ ހިނދެއްގައި، މަޖިލިހުގެ ބޮޑު ދޮރޯށި ހުރަސް ކޮށް ފާއިތު ވި އަހަރުގެ ތެރޭގައި ދަތުރު ކުރި އެންމެނަށް އެއް އަހަރުގެ ޖަލު ހުކުމް ކަނޑައަޅައި އެއިން ކޮންމެ މީހެއްގެ ގެދޮރު، އަދުލުވެރި ބަދަލޭ ކިޔައިފައި ދައުލަތުގެ ޚަޒާނާއިން ގޭގެ އަގު ދީފައި، ދައުލަތަށް ހިފުމަށް ފަހު، މެންބަރުންނަށް ލިބުނު ގެއްލުމުގެ ބަދަލޭ ކިޔައިފައި ދެވޭ ގޮތަށް ގާނޫނެއް ނުހެދޭނެޔެކޭ ވެސް ގާނޫނުއަސާސީގެ މާއްދާއެއްގައެއް ނޯވެއެވެ. ވީމާ މި ހުރިހައި ކަމެއް ވެސް، ސަނީފުގެ ބަހުގައި، ކުރެވޭނެތާއެވެ!

ދެން، ތަންކޮޅެއް ސީރިޔަސްކޮށް މި މައްސަލައިގެ މައްޗަށް ކަޅިއެއް ހިންގައިލަމާތޯއެވެ؟

ގާނޫނީ މަބްދައު

އިނގިރޭސި ވިލާތުގެ ކޯރޓް އޮފް ދަ ކޮމަން ޕްލީސް ގެ ޗީފް ޖަސްޓިސް ލޯރޑް ކެމްޑެން މީލާދީން 1765 ވަނަ އަހަރު ބެއްލެވި މައްސަލައެއް، އިނގިރޭސި ދުސްތޫރީ އަދި އިދާރީ ގާނޫނުގެ "ލޭންޑްމާރކް" ގަޒިއްޔާއެއްގެ ގޮތުގައި ރިކޯޑު ކުރެވިފައި އޮވެއެވެ. އެ މައްސަލަޔަކީ 'އެންޓިކް ވަރސަސް ކެރިންގޓަން'ގެ ނަމުގައި ރިޕޯޓު ކުރެވިފައި ވާ ގަޒިއްޔާއެކެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ގާނޫނުއަސާސީއަށް ގެނެވުނު ހަތަރުވަނަ އިސްލާހުގެ އެއް "ޖުރިސްޕްރޫޑެންޝަލް" އަސާސަކީ މި ގަޒިއްޔާގައި ލޯރޑް ކެމްޑެން ނެރުއްވި ރައުޔުތަކެވެ. ހަމައެހެންމެ، މި ގަޒިއްޔާގެ ހުކުމާ ބެހޭގޮތުން، ޔުނައިޓެޑް ސްޓޭޓްސްގެ ފެޑްރަލް ސުޕްރީމް ކޯޓުން 1886 ވަނަ އަހަރު ބެލި މަޝްހޫރު ގަޒިއްޔާއެއް ކަމަށް ވާ 'ބޮއިޑް ވަރސަސް ޔުނައިޓެޑް ސްޓޭޓްސް'ގެ ހުކުމުގައި ފަނޑިޔާރު ބްރެޑްލީ ފާހަގަ ކުރެއްވި ގޮތުގައި 'އެންޓިކް' ގަޒިއްޔާގައި ލޯރޑް ކެމްޑެން ނެގެހެއްޓެވި "ޖުރިސްޕްރޫޑެންޝަލް" އުސޫލުތަކަކީ ދުސްތޫރީ ގާނޫނުގެ އެންމެ އަސާސީ ޖައުހަރާ ގުޅި ލާމެހިފައި ވާ އުސޫލުތަކެކެވެ. ކެމްޑެންގެ ހުކުމަކީ އިލްމީ ގޮތުންނާއި ގާނޫނީ ފިގުހުގެ ނަޒަރުން ތާރީޚީ އަދި "މަތިވެރި" ނިންމެވުމެއް ކަމަށް ވެސް ފަނޑިޔާރުން ވިދާޅުވިއެވެ.

