އެސްޓްރާޒެނެކާ ވެކްސިން ޖެހުމުން ބައެއްމީހުންގެ ލޭގަނޑުވަނީ ނާދިރު ސަބަބަކާ ގުޅިގެން: ޔޫރަޕްގެ ސައެންސްވެރިން

ވޮޝިންޓަން (މާޗް 22) : ކޮވިޑް-19 އާ ދެކޮޅަށް ބޭނުން ކުރުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި ސްވިޑްންގެ އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ އެސްޓްރާޒެނެކާ ވެކްސިން ޖެހުމުން ބައެއްމީހުންނަށް ލޭ ގަނޑުވުމުގެ މައްސަލަ (ބްލަޑް ކްލޮޓްސް) ދިމާވާކަން އިލްމީގޮތުން ކަށަވަރުވެއްޖެ ކަމަށާ އެމައްސަލަ ދިމާވަނީ ނާދިރު ސަބަބަކާ ގުޅިގެން ކަމަށް ޔޫރަޕްގެ ސައެންސްވެރިންގެ ޓީމަކުން ބުނެފިއެވެ.

ލޭ ގަނޑުވުމުގެ މައްސަލަ ދިމާވަނީ ހަށިގަނޑުގެ ތެރެއިން ކުރިމަތިވާ ރިއެކްޝަނެއްގެ ސަބަބުން

ނޯވޭ، ޖަރުމަނުގެ ސައެންސްވެރިންގެ ޓީމަކުން މިކަމާބެހޭ ދިރާސާއެއް ހެދުމަށް ފަހު ނެރުނު ރިޕޯޓާ ހަވާލާދީ އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ "ވޯލްޑް ސްޓްރީޓް ޖޯނަލް" ބުނާގޮތުން ބައެއްމީހުންނަށް ލޭ ގަނޑުވުމުގެ މައްސަލަ ދިމާވަނީ އެވެކްސިން ޖެހުމުން ހަށިގަނޑުގައި ދިފާއީ އެންޓިބޮޑީތައް އުފެއްދުމަށް ކުރާ މަސައްކަތާ ދެކޮޅަށް ހަށިގަނޑުގެ ތެރެއިން ކުރިމަތިވާ ރިއެކްޝަނެއްގެ ސަބަބުންނެވެ.

މި ރިއެކްޝަނުގެ ސަބަބުން ކުރިމަތިވާ ލޭ ގަނޑުވުމުގެ މައްސަލައަކީ މީހާ މަރުވާފަަދަ ނުރައްކާތެރި ސިއްޙީ މައްސަލައެއް ކަމަށާ ނަމަވެސް ވަގުތުއޮއްވައި އެކަމަށް ފަރުވާ ދެވިއްޖެނަމަ މިގޮތަށް ދިމާވާމީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ސައެންސްވެރިންގެ ރިޕޯޓް ބުނެއެވެ. އެސްޓްރާޒެނެކާ ވެކްސިން ޖެހުމުން ބައެއްމީހުންނަށް ލޭ ގަނޑުވުމުގެ މައްސަލަ (ބްލަޑް ކްލޮޓްސް) ދިމާވެ އޭގެތެރެއިން ބައެއްމީހުންވަނީ މަރުވެފައެވެ. މިމައްސަލަ ކުރިމަތިވުމުން ޔޫރަޕްގެ 13 ގައުމަކުން އެސްޓްރާޒެނެކާ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލިއެވެ. ހުއްޓާލި ބައެއް ގައުމުތަކުން އެސްޓްރާޒެނެކާ ވެކްސިން ޖެހުމުގެ ހުއްދަ އަލުން ދިންނަމަވެސް އަނެއްބައި ގައުމުތަކުން އަދިވެސް އެވެކްސިން ޖެހުމުގެ ހުއްދައެއް ނުދެއެވެ.

އެސްޓްރާޒެނެކާ ވެކްސިން ޖެހުމުން ބައެއްމީހުންނަށް ދިމާވި މައްސަލައަކީ ސިކުޑިއާ ގުޅިފައިވާ ބައެއް ލޭނާރުތަކުގެ ލޭގަނޑުވުމުގެ މައްސަލަ ނުވަތަ "ސެރޭބްރަލް ވެނުއަސް ސައިނަސް ތްރޮމްބޯސިސް" (ސީވީއެސްޓީ) އެވެ. މިމައްސަލަ އުމުރުން 55 އަހަރުން ދަށުގެ 30 މީހުންނަށް ދިމާވިއިރު މީގެތެރޭގައި ގިނައީ އަންހެނުންނެވެ.

