ރެސްޓޯރަންޓުތަކާ އެހެން ވިޔަފާރިތައް ތަފާތެއް ނުކުރަން: އެޗްޕީއޭ

މާލޭގެ ރެސްޓޯރަންޓެގައި ބަޔަކު ޚިދުމަތް ހޯދަނީ --- ސަން ފޮޓޯ/ އަހްމަދުﷲ އަބްދުލްހާދީ

ކެފާ/ރެސްޓޯރަންޓުތަކާ އެހެން ވިޔަފާރިތަކާ ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށާއި، ފިޔަވަޅުތައް އަޅަނީ އެއްވެސް ބަޔަކަށް ދަތިކުރަން ނޫންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކާ ގުޅިގެން މިއަދު ވަނީ އެޗްޕީއޭގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ކޮމިޓީ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ އެޗްޕީއޭގެ އުސޫލުތައް ސާފުނުވާ ކަމަށާއި، ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓްތައް އަވަހަށް ބަންދުކުރަން އަންގާ، އެހެން ކަހަލަ ވިޔަފާރިތައް ހުުޅުވާފައި ބެހެއްޓުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ހަމަނުޖެހޭ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފިޔަވަޅުތައް އަޅަނީ އެއްވެސް ބަޔަކަށް ދައްޗެއް ދިނުމުގެ ބޭނުމުގައެއް ނޫން. ބަލިން ރައްކާތެރިކުރުމަށްޓަކައި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ބަލި އޭރު އޮތް ހާލަތަށް ބަލާފަ ބަލި ކޮންޓްރޯލް ކުރުމަށް، އަވަސް ފިޔަވަޅުތަކެއް އެޅުމަށްޓަކައި އެންމެ ނުރައްކާތެރިވާނެ ހާލަތަށް ބަލައި އެއާ ގުޅުވާފަ ފިޔަވަޅުތައް އެޅިފަ ހުންނާނީ،" ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ވިދާޅުވި އެވެ.

މައިމޫނާ ވިދާޅުވީ ރެސްޓޯރަންޓުތަކާއި ކެފާ ފަދަ ތަންތަނަކީ ބަލިފެތުރުމުގެ ރިސްކު ބޮޑު ތަންތަން ކަމަށެވެ. ސަބަބަކީ އެތަންތަނުގައި މާސްކް ނާޅައި، ގައިދުރުކަމެއް ނެތި ތިބޭތީ އެވެ. ނަމަވެސް އެޗްޕީއޭ އިން މަސައްކަތް ކޮށްފައި ވަނީ އެފަދަ ވިޔަފާރިތައް ވެސް އެއްކޮށް ބަންދުނުކޮށް، އުސޫލުތަކަށް ފެތޭ ގޮތަށް ތަންތަން ހިންގަން ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އާންމު އެއްޗެހި ވިއްކާ ފިހާރަތަކަށް ގޮސް މީހުން ވިޔަފާރިކުރަނީ މާސްކް އަޅައިގެން ތިބެ ކަމަށާއި، އެހެން ނަމަވެސް ކެފޭ ރެސްޓޯރަންޓުތަކުގައި އެގޮތަށް އަމަލުކުރެެވެން ނޯންނާނެ ކަމަށެވެ. އެހެންކަމުން މުޅި ދުނިޔޭގައި ވެސް އިން-ޑައިނިން އަކީ ބަލި ފެތުރުމުގެ ރިސްކް ބޮޑު ކަމެއްގެ ގޮތުގައި ބަލާ ކަމަށެވެ.

ރޭގަނޑު 8:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭ އާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެޗްޕީއޭއިން އެންގި އެންގުން ބާތިލުކޮށް، އިއްޔެ ވަނީ ރޭގަނޑު 10:30 ވަންދެން ތަންތަން ހުޅުވައިގެން ހިދުމަތް ދެވޭގޮތަށް ހުއްދަ ދީފަ އެވެ.

ނަމަވެސް މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓު އަދި ސައި ހޮޓާތައް ރޭގަނޑު 1:30 ވަންދެން ހުޅުވާފައި ބަހައްޓަން ހުއްދަ ދިނުމަށް މޯލްޑިވްސް އީޓަރީސް ޔޫނިއަން އިން ވަނީ ގޮވާލައިފަ އެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް ދޫކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ރޭ ވަނީ ގޮވާލައްވައިފަ އެވެ.

comment ކޮމެންޓް