ދެން، "އެންޓިކް' ގަޒިއްޔާގައި ލޯރޑް ކެމްޑެން ނެގެހެއްޓެވި މައިގަނޑު އުސޫލުތަކުގެ ތެރެއިން، މި މައުޒޫއާ ގުޅުން ހުރި އުސޫލަކީ ނުވަތަ މަބްދައަކީ ކޮބައިތޯ ބަލައިލަމާ ހިންގަވާށެވެ! އެ މަބްދައަކީ އާއްމު ރައްޔިތުންނާއި ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ނިސްބަތުގައި ގާނޫނުން މަނާ ނުކުރާ ކޮންމެ ކަމެއް ހުއްދަ ވުމާއި، ހުކޫމަތާއި ވެރިކަމުގެ އޮފިޝަލުންނާއި އިދާރާތަކާއި މުއައްސަސާތަކުގެ ނިސްބަތުގައި ގާނޫނުން އެ ފަރާތްތަކަށް ބާރު ދީފައި ވާ އަދި އެ ފަރާތްތަކަށް އެ ކަންކަން ކުރެވޭނޭ ކަމަށް ގަތުއީ ގޮތެއްގައި ކަނޑައަޅައިފައި ވާ ކަންކަން ފިޔަވައި އެހެން ހުރިހައި ކަމެއް މަނާ ވުމުގެ މަބްދައެވެ. އެހެން ގޮތަކަށް ދަންނަވަނީވިއްޔާ، އާއްމު ރައްޔިތުންނާއި އަމިއްލަ ފަރާތްތަކަށް ހިނގާ ހުކުމަކީ، ގާނޫނުގެ ސާފު ނައްސަކުން މަނާ ނުކުރާ ކޮންމެ ކަމެއް ހުއްދަ ވުމުގެ ހުކުމެވެ. ނަމަވެސް ދައުލަތުގެ ގުނަންތަކާއި އިދާރާތަކާއި އޮފިޝަލުންނަށް ހިނގާ ހުކުމަކީ، ސީދާ ގާނޫނުއަސާސީން ނުވަތަ ގާނޫނުއަސާސީއާ އަރައިރުން ނުވާ ގާނޫނަކުން، ސާފު ގޮތެއްގައި ހުއްދަ ނުކުރާ ކޮންމެ ކަމެއް މަނާ ވުމުގެ ހުކުމެވެ. މީގެ އިތުރުން، މި ޒަމާނުގެ ދުސްތޫރިއްޔަތުގެ އުސޫލުތައް ބުނަނީ، ދައުލަތުގެ އެންމެ މަތީ ބާރު ތަމްސީލު ކުރާ ތިން ގުނަވަނަށް ބާރު ދޭން ޖެހޭނީ ސީދާ ގާނޫނުއަސާސީން ކަމަށެވެ.

އެންމެ ފުރަތަމަ، މި މަބްދައު ސަނީފުގެ ވާހަކަޔަށް ތަދުބީގު ކޮށްލަމާ ހިންގަވާށެވެ! މި މަބްދައު ބުނާ ގޮތުން ސަނީފުގެ ވާހަކަ ގޯހެވެ. މި މަބްދައު ބުނާ ގޮތުން، ގާނޫނުއަސާސީގައި މަނާ ކޮށްފައި ނުވާ ކޮންމެ ކަމެއް މަޖިލިހަށް ނުވަތަ މަޖިލިހުގެ ކޮމިޓީތަކަށް ނުވަތަ ދައުލަތުގެ އެއްވެސް އިދާރާޔަކަށް ކުރެވޭނޭ ކަމަކަށެއް ނުބެލެވޭނެއެވެ. އެއާ ޚިލާފަށް، މަޖިލިހަށް ވެސް، މަޖިލިހުގެ ކޮމިޓީތަކަށް ވެސް، އަދި ސިޔާސީ ބާރު ދެވިފައި ވާ ދައުލަތުގެ އެހެނިހެން އިދާރާތަކާއި އޮފިޝަލުންނަށް ވެސް، ކުރެވޭނީ ގާނޫނުއަސާސީން އެ ފަރާތްތަކަށް ގަތުއީ ގޮތެއްގައި ބާރު ދީފައި ވާ ކަންކަމެވެ. ނުވަތަ ގާނޫނުއަސާސީގެ ބިންގަލުގެ މަތީގައި ގާނޫނަކުން ބާރު ދެވިފައި ވާ ކަންކަމެވެ. ވީމާ، މަޖިލިހުގެ ތަޅުމުގައި މުޙައްމަދު މަލީޙް ޖަމާލު ދެއްކެވި ވާހަކަތަކާ ގުޅިގެން ނުވަތަ އެ ވާހަކަތަކުގެ ތެރެއިން ބަޔަކާ ގުޅިގެން، މަލީޙް މަޖިލިހަށް ވިޔަސް އަދި މަޖިލިހުގެ ކޮމިޓީއަކަށް ވިޔަސް، އަދި ދައުލަތުގެ އެހެން އިދާރާއަކަށް ވިޔަސް ހާޒިރު ކުރެވޭނީ އަދި އޭނާއާ ސުވާލު ކުރެވޭނީ ގާނޫނުއަސާސީން އެކަމަށް ގަތުއީ ސިފައެއްގައި ބާރު ދީފައި އޮތިއްޔާއެވެ.

