މިޔަރު މަސްވެރިކަން ކުރަމުން ދިޔަ ބަޔަކު ހުއްޓުވައިފި

މިއަދު މިޔަރު މަސްވެރިކަން ކުރަމުންދަނިކޮށް ފުލުހުން ހުއްޓުވި ދޯނީގައި ބާނާފައި ހުރި މިޔަރު --

މިޔަރު މަސްވެރިކަން ކުރަމުން ދިޔަ ބަޔަކު ކަނޑުމަތިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:30 އެހާކަންހާއިރު އދ. މަންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން އދ. އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން އެ ދޯނި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. ދޯނި ފެނުނީ މާވަރު ފަޅު ކައިރީގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. އެ އުޅަނދުގައި ތިބި ހަތަރު މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުން އެ ދޯނި ބަލައިފާސްކުރި އިރު ބާނާފައި ހުރި މިޔަރާއި، މިޔަރު އުރަހައާއި، ލޮނު އަޅާފައި ހުރި މިޔަރު މަސް ފެނިފައިވެ އެވެ.

މިއަދު މިޔަރު މަސްވެރިކަން ކުރަމުންދަނިކޮށް ފުލުހުން ހުއްޓުވި ދޯނީގައި ހުރި މިޔަރު އުރަހަ --

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރު އެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.

އޭރު އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވާސިޓީއިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެންމެ މިޔަރަކުން ރާއްޖޭގެ އިގްތިސާދަށް އަހަރަކު 3300 ޑޮލަރު ވަދެ އެވެ. އެއީ ޓޫރިޒަަމް އިންޑަސްޓްރީއިންނެވެ. ނަމަވެސް، ހިފާ ކޮންމެ މިޔަރަކަށް މަސްވެރިޔާއަށް ލިބޭނީ 32 ޑޮލަރުގެ ފައިދާ އެވެ.

މިޔަރު މަސްވެރިކަން މަނާ ކުރިއަސް ގަވައިދާ ހިލާފަށް އެކަން އަދިވެސް ކުރެ އެވެ. އެގޮތުން، ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން، ވައިގެ މަގުން ރާއްޖޭއިން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ މި އަހަރުގެ ޖެނުއަރީ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވެ އެވެ.

comment ކޮމެންޓް