ދައުލަތުގެ ދަރަނި 86 ބިލިއަނަށް އަރައިފި، އުފެއްދުންތެރިކަމަށް ވުރެ ބޮޑު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޖުމްލަ ދަރަނި 86.5 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 44 ބިލިއަން ރުފިޔާގަ އެވެ. އެތެރޭގެ ދަރަނި 42.5 ބިލިއަނަށް އަރަ އެވެ.

ބޭރުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 76 ޕަސެންޓުގަ އެވެ. އެތެރޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 73 ޕަސެންޓުގަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ ދަރަނީގެ ނިސްބަތް ހުރީ ޖީޑީޕީ އާއި އަޅަބަލާއިރު 149 ޕަސެންޓުގަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީ ހުރި 57.9 ބިލިއަން ރުފިޔާގަ އެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނީގެ ޖުމްލަ އަކީ 67.9 ބިލިއަން ރުފިޔާ އެވެ. ދެހާސް އަށާރަވަނަ އަހަރު ނިމުނު އިރު ޖުލްމަ ދަރަނި ހުރީ 48.2 ބިލިއަން ރުފިޔާގަ އެވެ.

ރާއްޖޭގެ ދަރަނި 86 ބިލިއަނަށް އަރާފައިވާއިރު ސަރުކާރުން ވަނީ ކޮވިޑް19 އާއި ގުޅިގެން އެކި ކަންތަކަށް ބޭރުން ލޯނު ހޯދައިފަ އެވެ.

ރާއްޖެއަށް އާމްދަނީ ލިބެމުން އައި މައި ސިނާއަތްކަމަށްވާ ޓޫރިޒަމް ސިނާއަތް މިދިޔަ އަހަރުގެ ބޮޑު ބަޔެއްގައި އޮތީ ހުއްޓިފަ އެވެ. ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ލޯނު ނަގައިފަ އެވެ. އަދި ސެންޓްރަލް ބޭންކުން ވަނީ ހަތަރު ބިލިއަން ރުފިޔާ އޯވާޑްރޯ ކޮށްފަ އެވެ.

ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ 2020 އަހަރު ސަރުކާރުން ވަނީ 18 ލޯނެއް ނަގައިފަ އެވެ.

comment ކޮމެންޓް