ގާނޫނީ މަބްދައުގެ އަސާސުތައް

އަޅުގަނޑުމެން މި ދައްކަނީ އާދައިގެ މަބްދައެއްގެ ވާހަކައެއް ނޫނެވެ. އާދައިގެ އުސޫލެއްގެ ވާހަކައެއް ނޫނެވެ. އާއްމު ރައްޔިތުންނާއި ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ނިސްބަތުގައި ގާނޫނުން މަނާ ނުކުރާ ކޮންމެ ކަމެއް ހުއްދަ ވުމާއި، ހުކޫމަތާއި ވެރިކަމުގެ އޮފިޝަލުންނާއި އިދާރާތަކާއި މުއައްސަސާތަކުގެ ނިސްބަތުގައި ގާނޫނުން އެ ފަރާތްތަކަށް ބާރު ދީފައި ވާ އަދި އެ ފަރާތްތަކަށް އެ ކަންކަން ކުރެވޭނޭ ކަމަށް ގަތުއީ ގޮތެއްގައި ކަނޑައަޅައިފައި ވާ ކަންކަން ފިޔަވައި އެހެން ހުރިހައި ކަމެއް މަނާ ވުމުގެ މަބްދައަކީ މުޖުތަމައެއް ދައުލަތެއްގެ ސިފައިގައި ގާއިމު ކުރެވި، އެ ދައުލަތުގައި ހަރުދަނާ އަދި އަދުލުވެރި ދުސްތޫރީ ނިޒާމެއް ގާއިމު ކުރުމުގެ މުޅި މަފްހޫމުގެ އެންމެ ވަރުގަދަ އެއް ބިންގަލެވެ. މައުޒޫއަކީ ނުހަނު މުއައްގަދު، އަދި އެ މައުޒޫއެއްގައި ވާހަކަ ދައްކައިގެން އެތައް ސަތޭކަ ސަފުހާއެއް ފުރައިލެވިދާނޭ ވަރުގެ ބޮޑު އަދި ފުޅާ މައުޒޫއެކެވެ. ވީމާ، ދިގު ތަފްސީލުތަކަކަށް ނުގޮސް، ތިންހަތަރު ނުކުތާއަކުން، މި މަބްދައުގެ އަގުލީ، އިލްމީ، އަދި "ޖުރިސްޕްރޫޑެންޝަލް" ބުންޔާދުތަކުގެ މައްޗަށް އަވަސް ކަޅިއެއް ހިންގައިލަމާތޯއެވެ!

ފުރަތަމަ ނުކުތާ - އަގުލީ ގޮތުން ވިސްނާ އިރު ވެސް އާއްމު ރައްޔިތުންނާއި އަމިއްލަ ފަރުދުންނާއި ފަރާތްތަކަށް އޮންނާން ވާނީ، ގާނޫނުން މަނާ ނުކުރާ ކޮންމެ ކަމެއް ހުއްދަ ވުމުގެ އުސޫލުކަން ސާފުކޮށް އެނގެއެވެ. މާތް ވެގެން ވާ އިސްލާމް ދީނުގެ ޝަރީޢަތުގައި ވެސް އޮންނަ އުސޫލަކީ މިއެވެ. އިސްލާމީ ފިޤްހުގެ ޤާޢިދާއެއްގައި އޮންނަނީ "އަލްއަޞްލް ފިލް އިބާޙާ" މިފަދައިންނެވެ. މާނަޔަކީ، "ކަންކަމުގެ އަސްލަކީ ހުއްދަވުން" މިއެވެ. މި ގާއިދާ ތަދުބީގު ކުރެވެނީ އާއްމު މީސްމީހުންގެ މައްޗަށެވެ. މީސްމީހުންގެ ދިރިއުޅުމުގައި ކުރާ މުއާމަލާތުތައް ފަދަ ކަންކަމަށެވެ. ޝަރުއީ ގޮތުން މީސްތަކުންގެ މައްޗަށް ކަމެއް މަނާ ވަނީ ނުވަތަ ޙަރާމް ވަނީ، ކަނޑައެޅި ބަޔާން ވެގެން ވާ ގަތުއީ ނައްޞަކުން އެ ކަމެއް މަނާ ވުމުން ނުވަތަ ޙަރާމް ވުމުންނެވެ. އިސްލާމީ ޝަރީއަތުގެ އިތުރުން، ދުނިޔޭގެ އެންމެހައި ގާނޫނީ ނިޒާމުތަކެއްގައި ވެސް އޮންނަ ގޮތަކީ މިއެވެ. ޖިނާއީ ގާނޫނުގެ އެންމެ އަސާސީ އެއް މަބްދައު ކަމަށް ވާ "ޕްރިންސިޕްލް އޮފް ލީގާލިޓީ" ގެ އަސްލަކީ ވެސް މިއެވެ.

