ސައުދީ އަރަމްކޯއަށް ލިބުނު ފައިދާ މިދިޔަ އަހަރު 45 ޕަސެންޓު ދަށަށް

އަރަމްކޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު 45 ޕަސެންޓު ދަށްވެފަ -- ފޮޓޯ: ރޮއިޓާސް

ރިޔާޒް (މާޗް 22): ސައުދީ އަރަބިއާގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 45 ޕަސެންޓު ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަރަމްކޯއިން ނެރުނު ބަޔާނެއްގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނީ 49 ބިލިއަން ޑޮލަރުގެ ފައިދާ އެވެ. އަދި އޭގެ ކުރީ އަހަރު އެ ކުންފުންޏަށް 88.2 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އަރަމްކޯގެ ސީއީއޯ އަމީން ނާސިރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރަކީ އެ ކުންފުންޏަށް "ފަހުގެ ތާރީހުގައި ދިމާވި އެންމެ ގޮންޖެހުންތައް ބޮޑު އެއް އަހަރެވެ". ނަމަވެސް މިއަހަރު ވިޔަފާރި ރަނގަޅު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މިއަހަރު ނިމެންވާ އިރަށް ދުނިޔޭގައި ތެލަށް އޮންނަ ޑިމާންޑު ދުވާލަކު 99 މިލިއަން ފީފާއަށް އަރާނެ ކަމަށް އޭނާ ލަފާ ކުރެއްވި އެވެ.

"މިހާރު ހާލަތު ރަނގަޅު ވަމުންދާ ކަމުގެ ނިޝާންތައް ފެންނާތީ އަޅުގަނޑުމެން އުފާވޭ. ޗައިނާއިން [ތެޔޮ ގަންނަ މިންވަރު] ވަނީ ބަލިމަޑުކަމުގެ ކުރިން [ގަތް] މިންވަރާ ވަރަށް ގާތްވެފަ. އެހެންކަމުން އޭޝިއާ، ހާއްސަކޮށް އީސްޓު އޭޝިއާގައި، ޑިމާންޑު ދަނީ އިތުރުވަމުން،" ނާސިރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ދަތުރުފަތުރު ހުއްޓުމަކަށް އައުމުން ތެލުގެ އަގު ރެކޯޑު މިންވަރަކަށް ވެއްޓުނެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 21 އަހަރު ތެރޭ ނުވެއްޓޭ މިންވަރަކަށް، 20 ޑޮލަރަށް ވުރެ ދަށަށް މިދިޔަ އޭޕްރިލް މަހު ވެއްޓުނެވެ.

ނަމަވެސް މިދިޔަ މަހު ތެޔޮ ފީފާއެއްގެ އަގު ވަނީ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް، 60 ޑޮލަރަށް އަރާފަ އެވެ.

comment ކޮމެންޓް