އަލީ ވަހީދު ފުރުވާލުމުގައި އިމިގްރޭޝަނުގެ މައްސަލައެއް ނެތް: ކޮމިޓީ

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ -- ފޮޓޯ/ މަޖިލިސް

ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުވާލުމުގައި އިމިގްރޭޝަންގެ މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ފުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވަނީ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ހަމަ އެދުވަހު އޭނާ ވަނީ ފުރައިގެން ގޮސްފަ އެވެ. ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އަމުރު ނެރެފައި އޮތީ ފެބުރުއަރީ 10 ވަނަ ދުވަހު ކަމަށާއި އޭނާ ފުރުވާލާފައިވަނީ އަމުރު ނެރުމުގެ ކުރިން ކަމަށެވެ.

ޖުޑިޝަރީ ކޮމިޓީއިން އެމައްސަލައާ ގުޅިގެން މިއަދު ބާއްވި ބައްދަލުވުމުގައި މެމްބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިމްތިޔާޒު ފަހުމީ ވިދާޅުވީ އެމައްސަލައާ ގުޅިގެން އިމިގްރޭޝަނުންވެސް މައުލޫމާތު ސާފު ކުރި ކަމަށެވެ. އަދި އިމިގްރޭޝަނުން ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަން މިހާތަނަށް ފެންނަން ނެތް ކަމަށް އިންތި ވިދާޅުވި އެވެ.

"އިމިގްރޭޝަނަށް ލާޒިމްވެގެން ވަނީ ކޯޓުން އަންނަ އަމުރެއް. އެ އަމުރެއް ތަންފީޒު ކުރުން. ޕާސްޕޯޓު ދޫކުރުމަށް ކޯޓަކުން އެއީ އަދި އިންސާފުން ވިޔަސް ނާއިންސާފުން ވިޔަސް ނިމުމެއް އައިސް އަމުރެއް އައިސްފިއްޔާ އިމިގްރޭޝަނުން ޕާސްޕޯޓެއް ރިލީސްކުރުން އެއީ ހަމަޖެހިފައި އޮންނަ ގޮތް،" އިންތި ވިދާޅުވި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރުކުރި ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ދެކިވަޑައިގެން ޕީޖީ އޮފީހުން އެމައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާތީ އެކަން އިންތި ފާހަގަ ކުރެއްވި އެވެ. އަދި އެކަމަށް ކޮމިޓީއިން ފާރަވެރި ވުމަށް މިއަދު ނިންމި އެވެ.

އަލީ ވަހީދު ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާތިލު ކުރީ ހަތަރު މަސްދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި އޭނާ ރާއްޖެ ނައިސްފި ނަމަ ޒިންމާ ނަގާނެ ފަރާތެއްގެ ގޮތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ވަނީ ހަމަޖައްސައިފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެވެ.

އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

comment ކޮމެންޓް