ދެވަނަ ނުކުތާ – ހުޅަނގުގެ "ހިޔުމަނިޒަމް" އާއި "ސެކިޔުލަރިޒަމް" ގެ ދަށުން ދައުލަތުގެ ސިޔާދަތު އޮންނާނީ ދައުލަތުގެ ރައްޔިތުންނަށް ކަމަށް ބަލާ ފަލްސަފާގެ ނަޒަރުން ވަޒަން ކުރިޔަސް، ދައުލަތުގެ ހުކޫމަތަށް ނުވަތަ ވެރިކަން ކުރާ ފަރާތްތަކަށް ބާރު ދެވެނީ އަމާނާތެއްގެ ގޮތުގައެވެ. ހުޅަނގުގެ ސިޔާސީ އަދި ގާނޫނީ ފަލްސަފާވެރީންގެ ތެރެއިން ޖޯން ލޯކް އާއި ޖީން ޖެކްސް ރޫސޯ އާއި ތޯމަސް ޕެއިން ފަދަ ފުންނާބު އުސް ބެއިބެއިފުޅުންގެ ފިކުރުގައި، ދައުލަތުގެ ވެރިކަން ކުރާ ފަރާތާއި ރައްޔިތުންނާ ދެމެދު އޮންނަނީ "ސޯޝަލް ކޮންޓްރެކްޓް" އެއް ނުވަތަ އިޖުތިމާއީ އަގުދެކެވެ. އެ އަގުދުގެ ދަށުން ވެރިކަން ކުރާ ފަރާތަށް ދައުލަތް ހިންގުމާއި ގާނޫނު ހެދުމާއި ގާނޫނު ހިންގުން ފަދަ ކަންކަމުގެ ބާރު ދެވެނީ އަމާނާތެއްގެ ގޮތުގައެވެ. އެ ބާރުތަކަކީ ދައުލަތް ހިންގާ ފަރާތަށް، އެ ފަރާތުން ބޭނުން ގޮތަކަށް، ބޭނުން މިންވަރަކަށް، ބޭނުން ސިފައެއްގައި ބޭނުން ކުރުމަށް ޓަކައި މިލްކު ކޮށްދެވޭ ބާރެއް ނޫނެވެ. އެހެންކަމުން، ވެރިކަން ހިންގާ ފަރާތަށް ބޭނުން ކުރެވޭނީ ރައްޔިތުން ދިން ބާރެކެވެ. ދިން މިންވަރަކަށެވެ. ވިސްނަވާށެވެ! ތިބާ މީހަކަށް އަމާނާތެއް ހަވާލު ކުރެއްވުމުން، ތިބާ އެ އަމާނާތާ މެދު ހަވާލު ވާ މީހާޔަށް ދިން ބާރެއް ފިޔަވައި އެހެން އެއްވެސް ބާރެއް އޭނާޔަށް ލިބިގެންވުން، މިއީ ބުއްދި ގަބޫލު ކުރާ ކަމެއްތޯއެވެ؟ ފަހެ، މި ޒަމާނުގެ ދުސްތޫރީ އުރުފުގައި، ވެރިކަމުގެ ބާރުތައް ވަކި ފަރާތްތަކަކާ އެންމެ ފުރިހަމަޔަށް ކުރެވެނީ ގާނޫނުއަސާސީއެއްގެ ވަސީލަތުންނެވެ. އެ ގާނޫނުއަސާސީގެ ވާސިތާއިން ކަނޑައެޅޭ އުސޫލުތަކެއްގެ ދަށުންނެވެ. ވެރިކަމުގެ ބާރުތަކަށް ކުރެވޭނީ އެ ގާނޫނުއަސާސީގައި އެ ބާރުތަކަށް ކުރެވޭނޭ ކަމަށް ގަތުއީ ސިފައެއްގައި ބަޔާން ކޮށްފައި ވާ ކަންތައްތައް އެކަންޏެވެ. މި ނުކުތާ އެންމެ ބަލާޣާތްތެރިކޮށް ބަޔާން ކުރެއްވި އެއް ބެއިފުޅަކީ ތޯމަސް ޕެއިންއެވެ. ޕެއިންގެ "ރައިޓްސް އޮފް މޭން" މި ފޮތުގެ ހަތަރުވަނަ ބާބުގެ ފުރަތަމަ ސަފުހާގައި ވިދާޅުވެފައި އޮންނަނީ، ރައްޔިތުން ލިޔެފައި ދިން ގާނޫނުއަސާސީއެއްގެ ވަސީލަތުން ރައްޔިތުން ސާފުސާފުކޮށް ދިން ބާރެއް ފިޔަވައި، ވެރިކަން ކުރާ ފަރާތަށް އެއްވެސް ބާރެއް ނޯންނާނޭ ކަމަށާއި، ގާނޫނުއަސާސީގައި ނެތް އަދި ވެރިކަމުގައި ތިބި ބަޔަކު އަމިއްލައަމިއްލަޔަށް ލިބިގަންނަ ނުވަތަ އަތްމައްޗަށް ނަގައިގަންނަ ކޮންމެ ބާރަކީ ނުހައްގު ބާރެއް ކަމަށެވެ. އެއީ އަމާނާތަށް ޚިޔާނާތްތެރިވުމެއް ކަމަށެވެ. އެއީ ރައްޔިތުންގެ ސިޔާދަތުން އެމީހުން ހުކޫމަތަށް ހަވާލު ކުރި މިންވަރުގެ ބޭރުން، ފޭރިގަންނަ އެއްޗެއް ކަމަށެވެ.

