މަޖިލިސް ރައީސް އަށް ފާޑުކިޔައި، ކޮމެޓީއަށް ހާޒިރުވާނެ ކަމަށް މަލީހު ވިދާޅުވެއްޖެ

ކުރީގެ މިނިސްޓަރު މަލީހު ޖަމާލު މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު، މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް ހާޒިރުވާނެ ކަމަށް ކުރީގެ ކޮމިޔުނުކޭޝަންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް މަލީހު ހާޒިރު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޖިލިސް މެމްބަރުންނާ ގުޅޭގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކެވިތޯ ބެލުމަށެވެ.

މަލީހުގެ އިތުބާރުގެ މައްސަލާގައި ޖަވާބުދާރީވާން ލިބުނު ފަހު ފުރުސަތުގައި މަލީހު ވަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބިރުދައްކައި އިސްތިއުފާ ދޭން މަޖުބޫރު ކުރި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

މާދަމާ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް މަލީހު ހާޒިރު ކުރާއިރު، މަޖިލިސް ރައީސް، ރައީސް ނަޝީދަށް މަލީހު ފޮނުއްވި ސިޓީގައި ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމެޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު، އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެެއް ހިންގައި، ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދައުވާއެއް ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މަލީހުގެެ ސިޓީގައި ވިދާޅުވީ މާޗު އެއްވަނަ ދުވަހު އޭނާ މިނިސްޓަރު ކަމުން ވަކިކުރުމަށް ބޭއްވި ޖަލްސާ އަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއދާ އަދި 29 ވަނަ މާއްދާ ބައްދަލު ކުރި ކަޅު ދުވަހެއް ކަމަށެވެ. އެއީ ކައްޗަށް އެޅި ބިންގަލެއް ކަމަށާއި އެ ބިންގާގެ މައްޗަށް އިތުރު މައްސަލައެއް މަޖިލީހުގެ އިިމްތިޔާޒު ކޮމެޓީ އަށް ވެއްދުމަކީ ރައީސް ނަޝީދުގެ ޑިމޮކްރެޓިކް ކްރެޑެންޝަލް އާމެދު ސުވާލު ކުރާނެ މީހުން ގިނަވާނެ ކަމެއް ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު މަގާމުން ވަކިކުރީ ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައެއް ހަޖަމު ނުވެގެން ކަމަށް ވިދާޅުވާ ވިދާޅުވުން އެ ސިޓީގައި ވެސް ވަނީ ތަކުރާރު ކުރައްވައިފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ، ބައެއް މަޖިލިސް މެމްބަރުންނަށް ހީވަނީ ސަރުކާރު ހިންގަނީ މަޖިލީހުން ކަމަށާއި އެހެން ނަމަވެސް ސަރުކާރު ހިންގާނެ ސިޔާސަތު މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށާއި، އެއީ މަޖިލީހުގެ ޒިންމާ ނޫން ކަމަށެވެ.

މަލީހު ވިދާޅުވީ ގާނޫނު އަސާސީގައި ސާފުކޮށް އެކަންތައް ލިޔެފައި އޮތްނަމަވެސް މަޖިލީހަށް އިހުތިރާމު ކުރުމުގެ ގޮތުން ހޯމަ ދުވަހު މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް ހާޒިރުވާނެ ކަމަށެވެ.

comment ކޮމެންޓް