އިންތިހާބަށް ހަމަހަމަ ފުރުސަތު ދޭން ގޮވާލައި ކުއްލި މައްސަލައެއް

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ — ފޮޓޯ/މަޖިލިސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދޭން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެވެ.

ސައީދު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަކުރުމުގެ ހަމަހަމަ ފުރުސަތުތައް ލިބެމުން ނުދާ ކަމަށެވެ.

ސައީދު ވިދާޅުވީ ޑިމޮކްރަސީއެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން މުސްތަގިއްލު އިންތިހާބެއް ބޭއްވުން ކަމަށާއި އެހެން ނަމަވެސް ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތައް އެ ހައްގުން މަހްރޫމްކޮށްފައިވާ ކަމަށެެވެ.

އަސާސީ ހައްގުތައް ކަށަވަރުކޮށްދޭން ގާނޫނު އަސާސީން ލާޒިމުކޮށްފައިވާ ކުރުމަށާއި ވޯޓުދިދިނިމުގެ ހައްގަށާއި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މިނިވަން މުސްތަގިއްލު އިންތިހާބެއް ބާއްވަން ލާޒިމް ކުރާ ހާލަތަށް ވެސް ސަރުކާރުން ނުބަލާ ކަމަށް ސައީދު ވިދާޅުވި އެވެ.

ހަމައެއާ އެކު ހަމަހަމަ ފުރުސަތުތަކަށް އިހްތިރާމްނުކޮށް ހަދާފައިވާ ކޮވިޑް19ގެ ގައިޑްލައިންތަކުން ރައްޔިތުން ބަނދެވި ރަށު ބަނދުގައި ތިބި ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކުގެ ސިޔާސީ މަންފާ އެންމެ ފުޅާ މިނުގައި ނަގައި، ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ މެމްބަރުން ކަރަންޓީނު ވުމެއް ނެތި އަތޮޅު ތެރެއަށް ގޮސް، ރައްޔިތުންނާ ބައްދަލުކޮށް، ސިޔާސީ ހަރަކާތްތައް ސިއްރާއި ފާޅުގައި ހިންގަމުން އަންނަ ކަމަށެވެ.

ނަމަވެސް އެފަދަ އެއްވެސް ފުރުސަތެއް ވާދަވެރި އަދި އިދިކޮޅު ފަރާތްތަކަށް ފަހިކޮށްދީފައި ނެތުމަކީ ސަރުކާރުން ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ދެކޭނެ ފުރުސަތު އޮތް ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެ މައްސަލާގައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުން އަންނާތީ، ގާނޫނު އަސާސީ ލާޒިމްކުރާ ހަމަހަމަ ފުރުސަތު ފަހިކޮށްދީ، އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި ހުރިހާ ޕާޓީތަކަށް އިންސާފުވެރި ހަމަހަމަ ފުރުސަތު ދިނުމަށް ގޮވާލާ ކަމަށެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް ހަމަހަމަ ފުރުސަރު ހޯދައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ވެސް މީގެކުރިން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ސިޓީއެއް ފޮނުވައިފަ އެވެ.

comment ކޮމެންޓް