ތިންވަނަ ނުކުތާ – މާތް ވެގެންވާ އިސްލާމް ދީނުގެ ދުސްތޫރީ ފަލްސަފާގެ ދަށުން، ދައުލަތުގައި ސިޔާދަތު އޮންނަނީ ގަދަކީރިތިވަންތަ ﷲ ގެ ރަސްކަންފުޅަށެވެ. އެ ބާރު އެކަލާނގެ އިސްލާމީ އުއްމަތާ ހަވާލު ކުރައްވަނީ އެކަލާނގެ ޚަލީފާއެއްގެ ހައިސިއްޔަތު އިންސާނާއަށް ދެއްވައި، އެ ޚަލީފާއާ ހަވާލު ކުރައްވާ އަމާނާތެއްގެ ގޮތުގައެވެ. ދެން، މުސްލިމުންގެ ވަލިއްޔުލްއަމްރު ނުވަތަ ވެރިކަން ކުރާ ފަރާތަށް އުއްމަތުގެ ނުވަތަ އިސްލާމީ ދައުލަތުގެ ސިޔާދަތީ ބާރު ހަވާލު ކުރެވޭނީ ވެސް ހަމަ އަމާނާތެއްގެ ގޮތުގައެވެ. ބައިޢާގެ މަފްހޫމުގެ ތެރެއިންނެވެ. އިސްލާމީ ޝަރީޢަތް ބުނާ ގޮތުން، ވަލިއްޔުލްއަމްރަށް ނުވަތަ ދައުލަތުގެ ހުކޫމަތަށް ލިބިގެންވާ ބާރުތައް ބޭނުން ކުރެވޭނީ ޝަރީޢަތާ އެއްގޮތަށް، އަދި ޝަރުޢީ އިންތަކުގެ ތެރޭގައި ރައްޔިތުން އެ ބާރުތައް ދިން ގޮތަކަށެވެ. ޝޫރާގެ އުސޫލުންނެވެ. ވީމާ، އިސްލާމީ ޝަރީޢަތުގައި ވެސް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ މަޖިލިހުން ނުވަތަ ސިޔާސީ ބާރު ލިބިގެން ވާ އެހެން ފަރާތަކުން ވެސް، ޝަރީޢަތުން ދީފައިވާ އަދި ރައްޔިތުން ލިޔާ ގާނޫނުއަސާސީއެއް ފަދަ އެއްޗަކުން ދިން ބާރެއް މެނުވީ ބޭނުން ކުރުން ހުއްދައެއް ނޫނެވެ.

ހަތަރުވަނަ ނުކުތާ – ހުކޫމަތާއި ވެރިކަމުގެ އޮފިޝަލުންނާއި އިދާރާތަކާއި މުއައްސަސާތަކުގެ ނިސްބަތުގައި، ގާނޫނުން އެ ފަރާތްތަކަށް ބާރު ދީފައި ވާ އަދި އެ ފަރާތްތަކަށް އެ ކަންކަން ކުރެވޭނޭ ކަމަށް ގަތުއީ ގޮތެއްގައި ކަނޑައަޅައިފައި ވާ ކަންކަން ފިޔަވައި އެހެން ހުރިހައި ކަމެއް މަނާ ވުމުގެ މަބްދައުގެ މައިގަނޑު މަގުސަދަކީ، ވެރިކަމުގެ ބާރުތައް އެ ބަޔަކާ ހަވާލު ކުރެވޭ މީހުންނަކީ އިމެއް އަދި މިނެއް ނެތް ބާރުތައް ލިބިތިބެގެން، ހިތުހުރި ގޮތަކަށް ގައުމާއި ރައްޔިތުންނާ މެދު ކަންތައް ކުރުމުގެ ގާނޫނީ ގާބިލިއްޔަތާއި ބާރުގައި ތިބޭ ބަޔަކަށް ވިޔަނުދިނުމެވެ. ވިސްނަވާށެވެ! މަޖިލިހަށް ނުވަތަ ރައީސަށް، ގާނޫނުން މަނާ ކޮށްފައި ނުވާ ކޮންމެ ކަމެއް ކުރެވޭނީވިއްޔާ، އެ ފަރާތްތަކަށް ކުރެވޭނޭ ކަންތައްތަކުގެ އެއްވެސް ހުދޫދެއް ނޯންނާނެއެވެ. ރައްޔިތުންނާއި ގައުމަށް ގެއްލުން ހުރި ކިތަންމެ ކަމެއް، ގާނޫނުއަސާސީގައި އެކަން މަނައެއް ނޫނޭ ކިޔައިފައި އެ ފަރާތްތަކަށް ކުރެވިދާނެއެވެ. ގާނޫނުއަސާސީގައި، ރައީސް ނުވަތަ މަޖިލހުން ކޮށްގެން ނުވާނޭ ހުރިހައި ކަންކަން ލިސްޓު ކުރެވޭނީ ކިހިނެއްތޯއެވެ؟ އެއީ އިންސާނީ ނިސްބަތުގައި މުސްތަހީލު ކަމެކެވެ. ޣައިރުމުމްކިން ކަމެކެވެ. ކުރެވޭނޭ ކަމަކީ، ހުކޫމަތަށް ދެވޭ ބާރުތައް ރީތިކޮށް ބަޔާން ކުރުމަށް ފަހު، އެހެން ކަންކަމަކީ މަނާ ވެގެންވާ ކަންކަން ކަމަށް ބެލުމެވެ. އެހެންކަމުން، ބުއްދި ނިޔާ ކުރާ ގޮތަކީ، ރައްޔިތުންނާއި ގައުމުގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ޓަކައި، ސީދާ ގާނޫނުއަސާސީން ގަތުއީ ގޮތެއްގައި ބާރު ދީފައި އޮތް ކަމެއް ފިޔަވައި އެހެން ކަންކަން، ސިޔާސީ ބާރުވެރިކަން ލިބިގެން ވާ އެއްވެސް ފަރާތަކަށް ނުކުރެވޭނޭ އުސޫލެއް އޮތުމެވެ. އިސްލާމީ ޝަރީޢަތާއި، ލޯރޑް ކެމްޑެންގެ ނިންމެވުމުން ނެގެހެއްޓެވި އިނގިރޭސި ކޮމަން ލޯވ އުސޫލާއި، އަދި ދުނިޔޭގެ އެހެނިހެން ގާނޫނީ ނިޒާމުތަކުގައި ވެސް ބަލައިގެންފައި ވާ އުސޫލަކީ އަދި ފަލްސަފާޔަކީ މިއެވެ.

