މަނަދޫގައި ޓޫރިސްޓު ހޮޓަލެއް އަޅަން އަލުން ބީލަމަށް

މަނަދޫ---

ނ. މަނަދޫގައި ޓޫރިސްޓު ހޮޓަލެއް އަޅައި ހިންގާނެ ފަރާތެއް ހޯދަން ކުރިން ކުރި އިއުލާނާ ގުޅިގެން ޝަރުތު ހަމަވާ ފަރާތެއް ކުރިމަތިލާފައި ނުވާތީ، އަލުން ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ މަނަދޫ ގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ 132،000 އަކަފޫޓުގެ ބިމުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފެބްރުއަރީ ތިންވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ހުށަހެޅުނު ބީލަންތަކުގައި ޝަރުތުހަމަވާ ފަރާތެއް ހިމެނިފައި ނުވާތީ ބީލަން އަލުން ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މާޗު މަހުގެ 29 ވަނަ ދުވަހު ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އޭޕްރީލް އަށް ވަނަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އިއުލާނުގައި ވެއެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް މިމަހުގެ 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރެއް މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވުމަށްވެސް އިއުލާނުގައި ވެއެވެ.

މަނަދޫގައި ޓޫރިސްޓު ހޮޓަލެއް އަޅާނެ ފަރާތެއް ހޯދަން ދެ ވަަނަ ފަހަރަށް ބީލަމަށް ހުޅުވާލި އިރު، ހއ. ކެލާގައި ޓޫރިސްޓު ހޮޓަލެއް އަޅައި ހިންގުމަށް ފެޑޯޯ އިންވެސްޓުމެންޓާ ވަނީ ހަވާލުކޮށްފައެވެ.

މި އަހަރު ވެގެންދާނީ ޓޫރިޒަމް ސިނާއަތުގައި އިންވެސްޓުމެންޓުގެ އަހަރަކަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް