މިނިޓެއްގެ ތެރޭގައި 6000 ސިރިންޖު އުފައްދާ ބައެއް!

ހިންދުސްތާން ސިރިންޖަސް އެންޑް މެޑިކަލް ސާވިސަސް (އެޗްއެމްޑީ) ކާރުހާނާ އެތެރެ--

ހިންދުސްތާން ސިރިންޖަސް އެންޑް މެޑިކަލް ސާވިސަސް (އެޗްއެމްޑީ) އަކީ އިންޑިއާގެ އެންމެ ބޮޑު ސިރިންޖު އުފައްދާ ކުންފުންޏެވެ. އަދި ދުނިޔޭގެ ވެސް މިފަދަ ބޮޑެތި ކާރުހާނާ ތަކުގައި ލިސްޓުގައި ހިމެނޭ ކުންފުންޏެކެވެ. ކޮވިޑް19ގެ ވެކްސިންތައް ހަލުވިކަމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޭން ފެށުމާއި އެކު މި ކުންފުނީގެ މަސައްކަތް މިވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

އެޗްއެމްޑީގެ މެނޭޖިން ޑިރެކްޓާ ރާޖީވް ނަތު ވިދާޅުވާގޮތުގައި މިހާރު އެ ކުންފުނިން ކޮންމެ މިނިޓެއްގެ ތެރޭގައި 6000 ސިރިންޖު އުފައްދައެވެ. މިއީ ދުވާލެއްގެ މައްޗަށް ހަތަރު މިލިއަން ސިރިންޖެވެ.

ކޮވިޑްގެ ހާލަތުގެ ކުރިން އަހަރެއްގެ މައްޗަށް މި ކުންފުނިން 2.5 ބިލިއަން ސިރިންޖް އަހަރެއްގެ މައްޗަށް އުފެއްދިނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކުންފުނީގެ އުފެއްދުންތެރިކަންވަނީ އެތަށް ގުނައެއް ބޮޑުކޮށްފަ އެވެ.

އިތުރުވެފައިވާ ބޮޑު ޑިމާންޑްއާއި އެއްވަރަށް އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި 1000-500 އާއި ދެމެދުގެ އަދަދަކަށް އާ މުވައްޒަފުން ނަގަން ޖެހުނުކަމަށް ރާޖިވް ވިދާޅުވި އެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ކޮލިޓީއަށް އަސަރު ނުކުރާނެހެން މުވައްޒަފުންނަށް ކިޔަވައިދީ، ތަމްރީނުކޮށް މަސައްކަތަށް ނެރެން ޖެހުނެވެ.

މިހާ ބޮޑު އަދަދަކަށް ސިރިންޖް އުފެއްދުމުގެ މަސައްކަތް ކުންފުނިން ކުރަމުން އަންނައިރު މިއީ އަދިވެސް ބޭނުންޖެހިފައިވާ މިންވަރާއި ގާތްކުރާ އަދަދެއް ވެސް ނޫނެވެ. ދުނިޔޭގެ އާބާދީގެ 60 ޕަސެންޓަށް ވެކްސިން ދިނުމަށް ޓަކައި އެކަނި ވެސް، 10 ބިލިއަން ސިރިންޖު އުފައްދަން ޖެހެ އެވެ.

ވެކްސިންތައް އުފެދި ޖަހަމުންދާ މިންވަރު ދުނިޔޭގައި އިތުރުވަމުން އަންނައިރު، އެކި ގައުމުތަކުގެ ސަރުކާރުތަކުން އަންނަނީ ސިރިންޖްތައް ގަނެ ރައްކާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއާއެކު މި ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީވެސް މިއީ އެވެ.

އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމަށްވާއިރު، މި ކުންފުނީގެ އުފެއްދުންތަކުގެ ތިންބައި ކުޅަ ދެބައި ހާޢްސަ ކުރަނީ އިންޑިއާއަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ބޭނުންތަކަށް ދެވެންއޮތީ ބާކީ އޮތް ތިންބައި ކުޅަ އެއްބައެވެ. އެއާއެކު މިހާރުވެސް ދުނިޔޭގެ އެކި ގައުމުތަމުން އަންނަ އެކި ހުށަހެޅުންތަކަށް ކުންފުނިން ފުރަގަސްދޭންޖެހޭކަން ރާޖިވް ފާހަގަކުރި އެވެ.

"ދުވާލެއްގެ މައްޗަށް ތިރީހަކަށް ނުވަތަ ސާޅީހަކަށް މެއިލް އާދޭ އެމެރިކާ، ޖަރުމަނު، އިޓަލީ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން. އެކަމަކު ގިނަ ފަހަރު ހަމަ ވަރަށް ހިތާމައާއިއެކު ބުނަން މިޖެހެނީ ނޫނެކޭ. ސެޕްޓެމްބަރާއި ހިސާބަށް ޕްރޮޑަކްޝަން މިއޮތީ ވަރަށް ބޮޑަށް ބުކްވެފައި،" ބީބީސީ އަށް ދިން ހާޢްސަ އިންޓަވިއުއެއްގައި ރާޖީވް ވިދާޅުވި އެވެ.

ސިރިންޖާއި ވެކްސިންއަކީ ބަޑިއަކާއި ވަޒަނެއްގެ ގޮތުގައިި ރާޖީވް ސިފަކުރާއިރު، މިހާލަތުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި، ވެކްސިން ހަދާ ކުންފުނިތަކާއި ސިރިންޖު އުފައްދާ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.

comment ކޮމެންޓް