މި ދެންނެވި ނުކުތާތަކުން ބަޔާން ކުރެވިދިޔަ ވިސްނުމަކީ، ޒަމާނީ "ދުސްތޫރިއްޔަތު" ނުވަތަ "ކޮންސްޓިޓިޔުޝަނަލިޒަމް" ގެ ތެރޭގައި ވެސް ހިމެނިގެންވާ އުސޫލެކެވެ. ދުސްތޫރިއްޔަތުގެ އެއް އުސޫލު ކަމަށް ވާ "ޑޮކްޓްރިން އޮފް ލިމިޓެޑް ގަވަރންމަންޓް" ނުވަތަ "ހުކޫމަތު މަހުދޫދު ވެގެން ވުމުގެ އުސޫލު" އިން ވެސް މާނަ ކުރެވެނީ ހަމަ އެއް ކަމެކެވެ. އެއީ، ހުކޫމަތު ގާނޫނުން ބަނދެވުމެވެ. ހުކޫމަތު ގާނޫނުން މަހުދޫދު ވުމެވެ. ގާނޫނުން ދިން ބާރެއް މެނުވީ، ހުކޫމަތަށް ނުލިބުމެވެ. ގާނޫނުން ހުކޫމަތަށް ކުރެވޭނެޔޭ ބުނެފައި ނެތް ހަމަ އެއްވެސް ކަމެއް ހުކޫމަތަށް ނުކުރެވުމެވެ. އެހެންކަމުން، ގާނޫނުން ދިން ބާރެއްގެ ދަށުން މެނުވީ، ހުކޫމަތަކަށް ރައްޔިތުންގެ މުދާ އަތެއް ނުލެވޭނެއެވެ. ރައްޔިތުންގެ ހަށިތަކާއި ފުރާނަޔާއި ޖާނަށް ދެރައެއް ނުދެވޭނެއެވެ. ރައްޔިތުންގެ ހުއްރިއްޔަތާއި މިނިވަންކަން ނިގުޅައެއްނުގަނެވޭނެއެވެ. ރައްޔިތުން ގަންނަވައި، ހުއްޓުވައި، ހާޒިރު ކޮށް، ސުވާލު ކޮށް، ގަޔަށް އަތްލައެއް ވެސް ނުހެދޭނެއެވެ. މިއިން ކޮންމެ ކަމެއް ކުރުމަށް ވެސް ގާނޫނުން ހުކޫމަތަށް ބާރު ދޭން ޖެހެއެވެ. ބާރު ދީފައި ނެތުމުގެ މާނައަކީ "ހޯހޯ" އެވެ. ލިޔެވިގެން ވާ އަދި "ސުޕްރެމަސީ" ލިބިގެން ވާ ގާނޫނުއަސާސީއެއް އޮންނަ ދައުލަތުގައި، ތޯމަސް ޕެއިން ވިދާޅުވި ފަދައިން، އެ ގާނޫނުއަސާސީން ބާރު ދިން ކަމެއް ފިޔަވައި އެހެން އެއްވެސް ކަމެއް ދައުލަތުގެ ސިޔާސީ ބާރުވެރި ފަރާތްތަކަކަށް ނުކުރެވޭނެއެވެ.

