ފިޔަވަޅުތައް އެއްކޮށް ދޫކޮށްލަން ޖެހޭ: ރައީސް ނަޝީދު

މާލޭގެ ރެސްޓޯރަންޓެގައި ބަޔަކު ޚިދުމަތް ހޯދަނީ --- ސަން ފޮޓޯ/ އަހްމަދުﷲ އަބްދުލްހާދީ

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް ދޫކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ސައިހޮޓާ، ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބަހައްޓާގަޑި ރޭގަނޑު 10:30 އަށް އިތުރު ކުރުމުން އެ ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކަށް ހައްލު ނުލިބޭނެ ކަމަސް އެ ވިޔަފާރިތައް ހިންގާ ފަރާތްތަކުން ބުނާ ކަމަށެވެ.

"މިހާރު ބޭނުންވަނީ މުޅިން ދޫކޮށްލަން،" ނަޝީދު ވިދާޅުވިއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރެއާއި ހަމައަށް އޮރީ ރޭގަނޑު 8:00 ގެ ފަހުން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭއާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އަންގައިފައެވެ.

ނަމަވެސް އެ ނިންމުން ބަދަލުކޮށް މިއަދު ވަނީ ރޭގަނޑު 10:30 އާއި ހަމައަށް އެތަންތަން ހުޅުވާލައިގެން ވިޔަފާރިކުރަން ހުއްދަ ދީފައެވެ.

ކެފޭ ރެސްޓޯރެންޓުތައް ބަންދު ކުރާ ވަގުތު އަވަސް ކުރުމުން، އެ ވިޔަފާރިތައް ހިންގާ ފަރާތްތަކުން ވަނީ ވަރަސް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި މިއީ ވިޔަފާރިތަކަށް ގެއްލުން ލިބޭގޮތަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އެ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާއެކު މާލެ ސަރަހައްދުގައި ކާފިއު ހިންގުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

އެގޮތުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު، ރޭގަނޑު އެގާރައިން ފަތިހު 4:30އާ ހަމައަށް ބޭރަށް ނުކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީ، ހަފްލާ އަދި ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުމާއި ޕާކުތައް ބަންދު ކުރުމާއި ކޮލެޖު، ޔުނިވާސިޓީގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައި، ނާސަރީ އަދި ޕްރީސްކޫލްތައް ބަންދުކުރުން ހިމެނެ އެވެ.

ރާއްޖެއިން މިހާތަނަށް 22،373 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އެ ބަލީގައި 66 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް