ކެފޭތައް ބަންދުކުރަން ޖެހުމުން ލިބުނު ގެއްލުމަށް ބަދަލުދޭން ހުށަހަޅައިފި

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ކޮވިޑް19 އާ ގުޅިގެން ކެފޭ/ހޮޓާ/ރެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރަން ލާޒިމުވެ، އާމްދަނީއަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި މައްސަލައެއް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އެވެ.

މެމްބަރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިއުލާނުކޮށް، އަދި ދޭތެރެ ދޭތެރެއިން އިތުރުުކުރަމުން އަންނަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ހިފަދަ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވިޔަފާރިތައް މުޅިން ބަނގުރޫޓުވެ އަލުން ކޮޅަށް ޖެހުމުގެ އުންމީދުވެސް ކުޑަވަމުން އަންނަ ކަމަށެވެ.

މެމްބަރު ވިދާޅުވީ އާންމުންގެ ތެރެއިން ގިނަބަޔަކު ކެއިން ބުއިމަށް ބަރޯސާވަނީ އެފަދަ ތަންތަނަށް ކަމަށާއި، އަދި އާންމުން ވިޔަފާރިއަށް ނުކުންނަނީ ވެސް އެފަދަ ތަންތަން ހުޅުވައިގެން ކަމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރަކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަަވަޅުތައް ދިގުދެމިގެން ގޮސް، އެ ވިޔަފާރިތައް މުޅިން ހުއްޓި އިގްތިސޯދަށް ވެސް ގެއްލުންވަމުން އަންނަ ކަމަށެވެ.

އެހެންކަމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަވަޅުތަކުން އެ ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް މެމްބަރު ވަނީ ގޮވާލައްވައިފަ އެވެ.

އެގޮތުން ލާޒިމްކޮށްގެން ވިޔަފާރު ބަންދުކުރަން ޖެހުނު ވަގުތުތަކުގައި ގެއްލުނު އާމްދަނީއަށް އެކަށީގެންވާ ބަދަލެއް ދިނުމާއި، ސަރުކާރުން ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުން ކުލި ލުއިކޮށްދިނުމަށާއި އެކަށީގެންވާ މުއްދަތަށް ފެނާއި ކަރަންޓުގެ ހިދުމަތް ކަނޑާނުލާނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

ހަމައެއާއެކު ޖީޢެސްޓީ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައި ދިނުމަށާއި، އެހެން ވިޔަފާރިތަކާ ތަފާތުކުރުމެއް ނެތި، އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ހިދުމަތް ދެވޭނެ ގޮތް ކަނޑައެޅުމަށް ވެސް ގޮވާލި އެވެ.

ރޭގަނޑު 8:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭ އާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެޗްޕީއޭއިން އެންގި އެންގުން ބާތިލުކޮށް، އިއްޔެ ވަނީ ރޭގަނޑު 10:30 ވަންދެން ތަންތަން ހުޅުވައިގެން ހިދުމަތް ދެވޭގޮތަށް ހުއްދަ ދީފަ އެވެ.

ނަމަވެސް މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓު އަދި ސައި ހޮޓާތައް ރޭގަނޑު 1:30 ވަންދެން ހުޅުވާފައި ބަހައްޓަން ހުއްދަ ދިނުމަށް މޯލްޑިވްސް އީޓަރީސް ޔޫނިއަން އިން ވަނީ ގޮވާލައިފަ އެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް ދޫކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ރޭ ވަނީ ގޮވާލައްވައިފަ އެވެ.

comment ކޮމެންޓް