ވީމާ، ޢަބްދުﷲ ސަނީފު ނިކަން ބާރަށް "އަހަރެމެން ވެސް ގާނޫނުއަސާސީ ދަންނަމޭ" ބުންޏަސް، އަދި ރައްޔިތުންގެ މަޖިލިހުގައި އޮތް ސުޕަރމެޖޯރިޓިން މަޖިލިހުގެ ޖަލްސާތަކުގައި މި ދައުވާ ކިތަންމެ ހަރު އަޑަކުން އަދި މޭޒުމަތީގައި ކިތަންމެ ބާރަށް ޖަހައިފައި ތަކުރާރު ކުރިޔަސް، ހަގީގަތް ހުރި ގޮތް މި އޮތީ ރީތިކޮށް ފެންނާށެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި މިއަދު ބާރު އޮތް ބަޔަކުގެ އަމަލުތަކާއި ބަސްތަކުން ފެންނަމުން ސާބިތު ވަމުން ދަނީ އެމީހުންނަށް ގާނޫނުއަސާސީ ނޭނގޭކަން އެކަންޏެއް ނޫނެވެ. ރައްބިއެއް، ރަސޫލެއް، ބުއްދިއެއް، ޒަމީރެއް، އިލާހީ ހިދާޔަތެއް، އެކައްޗެއް ވެސް ނޭނގޭކަމެވެ. ނުވަތަ މިއިން ފަރާތަކަށް އެއްޗަކަށް އެއްވެސް ހުރުމަތެއް އަދި ގަދަރެއް ބަހައްޓާން ބޭނުން ނުވާކަމެވެ.

ފަހުބަސް

ގާނޫނުއަސާސީ ދެނެގަތުމަށް ޓަކައި ހަމައެކަނި ގާނޫނުއަސާސީގެ ދެ ބަނޑޭރިގަނޑުގެ ދެމެދުގައި ލިޔެފައި ހުރި މާއްދާތައް ކިޔުމަކުން ނުފުދެއެވެ. އެ މާއްދާތައް ހިތުދަސް ކުރުމަކުން ވެސް ނުފުދެއެވެ. އަޅުގަނޑުގެ ތަޖުރިބާގައި މިއީ ދިވެހިރާއްޖޭގެ ބައެއް ފަނޑިޔާރުންނާއި ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނަށް ވެސް އޮޅުން އަރާ ނުކުތާއެކެވެ. ގާނޫނުއަސާސީ އެނގޭނީ ޝަރުއީ އަދި ގާނޫނީ އިލްމުތަކުގެ ދާއިރާތަކުގައި އިލްމުވެރީން ކުރައްވައިފައި ހުރި ބަހުސްތައް ދެނެގެންނެވެ. ގާނޫނުއަސާސީ އެމައްޗަށް ބިނާ ވެފައި ވާ ސިޔާސީ އަދި ދުސްތޫރީ މަފްހޫމުތަކާއި މަބްދައުތައް އެނގިގެންނެވެ. ގާނޫނުއަސާސީގެ ބިންގާ ކަމަށް ވާ ދުސްތޫރީ "ޖުރިސްޕްރޫޑެންސް" އެނގިގެންނެވެ. ގާނޫނުގެ އަސާސްތަކާއި، ގާނޫނުގެ މަގުސަދުތަކާއި، ގާނޫނު ހެދޭ ގޮތާއި، މިފަދަ އެތައް ކަންތައްތަކެއްގެ ތެރެޔަށް މީހާގެ ވިސްނުން ހިނގައިފައި ހުރެގެންނެވެ. ތިމާޔަކީ އިތުރު މާތް ނަބިއްޔާ އެ ބަޔަކާ މެދު މި އުއްމަތަށް އިންޒާރު ދެއްވި "ރުވައިބިޟާ" އިންގެ މީހަކު ކަމަށް ވުމާ އެކުގައިމެ، ކުލަޔަށް ތައައްސުބު ވެ އަޅުވެތި ވެފައި ތިބޭ ބަޔަކު ނުވަތަ ފައްސަތޭކަ ރުފިޔާޔަށް ވޯޓު ވިއްކާ ބަޔަކުގެ ވޯޓުން، "އިލެކްޓޯރަލް ސިސްޓަމުގެ" މައްސަލަތަކެއްގެ ސަބަބުން އާބާދީގެ ޖުމުލަ ވޯޓުގެ ތިރީހަކަށް އިންސައްތަ ވޯޓު ލިބުމުން ރައްޔިތުންގެ މަޖިލިހުގެ "އިއްޒަތްތެރި މެންބަރެއްގެ" ހުސް ލަގަބު ތިމާގެ ނަމުގެ ކުރިޔަށް އައުމާ އެކު، ތިމާޔަކީ ޤުރްއާނާއި ގާނޫނުއަސާސީ ދަންނަ އަދި އެ އެއްޗެއްސާ މެދު ބަސް ކިޔައި ބަސް ބުނެވޭނޭ މީހަކު ކަމަކަށެއް ނުވާނެއެވެ.

