އިންޑިއާއާއެކު ހެދި އެއްބަސްވުންތައް ހާމަ ކުރަން ގޮވާލައި ރައީސަށް "ބޮޑު" ސިޓީއެއް

އިންޑިއާއާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތައް ހާމަ ކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރައީސް އޮފީހަށް ސިޓީ ލާން ދިޔަ ހިނގާލުމުގެ ތެރެއިން --

އިންޑިއާއާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތައް ހާމަކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރައީސް އޮފީހަށް ސިޓީއެއް ފޮނުވައިފި އެވެ.

އިދިކޮޅުން މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސްކޮށް ލިޔުނު ސިޓީ ބޮޑުކޮށް ޕްރިންޓުކޮށްގެން ރައީސް އޮފީހާ ހިސާބަށް ގެންދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، ފުލުހުން ވަނީ އެ ހިނގާލުމުގެ ބައިވެރިން ރައްޔިތުންގެ މަޖިލިސް ކައިރިން ހުއްޓުވާފަ އެވެ. ފުލުހުން އެ މީހުން ހުއްޓުވިޔަސް، އެ ސިޓީގެ އޮރިޖިނަލް ރައީސް އޮފީހަށް ހުށަހަޅަން ހިނގާލުމުގެ ތެރެއިން ދެ މީހަކަށް ފުރުސަތު ދިނެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ގޮތަށް އެހެން ގައުމުތަކާއި، ބޭރުގެ ބައެއް ކުންފުނިތަކާއެކު އެއްބަސްވުންތަކުގައި ސޮއި ކުރުމަކީ ދިވެހި ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އިދިކޮޅުގެ ސިޓީ ރައީސް އޮފީހަށް ހުށަހަޅަން ވަންނަނީ --

ވެރިކަމަށް ވަޑައިގަތުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތަކާ ހިލާފަށް، އެމަނިކުފާނު ގައުމުގެ "މިނިވަންކަމާއި، ސިލްމާއި، ސަލާމަތާއި، އިއްޒަތާއ،ި ކަރާމާތަށް" ބެލުމެއް ނެތި އަޑި ނޭނގޭ އެތައް އެއްބަސްވުންތަކެއްގައި އިންޑިއާއާއެކު ސޮއިކޮށްފައިވުމުން ގައުމުގައި އިންތިހާއަށް ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

އެގޮތުން، އުތުރު ތިލަފަޅުގެ އެއްބަސްވުމާއި، އިންޑިއާއިން ހަދިޔާ ކުރި ހެލިކޮޕްޓަރުގެ އެއްބަސްވުމާއި، ޑޯނިއާ މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމާއި، ރާޑަރުތައް ބެހެއްޓުމަށް އެއްބަސްވުމާއި، ހައިޑްރޯގްރަފީ ސާވޭ ހެދުމުގެ އެއްބަސްވުން އެ ސިޓީގައި ފާހަގަކުރި އެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވާލުމަށް އެ އެއްބަސްވުންތައް ހާމަ ކުރުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

"ވީމާ ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވާލަދިނުމަށާއި، ދިވެހި ރައްޔިތުންނަށް ކުޑަވެސް ލޮތްބެއް އޮތް ނަމަ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ގޮތަށް މަނިކުފާނު ސޮއިކުރައްވާފައިވާ އަޑިނޭނގޭ ސިއްރު މި އެއްބަސްވުންތައް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ދަންނަވަމެވެ،"

އިންޑިއާއިން ހެލިކަޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ގެނައުމަށް ހެދި އެއްބަސްވުންތަކާއި އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް އެޅުމަށް ރާއްޖެއާ އެގައުމާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުންވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ އިދިކޮޅުން މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

comment ކޮމެންޓް