ލޭގަނޑުވުމުގެ މައްސަލަ ބޮޑަށް ފާހަގަކުރެވުނީ ޔޫރަޕްގެ ގައުމުތަކުގައި ވެކްސިންޖެހި މީހުންގެ ފަރާތުން

އެސްޓްރާޒެނެކާ ވެކްސިން ޖެހި ގައުމުތަކުގެ ތެރެއިން މިމައްސަލަ ފާހަގަކުރެވުނީ ބޮޑަށް ޔޫރަޕްގެ ގައުމުތަކުގަ އެވެ. ނަމަވެސް އެވެކްސިން ބޭނުންކުރި އެނޫން ގައުމުތަކުގެ ބައެއްމީހުންވެސް ވެކްސިން ޖެހުމަށްފަހު ކުއްލިގޮތަކަށް މަރުވިކަމަށް ރިޕޯޓް ކޮށްފައިވެ އެވެ. ނަމަވެސް ޔޫރަޕްގައި ބެލިގޮތަށް އިލްމީގޮތުން މިކަމުގެ ހަގީގަތް ބަލާފައެއް ނުވެއެވެ.

ޔޫރަޕްގެ އިއްތިޙާދަށް ނިސްބަތްވާ "ޔޫރަޕިއަން މެޑިސިންސް ރެގިއުލޭޓްރީ އޮތޯރިޓީ" ންވަނީ އެސްޓްރާޒެނެކާ ވެކްސިން ޖެހުމުން ބައެއްމީހުންނަށް ކުރިމަތިވާ ސިއްޙީ މައްސަލަތައް ބަލައި ދިރާސާއެއް ހަދާފައެވެ. މިދިރާސާގެ ރިޕޯޓްތައި އެ ވެކްސިން ޖެހުމުން ސިއްޙީ މައްސަލަތައް ކުރިމަތިވާކަމަށް ބުނެފައިވީނަމަވެސް އޭގެ ގެއްލުމަށްވުރެ ފައިދާ ބޮޑުކަމަށް ބުނެފައިވެއެވެ. އަދި އެވެކްސިން ޖެހުން ކުރިޔަށް ގެންދިޔުން އެންމެ ރަނގަނޅު ކަމަށްވެސް ބުނެފައިވެއެވެ.

އެސްޓްރާޒެނެކާ ވެކްސިން އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި ސްވިޑްންގެ އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ވެކްސިން އަކަށްވާތީ އެއީ މައްސަލަ ކުރިމަތިނުވާނެ އަދި ކޮވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ އެންމެ ރަނގަނޅު ވެކްސިންގެ ގޮތުގައި ރިޕޯޓް ކުރިއެވެ. ނަމަވެސް ވެކްސިން ޖެހުމުން ބައެއްމީހުންނަށް ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވެ ބައެއްމީހުން މަރުވެސް ވުމުން އެހެން ހުރިހާ ވެކްސިންތަކަށްވުރެ އެސްޓްރާޒެނެކާ ވެކްސިންގެ ސައިޑް އިފެކްސްޓް މައްސަލަތައް ފާހަގަ ކުރެވިގެންދިޔައެވެ.

އެސްޓްރާޒެނެކާ ވެކްސިންއަކީ ރައްކާތެރި ވެކްސިން އެއް

މި މައްސަލަތަކާއެކުވެސް އެސްޓްރާޒެނެކާ ވެކްސިންއަކީ ރައްކާތެރި ވެކްސިން އެއް ނޫންކަމަށް އެއްވެސް ފަރާތަކުން ބުނެފައެއް ނުވެއެވެ. ދުނިޔޭގެ ސިއްޙަތާބެހޭ ޖަމްއިއްޔާ އިންވެސްވަނީ އެއީ ރައްކާތެރި ވެކްސިން އެއްކަން ކަށަވަރުކޮށްދީ އެވެކްސިން ޖެހުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ރެކޮމެންޑް ކޮށްފައެވެ.

އެސްޓްރާޒެނެކާ ވެކްސިން ޖެހުމުން ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވެފައި ވަނީ ނިސްބަތުން ވަރަށް މަދު މީހަކަށެވެ. އެވެކްސިން ޖެހި 17 މިލިޔަން މީހުންގެ ތެރެއިން 37 މީހަކަށް ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވެ މި 37 މީހުންގެ ތެރެއިން ބައެއްމީހުން މަރުވި ނަމަވެސް މިއީ އެވެކްސިން ޖެހުން ހުއްޓާލަންޖެހޭ ސަބަބެއް ނޫންކަމާއި މިހާ ކުޑަ ނިސްބަތަކީ ސްޓެޓިސްޓިކަލީ ނޮޓް އިންޕޯޓެންޓް މިންވަރެއްކަމަށް ކަނޑައަޅައި "ޔޫރަޕިއަން މެޑިސިންސް ރެގިއުލޭޓްރީ އޮތޯރިޓީ" އާއި ދުނިޔޭގެ ސިއްޙަތާބެހޭ ޖަމްއިއްޔާ އިންވަނީ މިވެކްސިން އަކީ ރައްކާތެރި ވެކްސިން އެއްކަމަށް ނިންމާފައެވެ. (ވޯލް ސްޓްރީސް ޖޯނަލް + ނޫސްއެޖެންސީތައް)

comment ކޮމެންޓް