ޗައިނާއިން މުސްލިމުންނަށް ކުރާ އަނިޔާއާ ހެދި ހުޅަނގުގެ ގައުމުތަކުން ފިޔަވަޅު އަޅައިފި

ޗައިނާއިން މުސްލިމުންނަށް ކުރާ އަނިޔާއާ ހެދި ހުޅަނގުގެ ގައުމުތަކުން ވަނީ އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅާފަ -- ފޮޓޯ: ރޮއިޓާސް

ލަންޑަން (މާޗް 23): ޗައިނާއިން ވީގޫރު މުސްލިމުންނަށް އަނިޔާކޮށް، އެމީހުންގެ ހައްގުތަކަށް އަރައިގަންނާތީ ހުޅަނގުގެ ގައުމުތަކުން ޗައިނާގެ އޮފިޝަލުންތަކަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

ޗައިނާގައި ގިނަ ވީގޫރު މުސްލިމުން ދިރިއުޅޭ ޝިންޖަންގުގެ ބައެއް އިސް އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތާއި އެމެރިކާ އާއި ކެނެޑާއިން ގުޅިގެންނެވެ. އަދި އެއީ 1989ގެ ފަހުން، ޗައިނާއިން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުގައި އީޔޫއިން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވި ގޮތުގައި ޗައިނާއިން ދަނީ ވީގޫރު ދަރިކޮޅުގެ މީހުންގެ އެންމެ އަސާސީ ހައްގުތަކަށް އަރައިގަންނަމުންނެވެ.

"އަޅުގަނޑުމެން އެއްކޮށް - ޖުމްލަ 30 ގައުމަކުން - ފިޔަވަޅު އެޅުމުން ޗައިނާއަށް ވަރަށް ސާފު މެސެޖެއް އެބަ ފޮނުވޭ، އެއީ އެބާވަތުގެ ސީރިއަސް އަދި ރާވައިގެން ކުރިއަށްގެންދާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ބައިނަލްއަގުވާމީ މުޖުތަމައުން އަޅާ ނުލާ ދޫކޮށްނުލާނެ ކަމާއި އެފަދަ އަމަލުތަކުގައި ބައިވެރިވާ މީހުން ޒިންމާދާރު ކުރުވާނެކަން،" ރާބް ވިދާޅުވި އެވެ.

އެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އެޅި އޮފިޝަލުންގެ ތެރޭގައި ޝިންޖަންގު ޕަބްލިކް ސެކިއުރިޓީ ބިއުރޯގެ ޑިރެކްޓަރާއި އެ ސްޓޭޓުގެ ކޮމިއުނިސްޓު ޕާޓީ ކޮމިޓީގެ މެމްބަރަކާއި ވީގޫރު ދަރިކޮޅުގެ މީހުން ހައްޔަރު ކުރުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ އޮފިޝަލުން ހިމެނެ އެވެ. އެމީހުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބައެއް ގައުމުތަކަށް ދަތުރު ކުރުން މަނާ ކުރުމާއި މުދާ ހިފެހެއްޓުން ހިމެނެ އެވެ.

އދ.ގެ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ބުނާ ގޮތުގައި ޗައިނާއިން ވަނީ އެއް މިލިއަނަށް ވުރެ ގިނަ މުސްލިމުން ގައިދުހާނާތަކުގައި ހައްޔަރުކޮށްފަ އެވެ. އަދި އެގައުމުން މުސްލިމުން ލައްވާ މަޖުބޫރުން މަސައްކަތް ކުރުވާ، މުސްލިމުންގެ އާބާދީ މަދު ކުރުމަށްޓަކައި ދަރިން ނުލިބޭ ގޮތް ހަދާ، ގައިދުހާނާތަކުގައި ޖިންސީ އަނިޔާކޮށް، ރޭޕް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ނަމަވެސް ޗައިނާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެ ގައިދުހާނާތަކަކީ މީހުން ހައްދުފަހަނައަޅާފައިވާ ފިކުރުން ދުރުކޮށް، ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހަދާފައިވާ މަރުކަޒުތަކެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް