ރީޖަނަލް އެއާޕޯޓްސްގެ ކޮންސަލްޓެންޓަކަށް މޫސާ ސޯލިހު

މޫސާ ސޯލިހު--- ސަން ފޮޓޯ

ރީޖަނަލް އެއާޕޯޓުތައް ހިންގާ ބެލެހެއްޓުމަށް އުފެއްދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ކޮންސަލްޓެންޓެއްގެ ގޮތުގައި، އެމްއޭސީއެލްގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ހަމަޖައްސައިފި އެވެ.

ކޮންސަލްޓެންޓެއްގެ އެ ވަޒީފާ އަކީ ފުލްޓައިމް ވަޒީފާއެއްކަން އެނގިފައި ވެއެވެ. ކުންފުނީގެ ޑެއިލީ އޮޕަރޭޝަންސްގެ މަސައްކަތްތަކުގައި މޫސާ ސޯލިހު ބައިވެރިވެ ވަަޑައިގަންނަވާނެ ކަމަށް އެނގިފައި ވެއެވެ.

މޫސާ ސޯލިހަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެކެވެ. އެމްއޭސީއެލްގައި 39 އަހަރު ހޭދަކުރެއްވުމަށްފަހު އެ ކުންފުނިން ރިޓަޔާ ކުރެއްވީ މިދިޔަ ޖުލައި މަހު އެވެ.

މޫސާ ސޯލިހް އެމްއޭސީއެލްއާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވީ، ނޮވެމްބަރު 15، 2018 ގައި އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެވެ. މޫސާ ސޯލިހަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޮޑު ބޭބެ އެވެ.

މިދިޔަ ސެޕްޓަމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސް އުފެއްދެވި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ބޯޑުގައި ތިއްބަވަނީ ކުރިން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީގެ އިތުރުން ކުންފުނީގެ ޗެއާމަން އަބްދުލް ލަތީފް ގާސިމް އާއި މުހައްމަދު ފިރުޒުލް ހުސައިން ފިރާޒާއި މުހައްމަދު ޝަފާއު ހަސަންގެ އިތުރުން ހުސައިން ޝާމިން އާއި އަބްދުﷲ ވަހީދެވެ.

comment ކޮމެންޓް