ކޮމިޓީގައި މަލީހު ޖަވާބެއް ނުދެއްވި، ވިދާޅުވީ ސުވާލު ނުކުރެވޭނެ ކަމަށް

މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީގައި ކުރީގެ މިނިސްޓަރު މަލީހު ޖަމާލު — ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކި ވާހަކައަކާ ގުޅިގެން ބައެއް ކަންކަން ސާފު ކުރުމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާއި ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުން އެ ސުވާލުތަކަށް ޖަވާބެއް ނުދެއްވި އެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގައި މަޖިލީހުން އޭނާ ވަކި ކުރި ދުވަހު ތަޅުމުގައި ޖަވާބު ދާރީވަމުން އޭނާ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަޒީރުންނަށް ބިރު ދައްކާ ކަމަށެވެ. މިއަދު އިމްތިޔާޒު ކޮމިޓީއަށް މަލީހު ހާޒިރު ކުރީ އެކަމާ ގުޅިގެން ސުވާލު ކުރުމަށެވެ.

ކޮމިޓީގައި މެމްބަރުން ވަނީ އެކިގޮތަށް އެ ސުވާލު ތަކުރާރުކޮށް ކުރިމަތި ކުރުވާފަ އެވެ. ނަމަވެސް މަލީހު އެ ސުވާލުތަކަށް ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ދައްކާ ވާހަކައަކާ ގުޅިގެން އޭނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެ ކަމަށެވެ. އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް މަލީހު ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް މީހަކު ހާޒިރުކޮށްފައި މިހުރީ ކޮން ކަމަކާތޯ. ތަޅުމުގައި ދެއްކެވި ވާހަކައަކާ ގުޅޭގޮތުން ތަހުގީގެއް މައްސަލައެއް ވަޓްއެވާ އިޓިއިޒް ކޮންމެސް އެކައްޗެއް ސާފުކޮށްލަ ދެއްވާށޭ. ކުޅޭކުޅޭ އެއްޗަކަށް ނަހައްދަވާށޭ. އެހެންވީމަ އަޅުގަނޑު މިދެންނެވީ އެއްކަލަ ގޮތަށް އަޅުގަނޑު މިޖެހެނީ ގާނޫނީ ފިލާވަޅެއް ނަގައި ދެއްވަން." މަލީހު ވިދާޅުވި އެވެ.

މަލީހު ކޮމިޓީއަށް ހާޒިރު ކުރުމުން ނުރުހުން ފާޅުކޮށް ވާހަކަ ދައްކަވަމުން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ކޮންމެ ވާހަކައެއް ދެއްކިޔަސް އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށެވެ. ހަމަ އެގޮތަށް ވަޒީރަކު މަޖިލީހުގެ ތަޅުމުގައި ދައްކާ ވާހަކައަކާ ގުޅިގެން ކޮމިޓީއަށް ހާޒިރު ކުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެބޭފުޅާ އާދައިގެ ރައްޔިތެއްގެ ހައްސިއްޔަތުން މިތަނަށް ހާޒިރުކޮށް މިތަނަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން މަލީހު ހާޒިރު ކުރުން ފެނިގެން ދަނީ ވަރަށް ޒާތީ ކަމެއްގެ ގޮތުގައި ކަމަށެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ކުރީގައި ވަކިކޮށްފައި ހުރި މިނިސްޓަރަކަށްވެސް ބިރު ދައްކައިގެން ވަކިކޮށްފައިވާ ކަމަށް މަލީހު ތަޅުމުގައި ވިދާޅުވެފައިވާ ކަމަށެވެ. އެ ވިދާޅުވި ވިދާޅުވުން އިތުރަށް ސާފުކޮށް ދިނުމަށް ރާއީ އެދިލެއްވި އެވެ.

އެކަމާ ގުޅިގެންވެސް މަލީހު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ފެއްޓެވީ ގާނޫނީ ވާހަކަތަކެކެވެ. މެމްބަރުގެ ސުވާލަށް ޖަވާބު ދިނުމަށް ކޮމިޓީގެ މުގައްރިރު ތަކުރާރުކޮށް ވިދާޅުވުމުންވެސް މަލީހު ވަނީ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދާފަ އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތިބޭފުޅުން އެއްގޮތަކަށްވެސް ސަމާސާ ކުރައްވައިގެން ނުވާނެއޭ އިނގޭތޯ. އަޅުގަނޑުމެން އެންމެންވެސް އަމަލުކުރަން މިޖެހެނީ އެއް ގާނޫނުއަސާސީ އަކަށް. މި ގާނޫނުއަސާސީއަށް އަޅުގަނޑުމެން އެންމެންވެސް ތަބާވާން މިޖެހެނީ." މަލީހު ވިދާޅުވި އެވެ.

ދެން މަލީހު ފެއްޓެވީ ކޮމިޓީއަށް ހާޒިރުވާން އޭނާއަށް މަޖިލީހުން ފޮނުވި ސިޓީގައި ހުރި ބައެއް މައްސަލަތަކުގެ ވާހަކަ އެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެމްބަރުން ނުރުހުން ފާޅުކުރަން ފެށުމުން މަލީހު ވަނީ މެމްބަރުންނާ ސުވާލުތަކެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ސުވާލު ކުރަނީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮން މާއްދާއަކާ ހަވާލާދީކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވީ ގާނޫނުއަސާސީއަކީ ހަމަ އެކަނި މަލީހު ދަންނަ އެއްޗެއް ނޫން ކަމަށެވެ. މަޖިލީހުގައި ތިބި މެމްބަރުންވެސް ގާނޫނުއަސާސީ ދަންނާނެ ކަމަށާއި އެ މައްސަލަ އިމްތިޔާޒު ކޮމިޓީއިން ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ނޯންނާނެ ކަމަށެވެ.

މިއަދު ކޮމިޓީ ނިމުންއިރުވެސް މެމްބަރުން ކުރެއްވި އެއްވެސް ސުވާލަކަށް މަލީހު ޖަވާބެއް ނުދެއްވަ އެވެ.

comment ކޮމެންޓް