ހަނިމާދޫ އެއާޕޯޓު މަޝްރޫއަށް ކޮންޓްރެކްޓަރުން ހޯދަން އިއުލާންކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމުމުން ހުންނާނެ ގޮތުގެ ފޮޓޯއެއް--

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ މަޝްރޫއުގެ ބީލަން މަރުހަލާގެ ފުރަތަމަ ހަރުފަތް ކަމަށްވާ ކޮންޓްރެކްޓަރުން ޕްރީކޮލިފައިވުމަށް ހުށަހެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ހުޅުވާލައިފި އެވެ.

އެ މަޝްރޫއަކީ އިންޑިއާ އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2،460 މީޓަރުގެ އާ ރަންވޭއަކާއި 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރާނެ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރަން ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރަން ހިމަނާފައި ވެއެވެ.

މުޅި މަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737 މަރުކާގެ ބޮޑެތި ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ. އަދި މެދުއިރުމަތި، ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެ އެވެ.

އެ އެއާޕޯޓުގެ ޓާމިނަލް ފަރުމާކޮށްފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާފަދަ، ދިވެހިވަންތަ ގޮތަކަށެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ވަސީލަތްތައް ވެސް އެތަނުގައި ހިމެނޭނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަކީ އުތުރުގައި ރިސޯޓުތަކާއި ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރަން މުހިންމު މަޝްރޫއެކެވެ. އަދި މާލެ ސަރަހައްދަށް ބަރޯސާ ނުވެ، ސީދާ އުތުރުގައި ބޮޑު ކަންނެލި ބަންދުކޮށް، ވައިގެ މަގުން ބޭރުކުރަން މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެ އެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގަ އެވެ.

comment ކޮމެންޓް