ދެން އޮތީ މި ދެންނެވި ނުކުތާ ބަޔާން ކުރެއްވެވުމަށް ޓަކައި އެފްރިކާގެ މިއަދުގެ އެންމެ ވަރުގަދަ އެއް ފިކުރީ ލީޑަރު ޕްރޮފެސަރ ޕީއެލްއޯ ލުމުމްބާ ދެއްކެވި ވާހަކަކޮޅެއްގެ އަވަސް ތަރުޖަމާއެވެ. އޭނާ ވިދާޅުވެއެވެ. "އަޅުގަނޑުގެ އަމިއްލަ ވަޒަން ކަމަށް ވާ ކެންޔާގައި ވަރަށް ގިނަ ފަހަރު އަޅުގަނޑަށް ފެންނަ މަންޒަރެކެވެ. އަޅުގަނޑުމެންގެ ގައުމުގެ ވެރިކަމުގެ ނިޒާމުގެ މަގާމުތަކަށް އިންތިޚާބު ކުރެވޭ ބައެއް މީހުންނަކީ ރަނގަޅު މީހުންނެވެ. ނަމަވެސް އެއިގެ ތެރެއިން ގިނަ މީހުންނަކީ އެ މަގާމުތަކަށް އެއްވެސް ގޮތަކުން ކުފޫ ހަމަ ވެގެން ނުވާ މީހުންނެވެ. ރަށްފުށު ހިސާބުގަނޑުގައި ބައެއް ފަހަރު ރަނގަޅަށް ލިޔާންކިޔާން ނުދަންނަ މީހުން ވެސް އެފަދަ މަގާމުތަކަށް އައްޔަން ކުރެވިދެއެވެ. އެއީ ރަނގަޅަށް ލިޔާންކިޔާން ނުދަންނަ ބަޔަކުކަން އެންމެނަށް ވެސް އެނގެއެވެ. އަދި އެއީ ހިކުމަތްތެރި ބަޔަކު ނޫންކަން އެންމެނަށް ވެސް އެނގެއެވެ. ނަމަވެސް އެއްކަލަ މީހާ އިންތިޚާބު ކުރެވޭ ދުވަހުގެ ފަހު ދުވަހު، ކޮންމެވެސް ޖަލްސާއެއް ނުވަތަ މަޖިލިހަކަށް އޭނާއަށް ދައުވަތު ދެވިދާނެއެވެ. އަދި އެ މީހަކަށް ދައުވަތު ދިން މީހުން، ޖަލްސާގެ ތައާރަފުގައި، "އަހަރެމެން އިއްޔެ އިންތިޚާބު ކުރި އެވަނިމިވަނި މީހާ އޭނާގެ ހިކުމަތާއި އިލްމުން މިންވަރެއް އަހަރެމެންނާ އެކު ހިއްސާ ކޮށްލުމަށް ދައުވަތު ދެމޭ" ބުނާނެއެވެ. އަޅުގަނޑު ތިޔަ ބެއިފުޅުންނަށް ޔަގީން ކޮށްއަރުވަމެވެ. ވޯޓުފޮށީގައި، މަގާމަކަށް ވޯޓުން ހޮވޭ މީހާ ކުއްލިޔަކަށް ބޮޑު އިލްމުވެރިޔަކަށް ނުވަތަ ހިކުމަތްތެރިޔަކަށް ބަދަލު ކޮށްލާ ބާވަތުގެ އެއްވެސް ކަހަލަ ޖާދުލެއް ނުވެއެވެ. މީހަކީ "ޑަންޑަރހެޑް" އެއް ކަމަށް ވަނީވިއްޔާ، އެ މީހާޔަށް ގިނަ ބަޔަކު ވޯޓު ދީގެން ކޮންމެވެސް މަގާމަކަށް ހޮވާ ހޮވުމަކުން އެކަން ބަދަލެއް ނުވާނެއެވެ. އޭނާ ވާނީ އިންތިޚާބު ވެފައި ހުރި "ޑަންޑަރހެޑް" އަކަށެވެ."

ދިވެހީންގެ "ޑަންޑަރހެޑްސް" އަކީ ކޮބައިކަމާއި، އެމީހުން ޖަމާ ވެފައި ތިބީ ކޮން ތަނެއްގައިކަން އަޅުގަނޑު އިތުރަށް ބަޔާން ކޮށްއެރުވުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ އަޅުގަނޑުމެން "ޑަންޑަރހެޑް" އަކަށް ވޯޓު ދީފައި މަޖިލިހަށް ނުވަތަ ކައުންސިލަށް ނުވަތަ ދައުލަތުގެ އެހެން އިދާރާޔަކަށް ވިޔަސް ވެއްދީމާ، އަޅުގަނޑުމެން ދިން ވޯޓުގެ ޖާދޫ ނުވަތަ ވޯޓު އެޅި ފޮށީގެ ޖާދުލުން، އެ "ޑަންޑަރހެޑް" ގާނޫނުއަސާސީގެ އިލްމުވެރިޔަކަށެއް ނުވާނެޔޭ ދެންނެވުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟

comment ކޮމެންޓް